ގައުމު ކޮރަޕްޝަންގެ ހާއްޔަކަށްވީ އޮޑިޓަރ ޖެނެރަލްގެ އިހުމާލުން!

ގައުމު ކޮރަޕްޝަންގެ ހާއްޔަކަށްވީ އޮޑިޓަރ ޖެނެރަލްގެ އިހުމާލުން!

2021 ވަނަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހު އޮޑިޓަރ ޖެނެރަލް ކަމާ ހަވާލުވި ހުސައިން ނިޔާޒީ މި ހުރިހާ ދުވަހު ހޭވީ ކޮން ހަޑިއެއް ހެއްޔެވެ. ދައުލަތުގެ ތަންތަން އޮޑިޓް ކުރުމަކީ ވެރިކަން ބަދަލުވުމުން ކުރަން އޮންނަ ކަމަކީ ހެއްޔެވެ. ކުރީ ވެރިކަމުގެ ދުވަސްވަރު ފެނަކަ ފަދަ ކުންފުނިތައް އޮޑިޓް ނުކޮށް ލޯމަރައިގެން ހުރީ ކީއްވެހެއްޔެވެ. 

ފެނަކައިގައި ކޮރަޕްޝަން ހިންގާކަމަށް ތުހުމަތުކޮށް ދެކެވުނު ވާހަކައިގެ އަޑު އޭރު ނިޔާޒީއަށް ނީވެނީ ހެއްޔެވެ. ރައީސް ސޯލިހުގެ ވެރިކަމުގެ ފަހު 3 އަހަރުވެސް އޮޑިޓަރ ޖެނެރަލް ކަމުގައި ހުރީ ނިޔާޒީ ނޫންހެއްޔެވެ. އަހަރުން އަހަރަށް ދައުލަތުގެ މުއައްސަސާތައް އޮޑިޓް ނުކޮށް މަގާމުގެ މުސާރަ ނަގަނަގާ ހުއްޓަކަސް އަދި ކަމަކު ނުދާނެއެވެ. 

އަހަރުން އަހަރަށް މުއައްސަސާތައް އޮޑިޓްކުރަން އޮތީ ކޮންހުރަހެއް ހެއްޔެވެ. ބަޖެޓް ނުދެނީ ހެއްޔެވެ. މުއައްޒިފުންނާ ވަސީލަތް ނެތީހެއްޔެވެ. ފައިސާއާއި ވަސީލަތާއި މުއައްޒަފުން ނެތުމުގެ ބަހަނާ ދައްކައިގެން ޒިންމާއަކުން ނުރެކެވޭނެއެވެ. މަސައްކަތް ކުރެވެން ނެތް ޒިންމާއަކާ ހަވާލުވެގެން މަހުން މަހަށް މުސާރަ ނަގަނަގާ ހުރުމަށްވުރެ ބޮޑު ހިޔާނާތެއް ނުއޮންނާނެއެވެ. 

އުފެދުނީއްސުރެ ފެނަކަ ކޯޕަރޭޝަންގެ ކޮރަޕްޝަނުގެ ވާހަކައަކީ އެއްވާނަކަށް މުޅި ގައުމުގައި ދެކެވޭ ވާހަކައެކެވެ. އެހެން ކަމުން ހާއްސަ އިސްކަމެއް ދީގެން އަހަރުން އަހަރަށް ފެނަކަ އޮޑިޓް ކުރުމަކީ އޮޑިޓަރ ޖެނަރަލް ކުރަންޖެހޭނެ ކަމެއް ނޫންހެއްޔެވެ. ބަޔަކު ކުރާނެހާ ކަމެއް ކުރަން ދޫކޮށްލައިގެން ހުރެފައި ވެރިކަން ބަދަލުވުމުން ކުރީ ސަރުކާރު ވަގު ބަދުނާމު ކުރަން ފަސް އަހަރުގެ އޮޑިޓެއް ކުއްލިއަކަށް ކޮށްލުމަކީ މަގާމުގެ ޒިންމާ އުފުލުން ކަމަކަށް ނުވާނެއެވެ. ކުރިން ކަންކުރި މީހުންގެ ގައިރު ހާޒިރުގައި އެހެން ބަޔަކު ދޭ މައުލޫމާތަކާއި ދައްކާ އެއްޗަކަށް ބަލައިގެން ކުރާ އޮޑީޓަކުން ހަގީގަތެއް ސާފެއް ނުވާނެއެވެ.  

އެއްވެސް އިރަކު އެއްވެސްތަނެއް އޮޑިޓްކުރުމަށް ސަރުކާރުން ހުރަސް އަޅާނަމަ ހުރަސްތައް ނައްތާލަން މަސައްކަތްކޮށް ތުހުމަތުތައް ބޮޑެތި ތަންތަން ކޮންމެ އަަހަރަކުވެސް އޮޑިޓް ކުރުމަކީ އޮޑިޓަރ ޖެނެރަލް ކުރަންޖެހޭނެ ކަމެކެވެ. ހުރަސްތައް ނައްތާލަން ކުރެވޭ މަސައްކަތް ނާކާމިޔާބު ވާނަމަ އެޅިހުރަހަކީ ކޮބައިކަން ރައްޔިތުންނަށް ހާމަ ކޮށްދީ މަހު މުސާރަ ނަގަން ނުހުރެ މަގާމުން އިސްތިއުފާ ވެސް ދޭން ޖެހޭނެއެވެ. 

ކޮރަޕްޝަނާއި ފަސާދަ ހިންގަން ޖާގަ ދީގެން އެތައް ދުވަހަކު ހުރެފައި ތައައްސަބުން ފުރިގެންވާ އޯޑިޓް ރިޕޯޓެއް ނެރެގެން މުޅި ރާއްޖެ ހަމަ ނުޖެހުމުގެ ތެރެއަށްވައްޓާލާ އެތައް ބައެއްގެ އަބުރު ގެއްލުވާލުމަކީ ނިޔާޒީ ކުރި މާ މޮޅުކަމެއް ނޫނެވެ. ފެނަކައިގެ ވިޔަސް އެހެން ތަނެއްގެ ވިޔަސް ކަންކަން ގޯހުން ގޯހަށް ދުއްވާލީ މަހުން މަހަށް މުސާރަ ނަގައިގެން ހުސައިން ނިޔާޒީ މަގާމުގެ ގާނޫނީ ޒިންމާ މަހުން މަހަށް އަދާނުކުރުމުންނެވެ.