ދިވެހީންގެ ރާއްޖޭގައި ރިޓަޔަރޑް މިލިޓަރީ ސަރުކާރެއް

ދިވެހީންގެ ރާއްޖޭގައި ރިޓަޔަރޑް މިލިޓަރީ ސަރުކާރެއް

ރައްޔިތުން ރާއްޖޭގެ ވެރިން ހަވާލުކުރީ ފޭދޫ އަލީ އިހުސާނަކާ ނޫނެވެ. ފުނަދޫ އަބްދުއްރަހިމަކާވެސް ނޫނެވެ. އަދި ކިއެއްތަ ޖަނާބު ޝޭހުގެ ދަރި ސާޖިދާއަކާވެސް ނޫނެވެ. ޑރ. މުހައްމަދު މުއިއްޒާއެވެ. 

މާތް ރަސްކަލާނގެ ގަންދީ ހުވާކޮށްގެން ވެރިކަމާ ހަވާލުވެ ހުރީވެސް މުއިއްޒެވެ. މުއިއްޒު ވެރިކަން ކޮށްދޭން ޖެހެނީ ރައްޔިތުންނަށެވެ. ސާޖިދާއަކަށް އަދުރޭއަކަށް އިހުސާނަކަށް ނޫނެވެ. މުއިއްޒު ވެރިކަމާ ހަވާލުވީއްސުރެ ފެންނަނީ ކޮންމެވެސް މީހަކަށް ވެރިކަން ކޮށްދޭން އުޅޭތަނެވެ.

މުއިއްޒު ވެރިކަމަށް އައީވެސް ވެރިކަން ކުރަނީވެސް ކޮންމެވެސް މީހެއްގެ މުއްޕަތުންނެވެ. ރައީސް މުއިއްޒަށް ގާނޫނީ ގޮތުން ކިތަންމެ ބޮޑު ބާރެއް ލިބިހުރި ނަމަވެސް ފެންނަނީ ކޮންމެވެސް މީހަކު ރުއްސަން އުޅޭތަނެވެ. 

ވެރިކަންފެށީ ސާޖިދާގެ މީހުންނަށާއި އަދުރޭގެ މީހުނަށް ދައުލަތުން މުސާރަ ދީގެން ދައުލަތް ބަހާލަމުންނެވެ. ވަކިވަކި މީހުން ރުއްސުމަށް ބޭކާރު ހަރަދު ދައުލަތުން މުއިއްޒުކުރަނީ މަދެއް ސުމާރެއްކޮށް ނޫނެވެ.

މުއިއްޒަކީ ހަކުރުދެންޏާ ބޮޑުބޭބެވާ މީހެއްކަން އަލީ އިހުސާނަށް ވަރަށް ރަނގަޅަށް އެނގެއެވެ. ދަނޑިވަޅުބަލާ މުއިއްޒުގެ މައްޗަށް އިހުސާނު ގަދަވެގަތީ އެންމެ ބޮޑަށް މުއިއްޒު ފައިސާއަށް ބޭނުންވީ ވަގުތުބަލާ ބޮންޑުގެ ގޮތުގައި މިލިޔަނުން ދަރަނި މަޅިއެއްގައި އަޅުވައިގެންނެވެ. 

އިހުސާނުގެ ބާރު ގަދަކޮށް ސަރުކާރުގައި އިހުސާނުގެ ވަކި ހިއްޕާލާ އަދުރޭގެ ބާރު މުލުންލުހެލާ ނިންމާލަނީއެވެ. އަދުރޭގެ މީހުން ކަނޑާ އުކާލަނީއެވެ. ސަރުކާރުގެ ކުންފުނިތަކަށް ރިޓަޔަޑް މިލިޓަރީ މީހުން ވެރިން ގޮތުގައި އިހުސާނަށް ވަފާތެރި މީހުން ލާފުރާލަނިއެވެ. 

ގޭންގުކުށް މަނާކުރާ ގާނޫނަށް ހުށަހެޅިފައިވާ އިސްލާހާއެކު މުއިއްޒަށްވެސް އިހުސާނުގައިގާ އަތެއް ނުލެވޭނެއެވެ. އިހުސާނު ބޭނުން ކޮންމެ ވަގުތެއްގައި މަޖިލިސް މެންބަރަކަސް ވަޒީރަކަސް މުއިއްޒަކަސް ހިފާހައްޔަރުކޮށް މަގާމް ގެއްލުވާލެވޭ ވަރަށް އިހުސާނުގެ ބާރުގަދަވާނެއެވެ.