އަތޮޅުތަކުގާ ހިދުމަތްކުރެއްވި 65 ބޭފުޅަކަށް ހިދުމަތުގެއިނާމް

148 ބޭފުޅަކަށް މި އަހަރު އިނާމު ވަނީ ދެއްވާފަ

އަތޮޅުތަކުގާ ހިދުމަތްކުރެއްވި 65 ބޭފުޅަކަށް ހިދުމަތުގެއިނާމް

އަތޮޅުތަކުގެ ރަށްރަށުގައި ދިގު މުއްދަތެއްގައި ހިދުމަތްކުރެވި 65 ބޭފުޅަކަށް ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވުމުގެ ޝަރަފުގެ ބެޖާއި އައްޑަނަ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިޙް މިއަދު ދެއްވައިފިއެވެ. އެ ބޭފުޅުންނަށް ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވީ ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު ދެއްވުމަށް މިނިވަން ދުވަހާއި ގުޅުވައިގެން މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައެވެ.

ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވައިގެން މިއަހަރު މި އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި 34 އަންހެން ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅުންނަށް އިނާމު ދެއްވުމަށް ބޭއްވެވި ރަސްމީ ޖަލްސާގައި 148 ބޭފުޅަކަށް މިއަހަރު މި އިނާމު ވަނީ ދެއްވާފައެވެ. އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ދިވެހި ދައުލަތަށް 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ވަރަށް އިހުލާސްތެރި ހިދުމަތްތަކެއް ކުރެއްވި 3 ބޭފުޅަކު ހިމެނިވަޑައިގަންނަވައެވެ.

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ވަރަށް އިޙްލާސްތެރިކަމާއެކު ހިދުމަތްކުރައްވާފައިވާ ބޭފުޅުންގެ އަގު ވަޒަންކުރައްވާ މިފަދަ މުހިންމު އިނާމެއް ދެއްވަން ފެށްޓެވިކަމަށްޓަކާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ގައުމީ އިނާމާބެހޭ ކޮމެޓީގެ ޗެއަރޕަރސަން އަނީސާ އަހުމަދު ޝުކުރު ދެންނެވިއެވެ. ގައުމީ އިނާމަކީ ހިދުމަތްކުރެއްވި މުއްދަތަކަށް ނުވަތަ އަދާކުރެއްވި މަގާމަކަށް އެކަނި ބައްލަވައިގެން ދެއްވާ އިނާމެއް ނޫންކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަކީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުން މި ސަރުކާރުން 2021 ވަނަ އަހަރު ތަޢާރުފު ކުރެއްވި އިނާމެކެވެ. މި އިނާމަކީ ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލުކަމާއި އިހުލާސްތެރިކަމާއެކު ކޮށްފައިވާ ހިދުމަތްތަކަށާއި، އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ޤައުމީ ފެންވަރުގައި ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެންމެ ޝަރަފުވެރި އިނާމެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު މީގެ ކުރިން 309 ބޭފުޅަކަށް ވަނީ އަރުވާފައެވެ. އަދި މިއަހަރު މި އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނާއެކު މި އިނާމު ދެއްވާފައިވާ ބޭފުޅުންގެ ޢަދަދު 457 އަކަށް މިވަނީ އަރާފައެވެ.

ދައުލަތަށް 50 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައިވާ ބޭފުޅުން:

  • އައިމިނަތު ވަހީދާ - ހ. މާހާ : އައިމިނަތު ވަހީދާ ވަނީ ދިވެހި ދައުލަތަށް 52 އަހަރު ޚިދުމަތްކުރައްވާފައެވެ. އެކަމަނާގެ ޚިދުމަތްތައް މައިގަނޑުގޮތެއްގައި ފެނިފައިވަނީ ޞިއްޙީ ދާއިރާއިންނެވެ. ދައުލަތަށް ޚިދުމަތް ކުރައްވަން ފެއްޓެވީ 1969 ގައި ސަރުކާރުގެ ހޮސްޕިޓަލުގެ ނަރސް އެއިޑްއެއްގެގޮތުގައިއެވެ. މިވަގުތު ހުންނެވީ އައި.ޖީ.އެމް.އެޗްގެ ބްލަޑް ބޭންކުގެ ޑިރެކްޓަރުގެ ގޮތުގައެވެ.
  • އަހުމަދު ރަޝީދު - ފެހިވިލާގެ، ރ. އަނގޮޅިތީމު : އަހުމަދު ރަޝީދު ވަނީ ދިވެހި ދައުލަތަށް 51 އަހަރު ޚިދުމަތްކުރައްވާފައެވެ. ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 1954 ގައެވެ. އަނގޮޅިތީމުގެ މުދިންކަން 14 އަހަރަށްވުރެ ދިގު މުއްދަތަކަށް ކުރައްވާފައިވެއެވެ. އަދި އެރަށު ކޯޓުގެ އިސްމެޖިސްޓްރޭޓްގެ މަޤާމު ފުރުއްވާފައިވެއެވެ. ރަޝީދު ވަނީ އަނގޮޅިތީމު ކޯޓާއި ޝަރުޢީ ދާއިރާގައި 31 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައެވެ.
  • ލެފްޓިނެންޓް ރިޓަޔަރޑް އަހުމަދު މަނިކު - ގ. ފަސާނާ : ލެފްޓިނެންޓް ރިޓަޔަރޑް އަޙްމަދު މަނިކު ވަނީ ދިވެހި ދައުލަތަށް އަދި ސިފައިންގެއަށް 50 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައެވެ. އެ މަނިކުފާނު ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 1959 ގައެވެ. އަދި ޝަރަފުވެރިކަމާއެކު ސިފައިންގެއިން ރިޓަޔަރ ކުރެއްވީ 1 އޯގަސްޓް 2009 ގައެވެ.