ކުރީގެ ފަސްޓް ލޭޑީންނާ އަޅާކިޔާއިރު މެޑަމް ސާޖިދާއަކީ ސުމެއް!

ކުރީގެ ފަސްޓް ލޭޑީންނާ އަޅާކިޔާއިރު މެޑަމް ސާޖިދާއަކީ ސުމެއް!

މުލިއާގެއަށް ވެދެވަޑައިގެންނެވުމުން މެޑަމް ސާޖިދާ މުހައްމަދު ވަނީ ދުނިޔެ ރަންވެފައެވެ. މުލިޔާގެއަށް ވެދެވަޑައިގަތުމަކީ ސާޖިދާއަށް ދުނިޔެ ރަންވާ ވަރުގެ ކަމަކަށް ވިޔަސް މީގެކުރިން ރާއްޖޭގެ ފަސްޓް ލޭޑީންކުރެ އެއްވެސް ބޭފުޅަކު ދުނިޔެ ރަންވާވަރުގެ ކަމަކަށް ފަސްޓް ލޭޑީކަން ނުވިއެވެ. ރާއްޖޭގެ ރިޔާސީ ތާރީހުގައި ކުރީގެ ރައީސުންގެ އަނބިކަބަލުންގެ ގޮތުގައި ތިއްބެވި އެއްވެސް ބޭފުޅަކު ގުއިނުދެކޭ ކާޅަށް ގުއިފެނިގެން އުޅޭހެން އުޅުއްވާފައެއް ނެތެވެ. 

ކުރީގެ ފަސްޓް ލޭޑީން ތުއްޕުޅު އިރުއްސުރެ ބޭނުންވެ ވަޑައިގަތުމުން ކުރިން ލިބިވަޑައި ނުގަންނަވާ މީރު ފަރިއްކޮޅެއް ފަސްޓް ލޭޑީއަކަށް ވެވަޑައިގަތުމަކުން ލިބިވަޑައެއް ނުގަންނަވައެވެ. ކުރިން ލިބިވަޑައި ނުގަންނަވާ އަރާމް ދާންމަތިކޮޅެއް ވަކި ފަސްޓް ލޭޑީއަކަށް ވެވަޑައިގަތުކަމުން ލިބިވަޑައެއް ނުގަންނަވައެވެ. ކުރިން ލިބިވަޑައި ނުގަންނަވާ ވަރުގެ ކާރުކޮޅެއް ފަސްޓް ލޭޑީއަކަށް ވެވަޑައިގަތުކަމުން ލިބިވަޑައެއް ނުގަންނަވައެވެ. ބޭނުންފުޅުވެ ވަޑައިގަތުމުން ކުރިން ވަޑައިނުގެންނެވޭ ގައުމަކަށް ފަސްޓް ލޭޑީއަކަށް ވެވަޑައިގަތުކަމުން ވަކި ވަޑައެއް ނުގަންނަވައެވެ.

ހަގީގަތުގައި ކުރީގެ ފަސްޓްލޭޑީން ތުއްޕުޅު އިރުއްސުރެ ލިބި ވަޑައިނުގަންނަވާ އަރާމެއް ތަނަވަސް ކަމެއް ފަސްޓް ލޭޑީއަށް ވެވަޑައިގަތުމަކުން އަލަކަށް ތަޖުރިބާ ކުރައްވާކަށް ޖެހިވަޑައެއް ނުގަންނަވައެވެ. އެއާއި ހިލާފަށް މެޑަމް ސާޖިދާއަށް ފަސްޓް ލޭޑީކަންވީ ބޮކަށް ރަންފުށް މައްޗަށް އެރުންފަދަ ކަމަކަށެވެ. އުޅުއްވާނެ ނޫޅުއްވާނެ ގޮތެއް އެނގިވަޑައިނުގެން ސާޖިދާއަށް އެ އުޅުއްވެނީ އެހެން ވެގެންނެވެ. 

