މަސްކިލޯއަކަށް 25ރ ނުދެވެނީ އެސްޓީއޯއިން މިފްކޯ ވަކިކޮށްލުމުން

ރިޖެކްޓް މަަހަށް ވާގޮތަކީ އެންމެން ދަންނަ ބޮޑު ސިއްރެއް

މަސްކިލޯއަކަށް 25ރ ނުދެވެނީ އެސްޓީއޯއިން މިފްކޯ ވަކިކޮށްލުމުން

މަސްވެރިންނަށް އަގު ދެވޭނެ ހާލަތު ދައުލަތުގައި ނެތިގެން މިފްކޯއަށް މަސް ގަންނަ އަގު މުރާޖައާ ކުރާ ވާހަކަ މަޖިލީހުގެ ނައިބުރައީސް އަހުމަދު ނާޒިމް ދެއްކެވީމާ އަންނަނީ ހިންޏެވެ. ދައުލަތުގެ އާމްދަނީއާ މަހުގެ އަގާ ގުޅުވާ ގުޅުވުމަކީ އޮޅުވާލުމެކެވެ. ނާޒިމުވެސް ގަބޫލު ކުރައްވަންވީ އެ ހަގީގަތެވެ.

އެމްޑީޕީގެ ވެރިކަމުގައި މަސްވެރިންނަށް އަގު ދިނުމުގެ ގޮތުން އެޅި ހަމަނުޖެހޭ ފިޔަވަޅެއްގެ ގޮތުގައި ނާޒިމް ސިފަކުރެއްވީ 25 ރުފިޔާއަށް މަސްކިލޯއެއްގެ އަގު ހަމަޖެއްސުމެވެ. މަސް ގަންނަ އަގަށް އެބަދަލު ގެނައުމުން ކިލޯއަކުން 8 ރުފިޔާ ގެއްލުން ވާކަމަށް ނާޒިމު ވިދާޅުވާއިރު އެކަމުގެ ވަށައިގެން ހިނގާފައިވާ ކަންކަމަށް ނާޒިމު ވިސްނަވާފައެއް ނެތެވެ. 

އެމްޑީޕީ ސަރުކާރުން މަހުގެ އަގަށް ބަދަލު ގެނައީ އެކަން ކޮށްގެން ގެއްލުމެއް ނުވާނެ ގޮތަށް ކަންތައްތައް ރާވާފައެވެ. ޔޫރަޕަށް ރާއްޖޭގެ މަސްގަންނަ މަހުން ނަގާ ޓެކްސް ކަނޑާލުމުގެ ފެހި ސިގްނަލް އޮތީ ލިބިފައެވެ. އެކަމަށް ކުރަންޖެހޭ ކަންކަން އައީ ތަރުތީބުވެ ހަމަޖެހެމުންނެވެ. ވެރިކަން ބަދަލުވުމުން މުއިއްޒު ސަރުކާރަށް ޔޫރަޕާއެކު އެކަމަށް ކުރަންޖެހޭ ކަންކަން ކުރަން ނޭނގިގެން ނުކުރެވުމަކީ އެމްޑީޕީގެ މައްސަލައެއް ނޫނެވެ. ކުރީ ސަރުކާރުގެވެސް މައްސަލައެއް ނޫނެވެ. މަސްވެރިންގެ މައްސަލައެއް ވެސް ނޫނެވެ. 

ވެރިކަން ބަދަލުވުމާއެކު އިންޑިއާ ސަރުކާރާ ޖެހިގަތް ޖެހިގަތުމުގެ ސަބަބުން ޔޫރަޕިއަން ޔޫނިއަނުން ރާއްޖެއާމެދު ދެކޭގޮތް ބަދަލުވި ބަދަލުވުމަކީ ޔޫރަޕުން ރާއްޖެއަށް ލުއިތައް ދިނުމަށް ކުރިމަތިވި އެންމެ ބޮޑު މައްސަލައެވެ. ކަމެއް ބަޔަކު ކުރުމާ ނުކުރުމުގައި ކޮންމެ ފަހަރަކު އެޔެކޭ މިޔެކޭ ނުކިޔާނެއެވެ. 

މަހުގެ އަގުގެ ވަހަކަ ދައްކާއިރު ގަބޫލުކުރަންޖެހޭ އަނެއް ހަގީގަތަކީ މިފްކޯގެ ހާލަތެވެ. މިފްކޯއަކީ ހިޔާނާތާ ފަސާދައިގެ ސަބަބުން ބޮޑެތި ގެއްލުންތަކާ ކުރިމަތި ލާން ޖެހިފައި އޮންނަ ކުންފުންޏެކެވެ. ކޮންމެ ވެރިކަމެއް އޮތަސް މިފްކޯއިން ރާއްޖޭން ބޭރުކުރާ މަހުގެ ބޮޑުބައެއް ރިޖެކްޓްވުމާއި ރިޖެކްޓް މަަހަށް ދެންވާ ގޮތުގެ ވާހަކައަކީ އެންމެން ދަންނަ ބޮޑު ސިއްރެކެވެ. 

