އިންތިހާބު ކާމިޔާބު ކުރުމުގެ އުންމީދު ގާސިމަށް ގެއްލިއްޖެ
ދެވަނަ ދައުރަށްވެސް ދިވެހިންނަށް އިބޫ އޯކޭ
މިފަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ އުންމީދު ގާސިމް އިބްރާހީމަށް ގެއްލިއްޖެއެވެ. ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން އެމްޑީޕީއަށް ދެފަހަރު ވެރިކަން ހޯދާދީފި ކަމަށާއި ޕީޕީއެމަށް އެއް ފަހަރު ވެރިކަން ހޯދައިދީފި ކަމަށް ގާސިމް ބުނުމުން ގާސިމްގެ މާޔޫސްކަން ހުރިވަރު ސާފުވެއެވެ.
ހުރިހާ ޕާޓީތަކެއް ވެސް ބޮޑުވަނީ ޖޭޕީގެ އުނގުގައި ކަމަށް ގާސިމު އެބަ ބުނެއެވެ. އެކަމަކު ޖެޕީ ދުވަހަކުވެސް ބޮޑެއް ނުވެއެވެ. ދެއުޅި އެއްނުވާ ވާހަކަ ދައްކާނީ ބޮޑުނުވާތީއެވެ.
އެމްޑީޕީ އާއި ޕީޕީއެމް އާއި ދެ ޕާޓީއަށް ވެސް ބޮޑުކަން ޖޭޕީން ހޯދައިދީފައިވާ ކަމަށް ދައުވާ ކުރަމުން އެވަރުގެ ޕާޓީއަކުން (ޖޭޕީން) ގާސިމް އިބްރާހީމް ވާދަކުރުމަށް ނިކުތުމުން ވެރިކަން ކުރުމުގެ ފުރުސަތު ނުދޭންވީ ސަބަބެއް ނެތްކަމަށް ގާސިމް ބުނުމުން ހޭބަޔަކު ހޭންވީއެވެ. ހަމްދަރުދީވާ ބަޔަކު ހަމްދަރުދީ ވާންވީއެވެ. މަލާމާތްކުރާ ބަޔަކު މަލާމަތްވެސް ކުރާނެއެވެ.
އަޖައިބެއް ނުވާނެ ހެއްޔެވެ. ފުރަތަމަ ބުރުގައި 25 ޕަސެންޓް ޖޭޕީން ނުހޯދަން ބުނީ ކާކު ހެއްޔެވެ. ފުރަތަމަ ބުރުގައި 25 ޕަސެންޓް ނަމަވެސް ހޯދައިގެން އެހެން ޕާޓީތައް ޖޭޕީގެ ފަހަތަށް ގެންނަން ހުރަސް އެޅީ ކާކު ހެއްޔެވެ. ތިޔަހާ ހިއްވަރަކާއި ނުފޫޒަކާ ބާރެއް ހުރިއްޔާ ޖޭޕީގެ ފަހަތަށް އެހެން ޕާޓީތައް ގެނެސްގެން ޖޭޕީ އިސްވެ އޮންނަ ސަރުކާރެއް ގާއިމުކޮށް ބޮޑުވެ ބަލާށެވެ. ވެރިކަން ލިބޭ ޕާޓީތަކަށް ދެ ވަނަ ބުރުގައި އިންތިހާބު ކާމިޔާބު ވަނީ ޖޭޕީގެ ނުފޫޒާއި ބާރުން ކަމަށްވަންޏާ ވާދަކޮށް ނަތީޖާ ދައްކާލަބަލާށެވެ. އެހެން ޕާޓީތައް ކުޑަކަކޫ ޖައްސާލަ ބަލާށެވެ. ނުވާނެއެވެ.
ރައީސް ޔާމީން ހޮވަން ޖޭޕީ ތާއީދުކޮށްގެން މަސައްކަތް ކޮށްގެން އެތައް މިލިއަން ރުފިޔާ ހޭދަ ކުރުވީ ޖޭޕީއަށް ވުރެ ޕީޕީއެމް ބޯ ބޮޑުވީމައެވެ. ގާސިމް ސަރުކާރުން ބޭރުކޮށް ފައްސާ ނަގާލީ ގާސިމަށް ވުރެ ޔާމީން ސްމާޓް ވީމައެވެ. މަޖިލީސް ރައީސް ކަމަށް ގާސިމް ކުރިމަތިލީމާ ބޭރުކޮށްލީ އެ ވަރުގެ އާރެއް ބާރެއް ސިޔާސީގޮތުން ގާސިމުގެ ނެތީމައެވެ. އެހެންނެއް ނުހެދޭނެއޭ ގާސިމް ބުންޏަސް އެ އޮތީ އެހެން ހަދާފައެވެ. އެ ކަމަކާ މިހާރަކު ޝަކުވާ ކުރުމުގެ މާނައެއް ނެތެވެ.