ކުރީގެ ހުރިހާ ފަސްޓް ލޭޑީންނަކީވެސް ތުއްޕުޅު އިރުއްސުރެވެސް ރާއްޖޭގެ ނިސްބަތުގައި ތަނަވަސްކަމާއި ފޯރުންތެރި ކަމުގައި ލޯތްބާއި އިހުތިރާމް ލިބިގެން ރަނގަޅު ތަރުބިއްޔަތުގައި ބޮޑެތިވެ ވަޑައިގެންފައި ތިއްބެވި ބޭފުޅުންނެވެ. ވަކިވަކީން ކުރީގެ ކޮންމެ ފަސްޓް ލޭޑީއަކާއި މެދު ވިސްނާލިޔަސް ހާމަވެގެން ދަނީ އެ ބޭފުޅުންގެ ކިބައިގައި ތުއްޕުޅު އިރުއްސުރެ ވެސް ރިޔާސީ ކޮލިޓީ ހުންނަކަމެވެ. އެހެނީ އެ ބޭފުޅުން ނިސްބަތްވެ ވަޑައިގަންނަވަނީ ރާއްޖޭގެ ނިސްބަތުގައި ފޯރުންތެރި ގޮތްހުރި، މީހުންގެ ލޯތްބާއި އިހުތިރާމް ލިބިފައިވާ މައިން ބަފައިންނަށެވެ. 

ރައީސް އަމީނުގެ އަނބިކަބަލުން ފާތިމަތު ސައީދަކީ މުޅި ރާއްޖެ އެ ބޭފުޅަކަށްޓަކާ ފަހުރުވެރިވާ ހުސައިން ސޮލާހުންދީނުގެ ދަރިކަނބަލެކެވެ. އުޅުންތެރި ގޮތްހުރި ފޯރުންތެރި ތަރުބަވެތި އިލްމީ އާއިލާއަކަށް ނިސްބަތްވެ ވަޑައިގެން އަމިއްލަފުޅު ހާއްސަ ސަހުސިއްޔަތެއް އޮތް ބޭފުޅެކެވެ. އެ ކަމަނާ ފަސްޓް ލޭޑީކަމަކީ މާ ބޮޑު ހައިސިއްޔަތަކަށް ނުބައްލަވައެވެ. 

ރައީސް ނާސިރުގެ އަނބިކަނބަލުން ނަސީމާ މުހައްމަދު ކަލޭފާނަކީ މާލޭގައި ނަންހިގާ ގަދަރުވެރި ތަނަވަސް ބޭފުޅެއް ކަމުގައިވާ ކެރަފާ މުހައްމަދު ކަލޭފާނުގެ ދަރި ކަނބަލެކެވެ. އަރާމާއި ހިތްޕުޅު ހަމަޖެހިވަޑައިގަތުމުގައި ތުއްޕުޅު އިރުއްސުރެ ވެވަޑައިގެން ނުގަތް ކަމެއް ފަސްޓް ލޭޑިކަމަކުން ވެވަޑައިގެންފައި ނުވެއެވެ. 

ރައީސް މައުމޫނުގެ އަަނބިކަބަލުން ނަސްރީނާއަކީ މާލޭގައި ފުދުންތެރި ގޮތްހުރި އިހުތިރާމް ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ކަމުގައިވާ މަޝްހޫރު އިބްރާހީމް މަނިކު ދޮންމަނިކުގެ ދަރި ކަނބަލެކެވެ. ލޯތްބާއި އަޅާލުމާއި ފޯރުންތެރި ކަމުގައި ތުއްޕުޅު އިރުއްސުރެ އުޅުއްވި މެޑަމް ނަސްރީނާ އަަކީ ތުއްޕުޅުއިރު މަތީ ތައުލީމް ހޯއްދަވަން ރާއްޖޭން ބޭރުން ފުރުސަތު ލިބިވަޑައިގެން މަދު އަންހެން ކުދިންގެ ތެރޭގައި ހިމެނިވަޑައިގަތް ބޭފުޅެކެވެ. 

