އީވާއަށް: ކުރާ ހުވާއަކީ ސިޔާސީ ޗަރުކޭހުގެ ޕާސްވޯޑެއްނޫން
ބަޖެޓް ފާސްނުވެ އޮވެގެން ގައުމު ހުއްޓުން ނިމުނީ!
މީހުންގެ ހުންނަ ގޮތް ނެތްކަން ނިކަން ދެކެބަލާށެވެ. ރެއަކަށް އިރު އޮއްސިފައި އިރު އެރިއިރު މިއަދު ދައްކަނީ އިއްޔެ ދެއްކި ވާހަކަ ދިމާ އިދިކޮޅަށެވެ. ރައްޔިތުން އިންތިހާބުކޮށްފައި ތިބޭ އެމީހުންގެ މަންދޫބުން މިހާވަރަށް މުނާފިގު ވީމާ އެތަނަކުން ހަޔާތް އަރުއްވައި ގަންނާކަށް ލަހެއް ފަހެއް ނުވާނެއެވެ. ދެކޮޅުވެރިކަމާ ބަދަލު ހިފުން އަށަނުގަނެއެއް ނުދާނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުއްލާ އަކީ އޭގެ މިސާލެކެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި ހުރި އޭނާގެ ދެބެންގެ ދެދަރި ބޭބެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ ނުހިންގާ ޕާކްކޮށްފައި ބާއްވައިގެން ބޭނުންވީ ބަޖެޓް ޖަލްސާތައް ފަށައިގެން ކުރިއަށް ގެންދާށެވެ. މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އޮއްވާ އެކަން ނުކޮށް މަޖިލީހުގައި އެހެން ކަމެއް ނުކުރާން ގާނޫނުގައި އޮތަސް އެކަން ނުކޮށްވެސް ބަޖެޓްގެ މައްސަލަ ކުރިއަށް ގެންދަން ސްޕްރީމް ކޯޓުގެ ހުކުމަކުން ބާރުދޭކަމަށް ބުނެ ބަޖެޓްގެ ކަންތައް ކުރިއަށްގެންދަން އީވާ ހުރީ އެއްރޮއްޖަށް ފޫގަޅައިގެނެވެ. ރައީސް ނަޝީދު މަޖިލީހުގެ ރައީސްކަމުގައި އިތުރު ހިނދުކޮޅަކުވެސް ބެހެޓެވޭތޯ އީވާ މަރުދިނެވެ.
އަނހާ! ސަހަރޯއެވެ. ހަމަ އެދުވަހު މަޖިލީހުގެ ރައީސްކަމުން ރައީސް ނަޝީދު ވަކިކުރާނެ ކަމުގެ ޔަގީންކަން ލިބިގެން އިސްތިއުފާދީފާ ތިރިގޮނޑިއަށް ރައީސް ނަޝީދު ފޭބިއެވެ. އެހިސާބުން އައު ރައީސަކު ހޮވާ މަޖިލީސް ހަމަ މަގުގާ ހިނގައިގަންނަ ގޮތް ހެދިއެވެ. އެހެން ކަމުން ޖެހިގެން އައި ދުވަހު (މިއަދު) ބަޖެޓް މައްސަލަ އެޖެންޑާކޮށް ބަޖެޓް ފާސްކުރުމުގެ މަސައްކަތް މަޖިލީހުގައި ފެށުނެވެ.
ކަމަކު ދާކަށް ނެތެވެ. ބަޖެޓްގެ މަސައްކަތް ނުފަށައިގެން ގައުމު ހުއްޓޭތީ ފަޔަށް ހިނިއަރައިގެން އުޅުނު މެންބަރު އީވާއަށް އެކަމެއް ކުރާކަށް މިއަދަކު ކަމަކު ނުދިޔައެވެ. މަޖިލީހުގެ ތަޅުމުގައި އެކޮޅުކޮޅުން ޖެހުނީ ބަޖެޓްގެ މަސައްކަތް ފެށުމުން އެކަން ކުރިޔަނުދޭށެވެ. މިހާރަކު ބަޖެޓް ފާސް ނުވެ އޮވެގެން ގައުމު ހުއްޓޭ ކަމަކަށްވެސް އީވާއަކަށް ނުވެއެވެ.
އިންތިހާބުކޮށް މުސާރަދީފައި ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި މަޖިލީހަށް ފޮނުވަނީ މަޖިލީހުގައި ހިނގަނީ ސިޔާސީ ކަންކަމޭ ބުނެ އެމީހުން ޗަރުކޭސް ކުޅޭކަށް ނޫނެވެ. ކޮންމެ ކަމެއް ކޮންމެ ގޮތަކަށްކޮށްފާ އެހުންނަނީ ސިޔާސީ ކަންކަމޭބުނެ ކަމުން ރެކެން ނޫޅޭށެވެ. މާތް ކަލާނގެ ގަންދީ ކުރާ ހުވާއަކީ މަޖިލީހުގައި ކުރާނެކަމެއް ކުރާނެ ގޮތަކަށް ކުރަން މަޖިލީހަށް ވަނުމަށް ޖަހާ ޕާސްވޯޑެއް ނޫނެވެ.