2018 ގައި އެންމެން ޖަލުގައި ތިބީމާ ސަލާމަތް ވާންވެގެން ވެރިކަން ބަދަލު ކުރަން ޖެހިގެން ވެރިކަން ބަދަލުކޮށް ތިޔަ ތިބީ ސަލާމަތް ވެގެންނެވެ. ރައީސް ޔާމީން އެކަން ނުކުރާނެކަން އެނގި ތިބެ ގާސިމްމެން ކުރި ކަމެއް ކުރީ ސަލާމަތް ވުމަށެވެ. ޖާނާ މާލު ސަލާމަތް ކުރުމަށް ކުރެވުނު ކޮންމެ ކަމެއް އެފަދަ ހާލަތުގައި ކޮންމެ މީހަކުވެސް ކުރާނެއެވެ. ސަލާމަތް ވުމުން އެކަމުގެ ބަދަލު ސަލާމަތްކޮށްދިން މީހާގެ ކިބައިން ހޯދަން އުޅޭނީ ވަރަށް ގޮތެއް ފޮތެއް ނެތީމައެވެ. ޝުކުރުވެރި ވުމުގެ ޒައްރެއްގެ މިންވަރުވެސް ނެތީމައެވެ. ހަމަޔަށް ބައި ނުލިބޭ ވާހަކަ ދައްކާނީ އެހެންވެއެވެ.
ގާސިމްގެ ވާހަކަ ތަކުން އެނގި ކަށަވަރުވީ 2018 ގައި ވެރިކަން ބަދަލުކުރަން ކުރި ކަމެއް ކުރީ ޖާނު ސަލާމަތް ކުރުމަށް ކަމަށެވެ. ޕާޓީއެއް ބޮޑުކޮށް ކުޑަ ކުރާކަށް ނޫނެވެ. ބަދަލުވާ ސަރުކާރަކުން ބައި ހޯދާކަށް ވެސް ނޫނެވެ. ޖާނު ސަލާމަތް ކުރުމަށެވެ.
ސަރުކާރު ހިންގުމުގައި ބައިވެރިކޮށްގެން ގެންގުޅުނީ ވެރިކަމަށް އިސް ކޮށްފައި ހުރި މީހާގެ ރަނގަޅު ކަމުންނެވެ. ޔާމީނުގެ ވެރިކަން ބަދަލު ކުރަން ގާސިމް އިބްރާހީމް އެއްބާރުލުން ދިނީ ދަރި އާއި ތިމާ ޖަލުން ސަލާމަތް ވާށެވެ. މައުމޫނު އެއްބާރުލުން ދިނީ ވެސް ދަރިއާއި ތިމާ ޖަލުން ނިކުތުމަށެވެ. ނަޝީދު އެއްބާރުލުން ދިނީވެސް ތިމާ މިނިވަންވެ ރާއްޖެ އައުމަށެވެ. އިމްރާނާއި ކަނަލް ނާޒިމް ވެސް ހަމަ އެހެނެވެ.
މައުމޫނާއި ގާސިމާއި އިމްރާނާއި ނަޝީދު ވެރިކަން ހިންގުމުގައި ބައިވެރިކޮށް އާރާބާރުދީ އެ މީހުން ދެއްކިހާ ބަޔަކަށް މަގާމުތައް ދީގެން ގޮވައިގެން އުޅުނު މީހާއަށް ބޭވަފާތެރިވެ ޝުކުރުވެރި ނުވަނީ ކޮންބައެއް ކީއްވެކަން ރައީސް ހޮވަން ވޯޓުދިން ރައްޔިތުންނަށް އެނގެއެވެ. ގާސިމަކީ ކާކުކަން ގާސިމަށް ނޭނގުނަސް ގާސިމަކީ ކާކުކަން ދިވެހިންނަށް އެނގެއެވެ. ގާސިމު ޓެސްޓްކޮށްގެން ގާސިމުގެ ފުށުން ދިވެހިން އުންމީދު ކުރާކަށް ކަމެއް ނެތެވެ.
ޝަކުވާ ނުކުރާށެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރަން ހުރަހެއް ގާސިމަކަށް ނެތެވެ. ޕާޓީތައް ބޮޑުކުރާ ވާހަކަ ނުދައްކާ އަމިއްލަ ޕާޓީ ބޮޑުކޮށް ބަލާށެވެ. އެކަމަކު ޕާޓީއެއް ބޮޑުވެ ވަރުޖެހި ބާރުވެރިކަމުގައި ދެމި އޮތުމަކީ ކާލާ ބޭސް ގުޅައަކުން ވާކަހަލަ ކަމެއްނޫނެވެ.
ހަމަ ތެދެކެވެ. ގާސިމު ކަހަލަ މީހަކު ވަކަރަށް ޖަހާކަށް ދިވެހިން ބޭނުމެއް ނުވެއެވެ. ޓެސްޓްކޮށް ދިވެހިން ބޭނުންވާ ކަހަލަ ވެރިއަކު ދިވެހިންނަށް ހުރީ ލިބިފައެވެ. ދެވަނަ ދައުރަށް ވެސް ދިވެހިންނަށް އިބޫ އޯކޭއެވެ.