ދެ ގެއަކުން 17 މީހުން މަރާލައިފި!
ތުހުމަތުކުރެވޭ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ފަށާފަ
ދެކުނު އެފްރިކާގެ ރަށްފުުށު ސަރަހައްދެއްގައި އެކަކު އަނެކަކާ ކައިރިން ހިނގި ބަޑިޖެހުމުގެ ދެ ހާދިސާއެއްގައި 17 މީހުން މަރާލައިފިއެވެ. މަރާލާފައިވާ މީހުންގެ ތެރޭގައި 15 އަންހެނުން ހިމެނެއެވެ.
ހާދިސާ ހިންގިކަމަށް ތުހުމަތުކުރެވޭ މީހުން ހޯދުމުގެ މަސައްކަތް އެތާނގެ ފުލުހުން ވަނީ ފަށާފައެވެ. ހަދިސާގައި ޒަހަމްވެ ސީރިއަސް ހާލަތެއްގައި އޮތް މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށްވެސް ފުލުހުން ބުނެއެވެ.
ބަޑިޖެހުމުގެ މިހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހުގެ ރޭ އީސްޓަން ކޭޕް ޕްރޮވިންސްގެ ލުސިކިސިކީގައެވެ. ފުލުހުން އާންމުކޮށްފައިވާ ވީޑިއޯ ފޫޓޭޖުން ފެންނަ ގޮތުގައި ބަޑިޖެހިފައިވަނީ އަވަށުން ބޭރުގައި އަޅާފައިވާ ގެތަކެއްގެ ތެރެއިން ދެ ގެއަކަށެވެ. އެއްގޭގައި 12 އަންހެނުންނާއި ފިރިހެނަކު މަރާލާފައިވާއިރު އަނެއް ގޭގައި ތިން އަންހެނަކާއި ފިރިހެނަކު މަރާލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ދެކުނު އެފްރިކާއަކީ ދުނިޔޭގައި މަރުގެ ނިސްބަތް އެންމެ ގިނަ އެއް ގައުމެވެ. ގޭގޭގައި ތިބޭ މީހުންގެ ގަޔަށް ބަޑިޖަހާ މެރުމަކީ ސައުތު އެފްރިކާގައި ފަހަކަށް އައިސް އާއްމުކަމެކެވެ.
މިދިޔަ އޭޕްރީލް މަހުވެސް ކުވާޒޫލޫ ނަޓަލް ޕްރޮވިންސްގައި ހުންނަ ގެއެއްގެ ތެރެއަށް ބަޑިޖަހައި އެއް އާއިލާއެއްގެ ދިހަ މެންބަރުން ވަނީ މަރާލާފައެވެ. މަރާލެވުނު މީހުންގެ ތެރޭގައި ހަތް އަންހެނުންނާއި 13 އަހަރުގެ ފިރިހެން ކުއްޖެކު ހިމެނެއެވެ.
ގާތްގަނޑަކަށް 62 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ދެކުނު އެފްރިކާގައި 2023 ވަނަ އަހަރުގެ މާޗް މަހުގެ 1 ވަނަ ދުވަހުން ފެށިގެން 12 މަސް ދުވަހުގެ ތެރޭގައި 27،000 އަށް ވުރެ ގިނަ މީހުން ބަޑިޖަހާ މަރާލާފައިވާއިރު އެއީ ދުވާލަކަށް 70 އަށް ވުރެ ގިނަ މީހުންނެވެ.
ދެކުނު އެފްރިކާގައި ބަޑިޖަހައިގެން ކޮންމެ 100،000 މީހުންގެ ތެރެއިން ގާތްގަނޑަކަށް 45 މީހުން މަރާލާފައިވެއެވެ. އެމެރިކާގައި ކޮންމެ 100،000 މީހެއްގެ ތެރެއިން ބަޑި ޖަހައިގެން މަރާލާފައިވަނީ ގާތްގަނޑަކަށް 6.4 މީހުންނެވެ. ޔޫރަޕްގެ ގިނަ ގައުމުތަކުގައި ބަޑިޖަހައިގެން މެރުމުގެ ނިސްބަތަކީ ކޮންމެ ލައްކައަކުން އެކެކެވެ.
ދެކުނު އެފްރިކާގައި ބަޑިއާ ބެހޭ ގާނޫނުތައް އެކަށީގެންވާ ވަރަށް ހަރުކަށްޓެވެ. ނަމަވެސް ރަޖިސްޓްރީ ނުކޮށް ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ބަޑި ދައުރުވުމަކީ ބޮޑު ގައުމީ މައްސަލައެކެވެ.