މަރުވީމާ ވަކިމީހަކު ނެތިގެން ވަޅުނުލެވިފާ ނޯންނާނެ: ޔާމީނު
ދައުލަތުގެ މަތިފަޑީގައި ޕީޕީއެމް-ޕީއެންސީ އޮތްއިރު އެމީހުންގެ ހިތެއްނެތް.
ކުރީގެ ރައީސް ޔާމީންގެ މަންމާފުޅު ފާތިމަތު ހަސަން އަވަހާރަ ވުމަކީ ލިބުނު ހިތާމައެކެވެ. ދެރައެކެވެ. ދޮންސީދީގެ ހުވަފަތް އަނބިކަނބަލުން ވަރަށް ދޮށީ އުމުރުފުޅެއްގައި އަވަހާރަ ވުމުން އެކަމަނާއަށް ރަހުމަތް ލެއްވުން އެދި ދުއާ ކުރަމެވެ. ލޮބުވެތި އައިލާއަށް ހީރަސް ޓީމުން ތައުޒިޔާ ދަންނަވަމެވެ.
ކުރީގެ ރައީސް ޔާމީނުގެ މަންމާފުޅުގެ ޖަނާޒާގައި ރައީސް ޔާމީނަށް ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ލިބި ވަޑައި ނުގަތީ ހެއްޔެވެ. ނޫނީ އެ ފުރުސަތު ނުހޯއްދެވީ ހެއްޔެވެ. އިދިކޮޅު ކޯލިޝަނުން ބަޔާން ނެރެ ކަމުގެ ހަގީގަތް އޮޅުވާލަން މަސައްކަތް ކުރި ކުރުމުން ނެރެން ބޭނުން ނަތީޖާ އިދިކޮޅަށް ލިބޭނެ ކަމަށް ހީކުރުމަކީ އެ މީހުންގެ މޮޔަކަމެވެ.
މަންމާފުޅުގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ހޯއްދަވާކަށް ޔާމީނު ނޫޅުއްވައެވެ. އެ ފުރުސަތަށް އެދިވަޑައިގެން ނަމަ އެ ފުރުސަތު ޔާމީނަށް ލިބިވަޑައިގަތީހެވެ. ޔާމީނު އެދި ވަޑައިނުގެންތާ އާއިލާއިން ވެސް އެ ފުރުސަތު ޔާމީނަށް ހޯއްދަވާ ދެއްވާކަށް ނޫޅުއްވައެވެ. ޔާމީނަށް ހެޔޮ އެދިގެން އުޅޭކަމަށް ދައުވަކުރާ ޕީޕީއެމް-ޕީއެންސީ ލީޑަރޝިޕުން ވެސް އެ ފުރުސަތު ޔާމީނު ބޭނުންފުޅުތޯ ވެސް ބަލާނުލައެވެ. އެހެނެއް ކަމަކު ޔާމީނު މަންމާފުޅުގެ މަރުން ވެސް ޕީޕީއެމް ދިމާކުރީ ސިޔާސީ ފައިދާއެއް ހޯދާށެވެ.
ކުރީގެ ރައީސް ޔާމީނުގެ މަންމާފުޅުގެ ޖަނާޒާގައި ރައީސް ޔާމީނަށް ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު މި ސަރުކާރުން ނުދިން ކަމަށް ހަދައިގެން ފިތުނަ އުފައްދަނީއެވެ. ޔާމީނުގެ އާއިލާއަށް ކުރިމަތިވި ހިތާމައިގެ މި ދަނޑިވަޅުގައި ވެސް ފިތުނަވެރި ވާހަކައެއް ފަތުރާލައިގެން ޔާމީނުގެ ސަޕޯޓަރުން ރުޅިގަދަ ކުރުވާ ސިޔާސީ ކަމަކަށް ހަދާ އެމީހުން ދިމާކުރީ ލީޑަރގެ މަންމާފުޅު ކަށްވަޅުގައި ވެސް އޮތަނުދޭށެވެ.