ރައީސް ނަޝީދުގެ އަނބިކަނބަލުން މެޑަމް ލައިލާ އަލީއަކީ ލާމަސީލް މިސާލެކެވެ. މެޑަމް ލައިލާ އަލީއަކީ މުޅި ރާއްޖެއަށް މަޝްހޫރު އެލިޔާ ގްރޫޕްގެ ވެރިޔާ އަލީ އަބްދުއްލާގެ ދަރިކަނބަލުންނެވެ. ތުއްޕުޅު އިރުއްސުރެ ލިބިވަޑައިނުގެން އަރާމެއް އުފަލެއް ފަސްޓް ލޭޑީއަށް ވެވަޑައިގަތުމަކުން ލައިލާއަށް ލިބިވަޑައެއް ނުގަންނަވައެވެ. ދިގު 30 އަހަރަށް ފަހު މެޑަމް ލައިލާއަށް ލިބި ވަޑައިގެން ފަސްޓް ލޭޑީކަމާއި ހެދި ހިފި ނުހުންނެވިގެން މެޑަމް ލައިލާ ނުއުޅުއްވައެވެ. 

ރައީސް ވަހީދުގެ އަނބިކަބަލުން މެޑަމް އިލްހާމަށް ބެއްޔަސް ފެންނަނީ އެއް ހަގީގަތެކެވެ. މެޑަމް އިލްހާމަކީ ވެސް މާލޭގައި ނަންހިގާ ފޯރުންތެރި ގޮތްހުރި ޖަވާހިރުވާދީ ހުސައިން އިބްރާހީމްފުޅުގެ ބޭޅުންކުރެ ބޭފުޅެކެވެ. ފަސްޓް ލެޑީ ވެގެން ވަކީން އިލްހާމް ހުސޭނަށް ލިބި ވަޑައިގެން އައުކަމެއް ނެތެވެ. 

ރައީސް ޔާމީނުގެ އަނބި ކަބަލުން މެޑަމް ފާތުންއަކީ ވެސް މުލިއާގެއަށް ވެންނެވިގެން އޮޅިވަޑައިގެން އުޅުއްވި ބޭފުޅެއް ނޫނެވެ. އޯގަތެރިކަމާއި ތަނަވަސްކަމާއި ފޯރުންތެރިކަމުގައި މުޅި ރާއްޖެއަށް މަޝްހޫރު ޝަބްނަމް އިބްރާހީމް ދީދީގެ ބޭފުޅަކަށް ވީތީ މެޑަމް ފާތުން އަކަށް މުލިޔޭގެއަކީ މާ މުހިންމު ތަނަކަށް ވެވަޑައެއް ނުގަތެވެ. 

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަނބިކަބަލުން މެޑަމް ފަޒްނާ އަހުމަދު އަކީ ދެވަނައެއް ނެތްފަދަ ފަސްޓް ލޭޑީއެކެވެ. ތަނަވަސްކަމާއި ފޯރުންތެރިކަމާއި ހިތްތިރިކަމުގައި ތުއްޕުޅު އިރުއްސުރެ ލާމަސީލް ބޭފުޅެކެވެ. މަޝްހޫރު ވިޔަފާރިވެރިޔާ ސިއްކަ އަހުމަދު އިސްމާއީލްގެ ދަރި ކަނބަލެކެވެ. ފަސްޓް ލޭޑީއަށް ވެގެން ކުރިން ލިބި ވަޑައިނުގަންނަވާ އައުކަމެއް މެޑަމް ފަޒްނާ ވެސް ތަޖުރިބާ ކުރައްވަން ޖެހިވަޑައެއް ނުގަންނަވައެވެ. 

