ގާސިމު ކުރާ ކަމަކީ އަމިއްލަ އަންބޮނޑި ބޮޑުކުރުން
މީހަކަށް ވެރިކަން ހޯދާދޭން ގާސިމު ނޫޅުމަކީ ރަނގަޅު ނިންމުމެއް
ޕާޓީތަކަށް ވެރިކަން ހޯދައިދޭން ގާސިމު އުޅޭނެ ކަމެއްނެތެވެ. ހޮދު ޖުމްހޫރީ ޕާޓިއަށް ވެރިކަން ހޯދަން ވެސް އުޅޭނެ ކަމެއް ނެތެވެ. ވެރިކަން ހޯދާށާއި ވެރިކަން ހޯދާ ދޭން އުޅުއުޅެ ގާސިމު ވަރުބަލި ވެއްޖެކަން ގާސިމު ނުބުންޏަސް ވެސް ދިވެހިންނަށް އެނގެއެވެ.
މީގެ ފަހުން ވަކި މީހަކަށް ތާއީދުކޮށް ވެރިކަން ހޯދާދޭން ގާސިމު ނޫޅުމަކީ ރަނގަޅު ނިންމުމެކެވެ. އެގޮތަކީ ދިވެހިން މާ ބޮޑަށްވެސް އެދޭ ގޮތެކެވެ. އެހެނީ މިވީހާ ތަނަށް ގާސިމު ކުރިކަމެއް ކުރީ ގައުމަށާ ރައްޔިތުންނަށް ހެވާ ލާބައަށްވުރެ އަމިއްލަ ފައިދާއަށް ކަމަށް ގިނަބަޔަކު ގަބޫލުކުރުމެވެ.
ރާއްޖޭގެ ސިޔާސީ ޕާޓީތައް ހަމަ ރަނގަޅަށް ވެސް ފެއިލްވެއްޖެ ކަމަށް ގާސިމު ބުނީމާ ފިސާރި ބާރަށް މީހުން ހިނި އާދެއެވެ. ސިޔާސީ ޕާޓީއެއް ހަދައިގެން އެ ޕާޓީއަކީ ވިލާ ކުންފުންޏަށް ވިޔަފާރި ހޯދާދޭ ސިޔާސީ ގޮތްޕަށް ހަދައިގެން ކޮންމެ ސަރުކާރަކުން ބޮޑުބައި ނަގައިގެން އުޅެމުން އެމީހުންނާއެކު އިތުރަށް ކެތެއް ނުކުރެވޭނެ ކަމަށް ގާސިމު ބުނީމާ ދުލެއް ނެތް މީހަކު ދުލެއް ގަނެގެންވެސް އެއްޗެއް ނުބުނެ ނުހުންނާނެއެވެ.
ގާސިމު ބުނާ ގޮތުން އެމްޑީޕީއަށް ދެ ފަހަރު ވެރިކަން ހޯދައިދިނީ ގާސިމެވެ. ޕީޕީއެމަށް ވެރިކަން ހޯދާ ދިނީ ވެސް ގާސިމޯލައެވެ. ގާސިމު ބުނާ ގޮތުން އެމްޑީޕީގެ ދެ ރައީސުން ވެސް ކަންތައް ކުރީ ގާނޫނު އަސާސީއާ މުޅިން ހިލާފަށެވެ. ގާސިމު އެހެން ބުނާއިރު މިހާރުވެސް އެމްޑީޕީ އިސްވެ އޮވެ ހިންގަމުންދާ ސަރުކާރުގައި ޓްރާންސްޕޯޓް މިނިސްޓަރަކީ ގާސިމުގެ އަންހެނުންނެވެ. ފިޝަރީޒް މިނިސްޓަރަކީ ގާސިމް ދިން ސްލޮޓެއްގައި ހުރި ގާސިމުގެ މިހާރުގެ އެޑްވައިޒަރެކެވެ. އަދިވެސް އެތައް ބައިވަރު ސިޔާސީ މަގާމެއް ސަރުކާރުން ގާސިމު އޮތީ ހިސޯރުކޮށްފައެވެ. މިހެން މިކަން އޮތް އިރު ގާނޫނު އަސާސީއާއި ހިލާފަށް މި ސަރުކާރުން އެއްވެސް ކަމެއް ކުރާނަމަ އެކަމެއްގައި ގާސިމުގެ ސީދާ ބައިވެރިވުން ނެތް އެއްކަމެއްވެސް ނޯންނާނެކަން ކަށަވަރެވެ.
ރާއްޖޭގެ މަސްކަނޑުން ބައެއް ދޫކޮށްލިކަމުގެ ތުހުމަތު މި ސަރުކާރަށް ގާސިމު ކުރާއިރު މި ސަރުކާރުގެ މަސްވެރިކަމަ ބެހޭ ވަޒީރަކީ ގާސިމުގެ އަޅެކެވެ. ޕަޕެޓެކެވެ. ޓޫރިޒަމް މިނިސްޓަރުކަން މި ސަރުކާރުގައި މިހާތަނަށް ކުރީވެސް ގާސިމު ޕާޓީގެ ފަރާތުން ގާސިމު އިސްކޮށްފައި ތިބި މީހުންނެވެ. އަލީ ވަހީދާއި މައުސޫމެވެ. މިހާވަރަށް މީހެއްގެ ހޭ ދެބައިވިމާ އެ މީހެއްގެ ބުއްދި ހަމަކަމާމެދު ސުވާލު އުފެދެއެވެ.
ތެދެއް ބުނަން ހެއްޔެވެ. މިހާރު މިހިނގާ ރިޔާސީ އިންތިހާބުގައި ލާވޯޓު ދެވަނަ ބުރަކަށް ހިގައްޖެ ނަމަ ދެވަނަ ބުރަށްދާ ކޮންމެވެސް އެއްްބަޔަކާ ގާސިމު އަދިވެސް ބައިއަތު ހިފާނެއެވެ. ފިސާރި ގިނަ ކަންކަން ޝަރުތުކޮށް ދައުލަތުން ބޮޑު ބައެއް އަމިއްލަ ޖީބަށް މަހާލަން ޑިމާންޑް ކުރާނެއެވެ. އޭނާ އަރާ ފަޅިއަކަށް ވެރިކަން ލިބެއްޖެނަމަ އެދެން ކަންތަކާ ޖެހުނީއެވެ. އެ ބަޔަކަށް ވެރިކަން ހޯދާދިނީ އޭނާ ކަމަށްވެ މުޅި ދައުލަތުގެ ބާރުހުރި މަގާމުތައް ކައްވާލަން ފޫގަޅާނެއެވެ.
ދަތުރުފަތުރާ ޓޫރިޒަމާ މަސްވެރިކަން ފަދަ އޭނާގެ ވިޔާފާރި މަސްލަހަތު ހުރި ހުރިހާ ދާއިރާއެއްގެ ކޮންޓްރޯލު ހޯދަން ނޫޅެފިއްޔާ އެއީ ގާސިމެއް ނޫނެވެ. ހައްގުތެދެކެވެ. އެއްވެސް އިރަކު ގާސިމަކީ ދައުލަތް ލޫޓުވައިގެން އަމިއްލަ އަންބޮނޑި ބޮޑުކުރުން ނޫން ކަމެއް ކުރި މީހެއް ނޫނެވެ.