ތުޅާދޫ ސްޕޯޓްސް ކްލަބު ގުރުއާން މުބާރާތް ނިމުން ޝަރަފުވެރި ކޮށްދެއްވަނީ ފައިސަލް ނަސީމް
ތުޅާދޫ ސްޕޯރޓްސް ކުލަބުން 2003 ވަނަ އަހަރުން ފެށިގެން ސިލްސިލާކޮށް ބާއްވަމުން އަންނަ ގުރްއާން މުބާރާތުގެ ތެރެއިން މި އަހަރު ބޭއްވުނު "ތުޅާދޫ ސްޕޯރޓްސް ކުލަބުގެ 22 ވަނަ ޤުރުއާން މުބާރާތް" ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ކުރީގެ ނާއިބު ރައީސް ފައިސަލް ނަސީމް މިއަދު ހަވީރު ތުޅާދޫއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
"މި މުބާރާތަކީ ބ.ތުޅާދޫ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ގުރްއާން ކިޔެވުމަށް ލޯބިޖެއްސުމާއި، ގުރްއާން ހިތުދަސްކުރުމަށާއި، ތަޖްވީދުމަގަށް ގުރްއާން ކިޔެވުމަށާއި، ކީރިތި ގުރްއާނުގެ ޢިލްމު އުނގެނުމާއި އަދި އުނގަންނައިދިނުމުގެ ރޮނގުން ކުރިއަށް ދިއުމަށް ހިތްވަރުދިނުމުގެ އިތުރުން ކީރިތި ގުރްއާން ކިޔެވުމުގެ ގައުމީ އަދި ބައިނަލްއަގުވާމީ މުބާރާތްތަކަށް ބޭނުންވާ ބައިވެރިންގެ އާރެއް އުފެއްދުމުގެ މާތް މަގުސަދުގައި ތުޅާދޫ ސްޕޯރޓްސް ކުލަބުން 2003 ވަނަ އަހަރު ބާއްވަންފެށި މުބާރާތެއް" މީޑިއާ ކޯޑިނޭޓަރ ޢަބްދުއްލާ ސިރާޖު ވިދާޅުވީއެވެ.
ކުލަބުގެ އިދާރާ ބްލޫސްޓަރ ގައި 196 ބައިވެރިންނާއިއެކު 20 ނޮވެމްބަރ އިން 22 ގެ ނިޔަލަށް ކުރިއަށް ދިޔަ މި އަހަރުގެ ގުރްއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ވަޑައިގަތުމަށް ނާއިބު ރައީސް ފައިސަލަށް ލިބިވަޑައިގެންނެވި ދަޢުވަތު ގަބޫލުކުރައްވާ އެމަނިކުފާނު ތުޅާދޫއަށް ވަޑައިގަންނަވާ ގޮތަށް ވަނީހަމަޖެހިފައެވެ. މި ރަސްމިއްޔާތު ފެށުމަށް ހަމަޖެހިފައިވަނީ 02 ޑިސެމްބަރ 2025 ވާ އަންގާރަ ދުވަހުގެ ރޭ 08:00 ގައި ތުޅާދޫ ސްކޫލްގެ މަލްޓިޕާރޕާސް ހޯލުގައެވެ.
އާރލީ ފައުންޑޭޝަން ސްޓޭޖްގެ ބައިވެރިންނަށް މުބާރާތުގައި ބައިވެރިވި ކަމުގެ ހަނދާނީ ލިޔުން، ފައުންޑޭޝަން ސްޖޭޖް، ކީ ސްޓޭޖް 1، ކީ ސްޓޭޖް 2، ކީ ސްޓޭޖް 3، ކީ ސްޓޭޖް 4، ކީ ސްޓޭޖް 5 އަދި 19 އަހަރުން މަތީގެ ކެޓަގަރީއިން މުބާރާތުގެ ފޮތުން އަދި ހިތުން ކިޔެވުމުގެ ބައިން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހާސިލުކުރާ ބައިވެރިންނަށް ހަނދާނީ ލިޔުން އަދި ޓްރޮފީ، ފޮތުން އަދި ހިތުން ކިޔެވުމުގެ ބައިން މުޅިމުބާރާތުގެ 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހާސިލުކުރާ ބައިވެރިންނަށް ހަނދާނީ ލިޔުން އަދި ޓްރޮފީ، ފޮތުން ކިޔެވުމުގެ ބައިން އަދި ހިތުން ކިޔެވުމުގެ ބައިން މުޅިމުބާރާތުގެ 1 ވަނަ ހާސިލުކުރާ 2 ބައިވެރިންނަށް ކުލަބުގެ ބާނީ އަލްމަރްހޫމް މުހައްމަދު އަބޫބަކުރު (ކުޑަބެ)، ކަންމަތީގެ، ބ.ތުޅާދޫ ގެހަނދާނުގައި ދެވޭ ވާދައިގެ އައްޑަނަ ހަވާލުކުރުން ވެސް މި ރަސްމިއްޔާތުގައި އޮންނާނެއެވެ.
މީގެ އިތުރުން، މިކުލަގަދަ ރަސްމިއްޔާތުގައި ކީރިތި ގުރުއާންކިޔެވުމުގެ 37 ވަނަ ގައުމީ މުބާރާތުގައި ވާދަކޮށް ތުޅާދޫއަށް ރީތި ނަން ހޯދައިދިން ތުޅާދޫ ސްޕޯޓްސް ކުލަބުގެ ފަރާތުން ބައިވެރިވި މުހައްމަދު އާރިކު އަހުމަދު ސޯލިހާއި ތުޅާދޫ، ރަވްލަތުލް އަތުފާލި ޤުރްއާން ކުލާހުން ބައިވެރިވި އަލްމާ އަހުމަދު އަސްލަމްގެ ކާމިޔާބީގެ އަގުވަޒަންކުރުމުގެ ހިތްވަރުގެ ފިލާ އަދި ކުލަބުގެ 48 އަހަރުގެ ދިގު ތާރީހުގައި ހާސިލުކުރި މަތީ ފެންވަރުގެ ގައުމީ ކާމިޔާބީގައި ސާމިލުވި އިހުލާސްތެރި ހިދުމަތްތެރި ހިއްސާދާރުންނަށް ޝުކުރުގެ ފިލާ ހަވާލުކުރުން ވެސް އޮންނާނެއެވެ.

