ހަނގުރާމައިގެ ފުރަތަމަ ދުވަހު މުއިއްޒު ސަރުކާރަށް ގޮތްހުސްވެއްޖެ!
އެމެރިކާއާއި އިޒްރޭލް ގުޅިގެން އީރާނަށް ހަމަލާ ދިނުމުގައި އަދި މިވީ އެންމެ ދުވަހެކެވެ. އޭގެ ނުބައި އަސަރު އެންމެ އަވަހަށް ކުރާ ތަނަކަށް ރާއްޖެ ވެއްޖެއެވެ. ހަނގުރާމައިގެ ފުރތަމަ ދުވަހުވެސް ރާއްޖޭގެ ސަރުކާރަށް ވަނީ ގޮތް ހުސްވެފައެވެ. ހަނގުރާމަ ދިގުލައިފިނަމަ ވެގެން ދާނެ ގޮތް ހިތަށް ގެންނަންވެސް ދައްޗެވެ.
ދުނިޔޭގެ އެކި ގައުމުތަކުގެ ވައިގެ ސަރަހައްދުތައް ބަންދު ކުރަން ފެށުމުން ފްލައިޓްތައް ކެންސަލް ކުރުން އިންތިހާއަށް ދިޔައީއެވެ. ރާއްޖެ އަންނަން ބްކީންގ ހަދައިގެން ތިބި އެތައް ބަޔަކު ދަތުރު ހުއްޓާ ލައިފިއެވެ. ފުރަން ހަމަ ޖެހިފައިތިބި އެތައްބަޔަކު ރާއްޖޭގައި ތާށިވެއްޖެއެވެ.
ފެނިގެން މިދަނީ އަދި ކުޑަ މިންވަރެކެވެ. މިގޮތުގައި ދެތިން ދުވަސް ހޭދަވިޔަސް ރާއްޖެއަށް ހަތަރެސްކަން ހަމަވާނެއެވެ. ތެލާ ކާޑަށް ޖެހޭނެއެވެ. ރާއްޖެ އިސްކޮށްގެން ފައިސާތަކެއް އިސްރާފުކުރުމަށް ގަތް ޑްރޯނާއި ބަރު ހަތިޔާރުގެ ބޭނުމެއް ނުއޮންނާނެއެވެ. ރަނގަޅު ހާލަތުގައި ލިބުނުހާ ފައިސާއިން ކުރި އިސްރާފުގެ ބޮޑުކަމުން ރިޒާވްގައި ފޯވައްސެއްގެ ކާޑުވެސް ގަނެވޭވަރު ހުރިކަން ޔަގީނެއް ނޫނެވެ.
އެހެން އެކަން އޮތް އިރު ނުފުރިފައި ތިބިހާ ގެސްޓުންގެ ކަންކަން އިންތިޒާމުކޮށް ހިންގާލެވޭވަރުގެ ގާބިލުކަމެއް މުއިއްޒު ސަރުކާރަކު ނެތެވެ. މި ހާލަތުގައިވެސް އުޅޭނީ ކަޓެއް ނަގައިގެން ވިޔަފާރިއެއް ހަދާލެވޭތޯއެވެ. އެމްއޭސީއެލްއިން މިފުރުސަތުގައިވެސް ދިމާކޮށްފައި ހުރީ ބޮޑު އަގުގައި ބާޒާރުން ތަކެތި ގަނެގެން ނަހަމަ ގޮތުގައި ކޮންމެވެސް ބަޔަކަށް ވިޔަފާރި ހޯދާ ދިނުމަށެވެ.
މާލޭ އެއަރޕޯޓްގެ ތަޅުންމަތީ ފަތުރުވެރިން ނިންދަވަން ދިމާ ކުރާނީ އެހެންވެގެންނެވެ، ރާއްޖެއަކީ ތަޅުން މަތީ ފަތުރުވެރިން ނިންދަވަން ޖެހޭވަރުގެ ގައުމެއް ނޫނެވެ. ރާއްޖޭގެ ރިސޯޓްތަކާއި ގެސްޓް ހައުސްތަކުގައި ރޫމް ގިނަ އަދަދަކަށް ހުސްކޮށް އެބަހުއްޓެވެ. ފްލައިޓް ހަމަޖެހެންދެން އެ އިންތިޒާމް ހަމަޖައްސާ ނުދެވޭންވީ ސަބަބެއް ނެތެވެ. ގިނަ މީހުންގެ އިންޝޫރެންސް ވެސް އޮންނާނެއެވެ.
އެއަރލައިނުން ފަސިންޖަރުންގެ ކަންކަންހަމަ ނުޖެއްސޭ މީހުންނާއި ފުދުންތެރިކަން ނެތް ފަރާތްތަކަށް ޓޫރިޒަމް ޓްރަސްޓު ފަންޑުން ކެއުމާއި ނިދުން ހަމަޖެއްސިދާނެ ކަމަށް ކުރީގެ ވަޒީރެއް ކަމުގައިވާ މަލީހު ވިދާޅުވެއެވެ. މަލީހު ވިދާޅުވާހެން އެކަންވެސް ވާނީ އެ ޓްރަސްޓް ފަންޑެއްގައި އެއްޗެއް އޮވެގެންނެވެ. ރަނގަޅު ހާލަތުގައި ޕެންސަން ފަންޑް ނޮޅާލާ ސަރުކާރެއްގައި ފައިސާއެއް އޮތް ފަންޑެއް ނުއޮންނާނެއެވެ.




