ޕޯލިއޯ ވެކްސިން ދިނުމަކީ އޮތް ގޮންޖެހުމެއް
ޕޯލިއޯ ވެކްސިން ގައްޒާއަށް ފޯރުކޮށްދެވުނަސް ވެކްސިން ދެވޭނެ ގޮތެއްނެތް
1.2 މިލިއަނަށް ވުރެ ގިނަ ޕޯލިއޯ ވެކްސިން ޑޯޒް ހޯމަ ދުވަހު ގައްޒާއަށް ގެންގޮސްފިއެވެ. ޕޯލިއޯ ވެކްސިން ގައްޒާއަށް ފޮނުވައިފައި ވަނީ ވޭތުވެ ދިޔަ 25 އަހަރު ތެރޭގައި އެ ސަރަހައްދުން ޕޯލިއޯ ބަލި ޖެހުނު ފުރަތަމަ ކޭސް ފެންމަތި ވުމުންނެވެ. ޕޯލިއޯއަށް ކުއްޖަކު ފައްސިވީ މިމަހުގެ ކުރީކޮޅެވެ.
އދ.ގެ ކުޑަކުދިންގެ ފަންޑު ޔުނިސެފުން ވެކްސިން ފޯރުކޮށް ދެމުން އަންނަނީ ދުނިޔޭގެ ސިއްހަތާބެހޭ އިދާރާ އާއި ފަލަސްތީނަށް އެހީތެރިވާ އދ.ގެ މައިގަނޑު އިދާރާ ޔޫއެންއާރުޑަބްލިއުއޭ އާއި އެހީދޭ އެހެނިހެން ގްރޫޕްތަކާ ގުޅިގެންނެވެ.
ޑަބްލިއު.އެޗް.އޯ. ޗީފް ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގައްޒާގެ 10 މަހުގެ ކުއްޖަކަށް ޕޯލިއޯ ޖެހި އެއް ފައި ޕެރެލައިޒްވެފައިވާ ކަމަށެވެ. މިދިޔަ މަހު ނަޖިސްފެނުގެ ސާމްޕަލްތަކުން ޕޯލިއޯ ފެނުނު ނަމަވެސް މިއީ 25 އަހަރު ތެރޭގައި ގައްޒާއިން ޕޯލިއޯއަށް ފައްސިވީ ފުރަތަމަ ކުއްޖާއެވެ.
މަދުވެގެން ގައްޒާގެ 95 ޕަސެންޓް ކުދިންނަށް ވެކްސިންގެ ދެ ޑޯޒް ދޭން ޖެހޭނެއެވެ. ބަލި ފެތުރުން ހުއްޓުވުމަށާއި އަލުން ފެތުރުމުގެ ނުރައްކާ ކުޑަކުރުމަށް އެކަން ކުރަންޖެހޭ ކަމަށް ޔުނިސެފުން ބުނެއެވެ .
ހަނގުރާމަވެރި ހަލަބޮލިކަމަށް މަޑުޖެހުން އައުމަކާ ނުލައި ވެކްސިން ފޯރުނުކުރެވޭނެ ކަމަށް ޔުނިސެފާއި ޑަބްލިއު.އެޗް.އޯ. އިން ވަނީ ބުނެފައެވެ. ގައްޒާގައި ހަނގުރާމަވެރި ހަލަބޮލި ކަމަށް މަޑުޖެހުމެއް ގާއިމްކޮށް، ދެ ބުރުގެ ވެކްސިން ވެސް ފޯރުކޮށް ދެވޭނެގޮތް ހަދާދިނުމަށްވެސް ވަނީ ގޮވާލާފައެވެ.
ގައްޒާގައި ސާފު ފެނާއި އަމިއްލަ ސާފުތާހިރުކަމުގެ ސާމާނު ނެތުމުގެ އިތުރުން ގެދޮރު ގެއްލިފައިވާ އާއިލާތައް ހިޔާވަހިކަން ހޯދަމުން ދިޔަ ތޮއްޖެހިފައިވާ ސަރަހައްދުތަކުގައި ނަރުދަމާ އާއި ކުނި އެއްކުރުމުގެ މައްސަލަތައް ކުރިމަތިވެފައިވާއިރު، ހަމައެކަނި ޖަހާވެކްޝިނަކުން ފައިދާ ނުކުރާނެ ކަމަށް ގައްޒާގެ ހެލްތު މިނިސްޓްރީން އިންޒާރު ދީފައިވެއެވެ.