ޑރ.ޝަހީމް އުޅުއްވަނީ މާލޭ ހުކުރު މިސްކިތުގެ ތަރީހު އޮޅުވާލަން

ޑޮކްޓަރ ޝަހީމަކީ މޮޅު މީހަކަށް ވާނީ ދީނުގެ ކަންކަމާއި ތަކެއްޗަށްވެސް އައުގޮތެއް ހައްދަވާ ލެއްވުނިއްޔާއެވެ. މާލޭ ހުކުރު މިސްކިތަށް އަސްލު އަރަބި ނަމެއް ކިޔާކަމަށް ޝަހީމް ދައުވާ އެބަކުރައްވައެވެ. މަލޭ ހުކުރު މިސްކިތަށް އަރަބި ނަމެއް ކިޔާކަން އެނގޭ އެއްވެސް ތާރީހީ ހެއްކެއް ނެތް އިރު އެކަމުގައިވެސް ޝަހީމު އުޅުއްވަނީ ހަގީގަތް އޮޅުވާ ލައްވާށެވެ.
ތާރީހަށް ލޯބިކުރައްވާ މަޝްހޫރު މީސްމީޑިއާ ހަރަކާތްތެރިޔާ ޝަމްއޫނު ޖަލީލް (ލޫކަސް ޖަލީލު) ވިދާޅުވާހެން އާސާރީ ތަންތަނަކީ ތަރިކައަށް ވާފަދައިން އެ ތަންތަނަށް އިހުއްސުރެ ކިޔަމުން އައި ނަންނަމަކީވެސް ތަރިކައެވެ. މިސްކިތްތަކެކޭ އެއްގޮތަކަށް އެތައް އަޅުކަމަކަށާއި ދީނީ ޝިއާރުތަކަށް އިހުއްސުރެ ދިވެހި ބަހުން ނަންކިޔާ ދަނީ ބޭނުން ކުރެވެމުންނެވެ. ނަމާދާއި ރޯދައާއި ހިނެވުމާއި ކަށުނަމަދާއި ދަމުނަމާދު ފަދަ ނަންނަމަކީ މައްދިވެހި ނަންނަމެވެ. އަރަބި ނަންނަމެއް ނޫނެވެ. ރޯދަ ވީއްލުމާއި ހާރުކެއުމާއި ބަންގި ގޮވުންފަދަ ދީނީ އެތައް ކަމަކަށް ޒަމާނުއްސުރެ ދިވެހި ނަންތައް ހުރެއެވެ. އެފަދަ ހުރިހާ ނަން ނަމަކީ ވެސް މާނަވީ ތަރިކައެވެ.
މާލޭ ހުކުރު މިސްކިތަކީ އެތާނގެ ނަމަށްވެސް 900 އަހަރުގެ ތާރީހެއް އޮތް މިސްކިތެކެވެ. ހަސަން ތާޖުއްދީން އަރަބި ބަހުން ލިޔުއްވި ދިވެހި ތާރީހުގައި ވެސް އަރަބި ބަހުން ލިޔުއްވާފައިވަނީ " ހުކުރު މިސްކިތް" ކަމުގައެވެ. ހަސަންތާޖުއްދީނު އަރަބި ބަހުން ދިވެހި ތާރީހު ލިޔުއްވީ ހުކުރު މިސްކިތް ބިނާކުރުމާ މިހާރަށްވުރެ މާކައިރި މާޒީއެއްގައެވެ. ޝަހީމު އެ ވިދާޅުވާ އަރަބި ނަން ހުކުރު މިސްކިތައް އެއްވެސް އިރަކު ކިޔެފައި އޮތްނަމަ ތާޖުއްދީނު އަރަބި ބަހުން ދިވެހި ތާރީހު ލިޔުއްވިއިރު މާލޭ ހުކުރު މިސްކިތުގެ ނަން އެންމެ ފަހަރަކު ނަމަވެސް ޝަހީމް އެވިދާޅުވާ ގޮތަށް އަރަބި ބަހުން ލިޔުއްވީހެވެ. ފަތްކޮޅުތަކުގައި ވެސް ލިޔެފައިވަނީ އެއީ "ފުރަމާލޭ ހުކުރު މިސްކިތް" ކަމަށެވެ. އެ ހަގީގަތް ޑރ. ޝަހީމަކަށް އޮޅުވައެއް ނުލެއްވޭނެއެވެ.
ވަޒީރު ޝަހީމް ވިދާޅުވާ ގޮތުގައި މާލޭ ހުކުރު މިސްކިތަކީ " މަސްޖިދުލްސުލްޠާން އަލްޣާޒީ އިބްރާހީމް އިސްކަންދަރުލް އައްވަލް"އެވެ. ޝަޙީމް އެހެން އެވިދާޅުވާ ވިދާޅުވުމަކީ ބުރަދަނެއް ހުރި ވާހަކަފުޅެއް ނޫނެވެ. އެހެނީ މާލޭ ހުކުރު މިސްކިތަކީ އިސްކަންދަރު ރަސްގެފާނަށް ވުރެ އެތައް ސަތޭކަ އަހަރު ދޮށީ މިސްކިތެކެވެ. ތާރީހުން ފެންނަން އޮތް ގޮތުން އެއީ ރާއްޖެ އިސްލާމްވުމަށް ފަހު ދަރުމަވަންތަ ރަސްގެފާނު ބިނާކުރެއްވި "މާލޭ ހުކުރު މިސްކިތް" ކަމާމެދަކު އެއްވެސް އޮޅުމެއް ނެތެވެ. އިސްކަންދަރު ރަސްގެފާނު ކުރެއްވެވި ކަމަކީ މިސްކިތް ބޮޑުކުރައްވައި އައުކުރެއްވުމެވެ. ފަހަރެއްގައިވެސް އިސްކަންދަރު ރަސްގެފާނުގެ ނަންފުޅުގައި އެތާންގައި އައު މިސްކިތެއް ބިނާކުރެއްވީއެއް ނޫނެވެ.
ހުރިހާ ދީނީ އަޅު ކަމަކަށާއި އިސްލާމީ ބިނާތައް ކަމަށްވާ ހުރިހާ މިސްކިތަކަށް ރާއްޖޭގައި ޒަމާނުސުރެ ނަންކިޔާ އުޅުނީ އަރަބި ބަހަކުން ނޫނެވެ. ނަމަދާއި ރޯދައިން އެކަން ސާފުކޮށް އެނގެއެވެ. އީދު މިސްކިތާއި ކަޅުވަކަރު މިސްކިތާއި ހުކުރު މިސްކިތައް ކިޔާނަމުން އެކަން މާބޮޑަށް ސާފެވެ. ހުކުރު މިސްކިތް ފަދައިން ގަސްދޮށު މިސްކިތާއި ފައިފުހޭ މިސްކިތާއި ޓަކިބޭ މިސްކިތް ފަދަ ނަންނަމުގައި މިސްކިތެއް ނުހުރީހެވެ. އިހުއްސުރެ ނަން ދީ، ނަން ކިޔައި އުޅުނު ގޮތްތަކަކީ ދަށް ގޮތްތަކެއް ނޫނެވެ. މިސްކިތެއްގައި ކުރާ އަޅުކަން ބައްލަވާ ވޮޑިގަތުން ވަނީ މިސްކިތަށް ކިޔާ ނަމަކުން ނޫނެވެ. ޒަމާނުއްސުރެ މިސްކިތްތަކަށް ކިޔާ ނަންނަމަކީ ވެސް ސަގާފީ އަދި މާނަވީ ތަރިކައެވެ.