މުއިއްޒު ވެރިކަމުގާހުރެ ޔާމީނު ދޫކޮށްދޭން މެސެޖްކުރީ ސޯލިހަށް؟
ޔާމީނަށް ރައީސް ސޯލިހު ލުއިދިނީ މުއިއްޒު އެދިގެނެއްނޫން
ވެރިކަމަށް ހޯއްދެވުމަށް ވެވަޑައިގެން ބޮޑު އެއްވައުދަކީ ރައީސް ޔާމީނު މިނިވަން ކުރެއްވުމުގެ ވައުދެވެ. ޔާމީނަށް ކުރި ހަރާން ހުކުމެއްގެ މައްޗަށް ތަންފީޒު ކުރެވެމުން ދިޔަ ޖަލުހުކުމެއް ކަމަށް އޭރު މުއިއްޒު ބުނަމުން ދިޔައީ އެއްތާކު ދެތާކު ނޫނެވެ. ރައީސް ކަމުގެ ހުވާ ކުރާ ދުވަހަކީ ޔާމީނު މިނިވަން ކުރާނެ ދުވަސްކަމަށް ތަކުރާރުކޮށް ބުނަމުން ގެންދިޔައެވެ. މުއިއްޒު ރައީސް ކަމަށް ހުވާކުރާ ދަރުބާރުގައި މިނިވަނެއްގެ ގޮތުގައި ޔާމީނު ބައިވެރިވާނެ ކަމަށް މުއިއްޒު ބުނަމުން ގެންދިޔައެވެ.
ޔާމީނުގެ ޕްރޮކްސީގައި ރައީސްކަމަށް ވާދަކުރި މުއިއްޒު ރައީސްކަމަށް އިންތިހާބުވިއެވެ. އެހެންކަމުން ރައްޔިތުންގެ ގިނަ ބައެއްގެ ލޯތްބާ ތާއީދު ޔާމީނަށް އޮތްކަން ކުރީގެ ރައީސް ސޯލިހު ފާހަގަ ކުރިއެވެ. ޔާމީނަށް ދިންލުޔެއް ރައީސް ސޯލިހު ދިނީ މުއިއްޒު އެދިގެނެއް ނޫނެވެ. ޔާމީނު ޖަލުން ގެއަށް ބަދަލު ކޮށްދިނީ ރައްޔިތުންގެ ނިންމުމަށް ރައީސް ސޯލިހުކުރި އިހުތިރާމުންނެވެ. އެއްޔަކީ ކަންދެއްކުމަށްޓަކާ ސޯސަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި އިންތިހާބީ ރައީސް ގޮވާލި ގޮވާލުމަށް ކުރިކަމެއް ނޫނެވެ. ގާނޫނުން ރައީސަށް ލިބޭ އިހުތިޔާރުން ޔާމީނަށް އޭރު ދެއްވެން އޮތް އެންމެ ބޮޑުލުއި ރައީސް ސޯލިހު ދިނެވެ. އިސްތިއުނާފު ހިނގަމުން މާ މައްސަލައެއް ކަމުން ކްލެމެންސީ ގާނޫނުގެ ދަށުންވެސް އެއަށްވުރެ ބޮޑު ލުޔެއް ރައީސަށް ދެވޭކަށް ނޯވެއެވެ.
މުއިއްޒު ބުނިހެން އިންތިގާލީ މަރުހަލާ ނިމި ރައީސް ކަމަށް މުއިއްޒު ހުވާކުރި ދަރުބާރަކު ޔާމީނެއް ނެތެވެ. ހުވާކުރުމަށް ފަހު އެ ދަރުބާރުގައި ބާރުލާފައި ބުނީ އެ ވަގުތުން ފެށިގެން ކޯޓުތަކަށް އަތްބޭނުން ނިމުނީ ކަމަށެވެ. އެ ބުނިގޮތަށް ކޯޓުތަކަށް އަތްބޭނުން ނިންމާލިކަމަށް ބުނި ހިސާބުން ވެސް ޔާމީނެއް މިނިވަނެއް ނުވިއެވެ. އޭގެ އެތައް ދުވަހެއް ފަހުން ޔާމީނު އަމިއްލައަށް ކުރި ދިފާއީ މަސައްކަތުން ހުކުމް ބާތިލުކޮށް ޝަރީއަތް އަލުން ކުރުމަށް ހައިކޯޓުން ނިންމި ނިންމުމަކީ މުއިއްޒު މަސައްކަތުން ވީކަމަކަށް ނުވާނެއެވެ.
އެއްވެސް މީހަކަށް ހައްގުނޫން އަނިޔާއެއް ލިބުން ހުއްޓުވުމަކީ ރައީސްގެ މައްޗަށް ލާޒިމުކަމެކެވެ. ރައީސް ޔާމީނުގެ މައްޗަށް އިއްވާ ތަންފީޒު ކުރަމުން ދިޔަ ހުކުމަކީ ހަރާން ހުކުމެއް ކަމަށް ގަބޫލުކުރާ ރައީސުލްޖުމްހޫރިއްޔާއަކަށް ހަރާން ހުކުމެއް ތަންފީޒުކުރާ ކުރުން ވަގުތުން ހުއްޓުވަން ޖެހޭނެއެވެ. ޔާމީނުގެ މައްޗަށް ތަންފީޒު ކުރެވުނު ހުކުމަކީ ހަރާން ހުކުމެއް ކަމަށް ރައީސް ސޯލިހު ގަބޫލު ކުރެއްވި ނަމަ އެކަން ވަގުތުން ހުއްޓުވީހެވެ. ރައީސް ޔާމީނަށް ތަންފީޒު ކުރެވުނު ހުކުމަކީ ހަރާން ހުކުމެއް ކަމަށް ގަބޫލު ކުރާކަމަށް ދެއްކި ރައީސް މުއިއްޒު ވެރިކަމަށް ހުވާކުރުމަށް ފަހު ޔާމީނު މިނިވަން ނުކޮށް ފަނޑިޔާރުންގެ ކަމަކަށް އެކަންހެދީ ޔާމީނު މިނިވަން ކުރަން ބޭނުން ނުވެގެންނެވެ.
ޔާމީނު މިނިވަން ކޮށްދިނުން އެދި ރައީސް ސޯލިހަށް ރައީސް މުއިއްޒު ފޮނުވި މެސެޖްތައް ރައީސް ސޯލިހުގެ ފޯނުގައި މިހާރުވެސް ހުންނާނެއޭ ބުނުމުން ގަބޫލު ކުރާނީ ކާކުހެއްޔެވެ. ރައީސް ސޯލިހުގެ ވެރިކަން ނިމުނު ފަހުން ވެސް ޔާމީނު މިނިވަން ނުވެހުރެގެން މިނިވަން ކޮށްދިނުން އެދި ރައީސް މުއިއްޒު މެސެޖް ފޮނުވީ ރައީސް ސޯލިހަށްތާއެވެ.