ކުރީގެ ފަސްޓް ލޭޑީންނާ އަޅާ ބަލާއިރު މެޑަމް ސާޖިދާއަކީ ސުމެކެވެ. ތުއްޕުޅުއިރު މައިން ބަފައިން ވަކިވުމުގެ ސަބަބުން ލޯތްބާއި އަޅާލުން ލިބިވަޑައެއް ނުގަންނަވައެވެ. ނަސީބު ރަނގަޅުކަމުން ހެޔޮއެދޭ ފަރާތެއްގެ މަދަދުގައި މަތީ ތައުލިމް ހާސިލް ކުރެއްވުމަށް ފުރުސަތު ލިބިވަޑައިގަތަސް ހަޔާތުގެ ގިނަ ދުވަސްތައް ވޭތުވެ ދިޔައީ ބޭނުން ވެވަޑައިގެން ގިނަ ކަންކަން ނުވެއެވެ. ފޯރުންތެރި ތަނަވަސް ދިރިއުޅުއްވުމަކީ ސާޖިދާ ހުވަފެނުންވެސް ދެކިވަޑައިގަތް ކަމެއް ކަމަކަށް ނުބެލެވެއެވެ. 

ބައްޕާފުޅު ޖަނާބު މުހައްމަދު އިބްރާހީމަކީ ރާއްޖޭގައި ޒަމާނުއްސުރެ އޮތް ދީނީ އެއްބައިވަންތަކަން ނަގާލަން އުޅުއްވުމުގެ ސަބަބުން ޖަލުގެ ތޭރި ތަކުގެ ފަހަތުން ގިނަ ދުވަސްތަކަކަށް ޖާގަ ހޯއްދެވި ބޭފުޅެކެވެ. ބަންދުގައާއި ރާއްޖޭން ބޭރުގައި ގިނަ ދުވަސްތައް ހޭދަކުރައްވަން ޖެހި ވަޑައިގަތުމުގެ ނަތީޖާއަކަށްވީ އާއިލާ ރޫޅުމާއި ދަރިންކޮޅު ބިކަވުމެވެ. އެކަށީގެންވާ ތަރުބިއްޔަތެއް ނެތި ގިނަ ކުދިންތަކެއް މަގުމަތިވުމެވެ. ދަތި ހާލުކޮޅުގައި ސާޖިދާ ބޮޑުވެ ލިބިވަޑައިގެން ތައުލީމެއް ހޯއްދެވިފަހުން ހަޔާތުގެ ބައިވެރިއަކަށްވެސް ލިބިވަޑައިގަތީ މައިންފައިން ވަކިވުމުގެ ސަބަބުން ލޯތްބާއި އަޅާލުމުން މަހުރޫމުވެފައި ހުންނެވި ރުންކުރު ގޮތްދޫނުކުރައްވާ ބޭފުޅެއް ކަމުގައިވާ ޑރ. މުއިއްޒެވެ. ލަނޑަޔާ ވާނީ ލަނޑަޔާއެވެ. 

ހެއްދެވި އެއްޗެއް ހައްދަވައިގެން މަކަރާ ހީލަތުން ރާއްޖޭގެ ވެރިކަން މުއިއްޒު ހޯއްދެވުމުން ފަސްޓް ލޭޑީކަން ސާޖިދާއަށް ލިބިވަޑައިގަތަސް މެޑަމް ސާޖިދާގެ ކިބައިގައި ފަސްޓް ލޭޑީ ކޮލިޓީއެއް ނެތެވެ. މެޑަމް ސާޖިދާގެ ކޮންމެ އަމަލުފުޅަކުން ވެސް ފެންނަނީ އައު ކަމާ މަވެތިކަމެވެ. މެޑަމް ސާޖިދާއަށް ވެވަޑައިގެންފައި އެހުންނެވީ ނުމީސް މީސްވުމުން ވާކަހަލަ ގޮތެކެވެ.