ކޯރެއް ކައިރިން ދިރި ތިއްބާ 2 ކުދިން ސަލާމަތް ކޮއްފި

ކޯރެއް ކައިރިން ދިރި ތިއްބާ 2 ކުދިން ސަލާމަތް ކޮއްފި

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ ކިވޫ ލޭކްގެ އައްސޭރިފަށުން ތުއްތު ދެ ކުދިން ދިރިތިއްބާ ފެނިއްޖެ އެވެ. އެއީ އެއް މަހާއި ދެ ހަފްތާގެ ފިރިހެން ކުއްޖަކާއި ގާތްގަނޑަކަށް ދެ މަހުގެ އަންހެން ކުއްޖެކެވެ.

މިތަނުން އެއް ކުއްޖަކު ސަލާމަތް ކޮއްފައިވަނީ އަންގާރަ ދުވަހު ލޭކް ކައިރީގައި ހުރި ގާތަކެއްގެ ތެރެއިންނެވެ. އަނެއް ކުއްޖާ ސަލާމަތް ކުރީ ހޮނިހިރު ދުވަހު ލޭކް މަތީން އޮޔާދާތަން ފެނިގެންނެވެ.

މައުލޫމާތު ލިބޭގޮތުގައި ފިރިހެން ކުއްޖާގެ ފަލަމަސްގަނޑުގެ ކަށިގަނޑަށާއި މޫނަށް ވަނީ އަނިޔާ ލިބިފައިއެވެ. ސަލާމަތް ކުރި އަންހެން ކުއްޖާއަކަށް އެއްވެސް ކަމެއްނުވެއެވެ. އެކުއްޖާ އޮތީ ސަލާމަތުންނެވެ. އުދައެރުމުގެ ސަބަބުން ފަނާވެފައިވާ ބުޝުޝޫ އާއި ނިޔާމުކުބީ އަވަށުން ސަލާމަތްކުރި  ތުއްތު ކުދިންނާ ބެހޭ ގޮތުން ކަމާބެހޭ ފަރާތްތަކުން ބުނެފައި ވަނީ ޒަޚަމްވީ ކުއްޖާގެ މަންމަ ވަނީ ގެއްލިފައިކަމަށެވެ. އަދި އަނެއް ކުއްޖާގެ މަރުވެފައިވާ މަންމައާއި ބައްޕަގެ އެއްވެސް ނިޝާނެއް ފެންނަން ނެތްކަމަށެވެ.

މިހާރު ކުރަމުން ދާ ވިއްސާރާގައި ބުޝުޝޫ އާއި ނިޔާމުކުބީ އަވަށަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ، ކޯރުތައް ބަންޑުންވެ، ބިންގަނޑު ކަހާލައިގެން ގޮސް މިހާތަނަށް ވަނީ 400 އަށް ވުރެ ގިނަމީހުން މަރުވެފައިއެވެ. އަދި 1000 އަށް ވުރެ ގިނަމީހުން ހޯދާ ނުފެނިފައިއެވެ.