ދައުރެއް ހަމަނުކުރެވޭ ނަޝީދު
އިންތިހާބީ ރައީސް ހުވާކުރާ މަޖިލީހުގެ ރިޔާސަތުގައި އިންނެވުންގަނޑު ދަނީ ކިހިނެތް
ކެނެރީގޭ މުހައްމަދު ނަޝީދަށް އިތުބާރުކޮށް ހަވާލުކުރާ އިންތިހާބީ އެއްވެސް މަގާމެއްގައި އޭނާއަށް ދައުރެއް ހަމައެއް ނުކުރެވެއެވެ. އޭނާގެ އުޅުމާ ގުޅުން ހުންނަ ގޮތުން އޭނާއަށް މަގާމު ދޫކޮށްލަން މަޖުބޫރުވެއެވެ. އަމިއްލަ ގޮތް ބޮޑުވެ ހަމަލަމަ ދޫކޮށްލުމުން އޭނާއަށް އެންމެ ފަހުން ޖެހެނީ މަގާމާ ދުރަށްދާށެވެ.
މާލޭ ރައްޔިތުން އޭނާއަށް އިތުބާރުކޮށް ރައްޔިތުންގެ މަޖިލިސްގެ މެންބަރުކަމަށް ހޮވިއެވެ. ބޭނޭ ނާޅިހެދިގެން އުޅެން ހަދައިގެން އެއްވެސް ތާކުން ތާކު ނުޖެހޭ ކަމެއްގައި ވައްކަމުގެ ކުށް ސާބިތުވެ މަޖިލީހުގެ މެންބަރުކަމުން ވަކިވާން ޖެހުނެވެ. މަވަރުގެ ގަދަ މީހަކު ނެތިގެން އުޅެން ހަދައިގެނެވެ.
ރާއްޖެ މަލްޓިޕާޓީ ޑިމޮކްރަސީއަށް ހުޅުވިގެން ދިޔަވަގުތު ރައްޔިތުން ރާއްޖޭގެ ރައީސް ކަމަށް އިސްކުރީ ކެނެރީގޭ ނަޝީދެވެ. ގައުމު ހަމަ މަގަށް އަޅުވާ ޑިމޮކްރަސީ ފައްކާކުރަން ލިބުނު ފުރުސަތުގެ ބޭނުން އޭނާ ހިފީ ނުބައި ނުލަފާކަން ދެއްކުމަށެވެ. ރައްޔިތުންގެ ރޫހާ ދެކޮޅަށް ހިތުހުރި ގޮތަކަށް ކަންތައް ކުރުމުގެ ނަތީޖާއަކަށްވީ ރައީސްކަމުން އިސްތިއުފާ ދޭން މަޖުބޫރުވުމެވެ. އޭނާގެ ނޭއްގާނި ކަމުގެ ސަބަބުން އޭނަޔައިގެން މަރުދިން އެންމެން ހަތް އަހަރަށް މަގުމަތިކޮށްލީ އަމިއްލަ ގޮތް ކުރިއަށް ނެރެގެންނެވެ.
ސިޔާސީ ބާރުވެރިކަން ހޯދާދިން ޕާޓީއާއި މީހުން ދޫކޮށް ވެރިކަމުގެ ދަހިވެތި ކަމުގައި ތެޅެފޮޅެ ގަތްގަތީނުން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ދޫކޮށްލަން ޖެހުނީއެވެ. އިތުބާރުނެތް މީހެއްގެ ގޮތުގައި ވޯޓުނަގާ މަގާމުން ވައްޓާލަންދެން މަޑުނުކޮށް އިސްތިއުފާ ދިންކަން ނަސީބެވެ.
އިންތިހާބީ ރައީސް ޑރ. މުއިއްޒު ހުވާކުރާ މަޖިލީހުގެ ރިޔާސަތުގައި އިންނެވުންގަނޑު މި ދިޔައީ ކޮންހެނެއް ހެއްޔެވެ. ކަންކަން އެމުނި އެތުރެމުން ދިޔަގޮތުން ކުރިއަށް ކުޅުނުހާ ކުޅި ބެދި މަނާ މަންތެރިވެ ބޮނދު ބުޑަށް އަނެއްކާވެސް ސައިކިޔުމުން އަރާނެ ގެ ހުސްވީއެވެ. މާޒީގެ ހިތި ތަޖުރިބާގެ ޖަޒްބާތުގައި މައްޗަންގޮޅި މެދު ދާއިރާގެ މެންބަރުކަން ދޫކޮށް ނުލައިފިއްޔާ ކިތަންމެހާވެސް ރަނގަޅެވެ.