ޕީޕީއެމްގެ ކެންޑިޑޭޓަކު ވާދައެއް ނުކުރާނެ!

ޔާމީނުގެ "ސޭފް އެގްޒިޓް" އަކީ މީހަކު ނުނެރުން

ޕީޕީއެމްގެ ކެންޑިޑޭޓަކު ވާދައެއް ނުކުރާނެ!

އަދުރޭ އެ ބުނަނީ ވަރަށް ބޮޑު ތެދެކެވެ. މި ފަހަރަކީ ޕީޕީއެމްގެ ފަހަރެއް ނޫނެވެ. މި ފަހަރު ޕީޕީއެމަކުން ކެންޑިޑޭޓެއް ނުނިކުންނާނެއެވެ. ޕީޕީއެމާއި ޕީއެންސީ އޮތީ ރައީސް ޔާމީނުގެ ޓްރެކްގައެވެ. ރައީސް ޔާމީނު ހުންނެވީ ޕީޕީއެމް މިނިކާ ބާޒަކަށް ދެއްވާ ގޮތަކަށް ނޫނެވެ. 

ރައީސް ޔާމީނުގެ ފަހަރަކީ 2028 އެވެ. ރައީސް ޔާމީނު ޖަލުން ނިކުމެ ވަޑައިގަތުމަށް އެ ޕާޓީން މީހަކަށް ރިޔާސީ ޓިކެޓް ދީގެން އެމީހާ ވެރިކަމަށް ގެންނާކަށް ރައީސް ޔާމީނު ބޭނުންފުޅެއް ނުވެއެވެ. ރައީސް ޔާމީނު ނޫން މީހަކު ޕީޕީއެމްގެ ތެރެއިން ވެރިކަމަށް ގެނެސްގެން އެ މީހާގެ މުށުތެރެއަށް ޕާޓީ ވައްޓާލައްވައިގެން އެ މީހާ ބާރުވެރިކޮށް ދެއްވަން އެ މީހާގެ ފަހަތުގައި ހުންނަވާކަށް ރައީސް ޔާމީނު ހިތްޕުޅަކާ ނުވެއެވެ. 

ރައީސް ޔާމީނުގެ ހިޔަނީގައި މީހަކު ވެރިކަމަށް ގެނެސްގެން ޖަލުން ނިކުމެ ވަޑައިގެންނެވުނަސް 2028 އާއި ހަމައަށް ރައީސް ޔާމީނު ހުންނަވަން ޖެހި ވަޑައިގަންނަ ވާނީ ހުސް އަތާ އެހެން މީހަކަށް ހޭހަން ކޮށްދެއްވާށެވެ. އެހާ ތަނަށް އަންނައިރު ވެރިކަމުގައި ހުރި މީހަކު ބާރުވެރިވެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ހުވަފެނުން ވެސް ފެނިވަޑައިނުގަންނަވާނެ ކަން ރައީސް ޔާމީނަށް އެނގިވަޑައި ގަންނަވައެވެ. 

ޕީޕީއެމްގެ ކެންޑިޑޭޓެއް ނުނެރި ރައީސް ނަޝީދާއި ގާސިމް އިބްރާހިމް ފަދަ ވެރިކަން ނޫން ކަމެއް ބޭނުންފުޅު ނުވާ ބޭފުޅެއްގެ ފަހަތަށް ޕީޕީއެމް އަރާ އެއިން ބޭފުޅަކަށް ވެރިކަން ހޯދާ ދެއްވުމަށް ވުރެ ރައީސް ސޯލިހާ ބައިއަތު ހިފުންވެސް ރައީސް ޔާމީނަށް ފައިދާ ބޮޑެވެ. އެހެނީ ރައީސް ސޯލިހު މީހާރު ފައިނަންގަވައިގެން އެ ހުންނެވީ އެމަނިކުފާނުގެ ދެވަނަ ދައުރަށް ކަމުން 2028ގައި ރައީސް ސޯލިހަށް ވާދަކުރެއްވުމުގެ ފުރުސަތު ނެތުމަކީ ރައީސް ޔާމީނަށް ހެޔޮފާލެކެވެ. 

ހިނގަމުންދާ ޝަރީއަތްތައް ކޮޅެއްގައި ޖެހި ނިމޭ އިރު މިނިވަންވެ ވަޑައިގެން ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ އުންމީދު ރައީސް ޔާމީނަށް ވަރަށް ކުޑަކަން ހޮދު އެ މަނިކުފާނު ވެސް ގަބޫލު ކުރައްވައެވެ. އެހެން ކަމުން "ސޭފް އެގްޒިޓް"އެއް ރައީސް ޔާމީނަށް އޮތީ ޕީޕީއެމްއިން ރިޔާސީ އިންތިހާބުގައި މީހަކު ނުނެރުމުންނެވެ. ރައީސް ސޯލިހަށް ދެވަނަ ދައުރަކަށް އިންތިހާބު ވުމަށް ފުރުސަތ ދެއްވުމަށް ވުރެ ފަހި އެއްވެސް ގޮތެއް މި ހާލަތުގައި ރައީސް ޔާމީނަކަށް ނެތެވެ. 

ރައީސް ސޯލިހު ދެވަނަ ދައުރަކަށް ހޮވިވަޑައިގަތުމުން ކްލަމެންސީގެ ތެރެއިން ރައީސް ޔާމީނަށް މިނިވަންވެ ވަޑައިގަތުމުގެ ފުރުސަތު ބޮޑެވެ. ވެރިކަމުގައި ހުންނެވީ ޕީޕީއެމްގެ މީހެއް ނޫން ކަމުން ޕީޕީއެމް، ޕީޕީއެމްގެ ގޮތުގައި ރައީސް ޔާމީނަށް ލިބިވަޑައިގަންނަވާނެއެވެ. އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ލީޑަރުކަން ނުގެއްލި އަތްޕުޅު މަތީގައި އޮންނާނެއެވެ. އިދިކޮޅު ލީޑަރުގެ ގޮތުގައި 2028 އަށް ފިސާރި ރަނގަޅަށް ތައްޔާރުވެ ވަޑައިގެންނެވޭނެއެވެ. ވަކި ސިޔާސީ މީހެއްގެ ދެލިފޭލި އުފައްލަވަން އެންމެ ހިނދުކޮޅަކުވެސް ރައީސް ޔާމީނު ހުންނަވާކަށް ނުޖެހޭނެއެވެ. އަދުރޭމެން ނުސީދާކޮށް އެ ދައްކަވަނީ ހަމަ އެ ވާހަކައެވެ.