ކުރީގެ ރައީސް ޔާމީނަށް މަންމާފުޅުގެ ޖަނަޒާގައި ބައިވެރިވެ ވަޑައިގަތުމުގެ ފުރުސަތު ނުލިބުނު ކަމުގެ ވާހަކަ އިދިކޮޅު ލީޑަރޝިޕުން ދައްކާ މި ދަނޑިވަޅުގައި ވެސް ހަނދާނަށް އަންނަނީ ރައީސް ޔާމީނުގެ އަނިޔާވެރިކަމެވެ. ރަހުމެއް ހަމްދަރުދީއެއްގެ ކުނޑި ފުކެއްވެސް ޔާމީނުގައި ނެތްކަމުގެ ހަނދާނެވެ. ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ފާރިސް މައުމޫނާމެދު ކަންތައް ކުރެއްވި ގޮތުގެ ހަދާނެވެ.
ފާރިސް މައުމޫނު ހުންނެވީ ހައްގުން ކަމަކާނުލާ ޔާމީނު ބޭނުންފުޅު ވެގެން ޖަލަށް ލާފައެވެ. ފާރިސްގެ މައެއް ފަދަ ބޮޑު ދައތާފުޅު ފަރީޝާ އިބްރާހީމް އަވަހާރަވީ ފާރިސް މައުމޫނު ޖަލުގައި ހުންނަވަނިކޮށެވެ. ބޮޑު ދައިތަފުޅުގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގަތުމަށް ފާރިސް އާދޭސް ދެންނެވިއެވެ. އާއިލާއިން ތަކުރާރުކޮށް އެދުނެވެ. އެ ދުވަހު ޔާމީނަކަށް އެއަޑެއް އިވިވަޑައެއް ނުގަތެވެ. ދެއްވީ ބީރު ކަންފަތެވެ. ޔާމީނުގެ މިއަދުގެ ހާލަށް ހަމްދަރދީވެގެން ބަޔާން ނެރޭ ޕީޕީއެމް-ޕީއެންސީ ލީޑަރޝިޕް އޭރު ތިބީ ދައުލަތުގެ މަތިފަޑީގައެވެ. އެ ދުވަހު އެ މީހުންގެ ވެސް ހިތެއްނެތެވެ. އިންސާނިއްޔަތު ކަމެއް ރަހުމެއް ކުލުނެއްނެތެވެ. ފާރިސްއަށް އެ ފުރުސަތެއް އެމީހުން ނުދިނެވެ.
އެކަމަކު ބުނަންހެއްޔެވެ. ރައީސް ޔާމީނު އެދިވަޑައިގެން ނަމަ ރައީސް ސޯލިހު އެ ފުރުސަތު ދެއްވާނެއެވެ. ދެއްވީހެވެ. މަންމާފުޅުގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގަތުމަށް ބޭނުންފުޅު ވެގެން ރައީސް ޔާމީނު އެދި ވަޑައިގަންނަވަނީ ހިތްޕުޅުގައި މައިވަންތަ ލޯތްބާއި އިންސާނިއްޔަތު ކަމުގެ ކަންފުޅެއް ވެސް އޮތް ނަމަ ތާއެވެ. ވެރިކަމުގައި ހުންނެވިއިރު ޔާމީނު ވިދާޅުވީ" ވަކިމީހަކު ނެތިގެން މަރުވެފައިވާ މީހަކު ވަޅުނުލެވިފައި އޮންނާކަށް ނުޖެހޭނެ" ކަމަށެވެ. ރައީސް ޔާމީނުގެ މަންމާފުޅު ނަމަވެސް އެކަން އޮންނާނީ އެހެންކަމަށް ގަބޫލު ކުރައްވަންޏާ އެދިވަޑައެއް ނުގަންނަވާނެތާއެވެ.