ރައީސް ސޯލިހުވެރިކަމަށް އިސްވެވަޑައިގެން އިރުވެސް މިފްކޯ ދަރާ ބޯހިކޭކަށްނެތެވެ. މަސްވެރިންނަށް ނުދީ 250 މިލިޔަނަށް ވުރެ ގިނަ ފައިސާ އޮތެވެ. ރައީސް ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 4 މަހުގެ ތެރޭގައި އެހުރިހާ ފައިސާ މަސްވެރިންނަށް ދައްކާ ހަލާސްކުރިއެވެ. އޭގެފަހުން އާއްމު ގޮތެއްގައި ހަފްތާއަކުން ހަފްތާއަކުން މަސްވެރިންނަށް މަހުގެ އަގުދެއެވެ. ކޮވިޑްގެ އާލަމީ ވަބާގައި ދައުލަތަށް އެއްވެސް އާމްދަނީއެއް ނުލިބި، މަސްބޭރު ނުކުރެވި ދެއަހަރެއްހާ ދުވަސް ދިޔަނަމަވެސް މަސްވެރިން ބަނާ މަހަށް މިފްކޯއިން އަގުދެމުން އައެވެ. 17 ނޮވެންބަރގައި ވެރިކަން ބަދަލުވި ސަރުކާރުން 11 ނޮވެމްބަރ 2023 ގައިވެސް މަސްވެރިންނަށް ފައިސާ ދޫކޮށްފައިވެއެވެ. 

ހިނގަ ހިނގާ އޮންނަ ދައުލަތެއް އެއްވެރިކަމުން އަނެއްވެރިކަމަށް ބަދަލުވާއިރު ވަރުތަވާނީ ދަރަނި އެކަންޏެއް ނޫނެވެ. ފައިސާއާއި މުދާވެސް ވާރުތަވާނެއެވެ. ވާރުތަވި ދަރނީގެ ވާހަކަ ދައްކާއިރު ބިޔަ މަސް ސްޓޮކެއްވަރުތަވީ ވާހަކައެއް ނުދެއްކެއެވެ. 

އޮތް ހާލަތުން މިފްކޯއަކީ އަމިއްލަ ފައިމައްޗަށް ކޮޅަށް ހުރެވޭވަރުގެ ކުންފުންޏަކަށް ނުވެއެވެ. އެހެން ކަމުން މަސްވެރިންނަށް އައިސް ފޯރުކޮށް ދިނުމަށް ރާއްޖޭގެ އެކިހިސާބުގައި ހުރި މިފްކޯގެ އައިސް ޕްލާންޓްތައް ފެނަކައާއި ހަވާލުކޮށްގެން އައިސް ޕްލާންޓްތައް އޮޕަރޭޝަނަށްގެނެސް މަސްވެރިންނަށް ފަސޭހައިން އައިސްލިބޭނެ ގޮތަށް ކަންކަން ކުރީ ސަރުކާރުން ހަމަޖެއްސިއެވެ. މަސްވެރިންނަށް ހަމައަގު ދިނުމަށް ހުރި ހުރަސްތައް ނައްތާލުމަށް މިފްކޯއަކީ އެސްޓީއޯ ސަބްސިޑަރީ ކުންފުންޏަކަށް ރައީސް ސޯލިހު ބަދަލުކުރެއްވިއެވެ. 

ރައީސް މުއިއްޒު ވެރިކަމަށް އިސްވެވަޑައިގަތުމަށްފަހު އެންމެ އަވަހަށް ކުރެއްވި ކަމަކީ އެއްވެސް ދިރާސާއެއް ކުރެއްވުމެއްނެތި މިފްކޯ މުސްތަގިއްލުކޮށް ލެއްވުމެވެ. އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް ގޮތުގައި އޮތްނަމަ މަސް ކިލޯއަކަށް 25ރުފިޔާވެސް ދެވުނީހެވެ. މަސްވެރިން މުޒާހަރާ ކުރަން ނުޖެހޭ ވަރަށް މަސްވެރިންނަށް މަހުގެ އަގުވެސް ދެވެމުން ދިޔައީހެވެ. ހުރިހާވެސް މައްސަލައަކީ ނޭނގޭ ހާލު ކުއްލިކުއްލިޔަށް ގެންނަ ކުއްލި ބަދަލެވެ. ފަހުން އުނބަށް ޖަހަންޖެހެނީ އެހެންވެއެވެ.