ސާޖީގެ ދެ އިނާޔަތުން އީޝަލްގެ މަހު އެއްޗެތިކޮޅަށް މުއިއްޒުގެ ކޮރަޕްޝަން
ވެރިކަމުގައި ހުންނައިރު އޭސީސީއަށް ވެރިޔާގެ ކޮރަޕްޝަނެއް ނުފެންނާނެ
އަޖައިބުވާ ވަރުގެ ވާހަކައެއް ނޫނެވެ. މާކުރިންވެސް އެކަން އޮންނާނީ އެހެންކަން އެނގެއެވެ. މައްސަލައިގެ އެއްކޮޅުގައި މިއަދު ހުރީ ޑރ. މުއިއްޒު ނަމަ އެކަމުގައި ކޮރަޕްޝަންގެ އަސަރެއްވެސް އޮތްކަމަކަށް އެންޓިކޮރަޕްޝަން ކަމިޝަނަކަށް ނުވާނެއެވެ. މަޖިލިސް މެންބަރުންނަށް ބައިލައްކަ ކީއްކުރަންހެއްޔެވެ. ބައިމިލިއަން ވެސް ދެނީ މުއިއްޒު ކަމަށް ވަންޏަކާ އެއްޔަކީ ކޮރަޕްޝަނެއް ނޫނެވެ.
ހައިރާނެއް ނުވެއެވެ. ވެރިކަމުގައި މުއިއްޒު ހުރިހާ ހިނދަކު މުއިއްޒަކަށް މުއިއްޒުގެ އައުވާނުންނަކަށް ކޮރަޕްޝަނެއް ނުހިންގޭނެއެވެ. އޭސީސީއަށް ކޮރަޕްޝަން ފެންނާނީ ސިޔާސީ ގޮތުން ސަރުކާރުން ބޭނުންވެގެން ދުވަސް ދުއްވާލަންޖެހޭ މީހުންނާއި ވާލެއް އިޔާރެއް ނެތް ނިކަމެތި މީހެއްގެ ފުށުންނެވެ.
އަޑު ހަރުކޮށް ދެއްކޭ ކޮރަޕްޝަނުގެ އެއްވެސް ވާހަކައެއް އޭސީސީއަކަށް ނުއިވޭނެއެވެ. ނުވެސް ދެނެހުންނާނެއެވެ. މީހަކު ހުށަހެޅިއަސް އެއަކުން ކޮރަޕްޝަނެއް ފާހަގައެއް ނުކުރެވޭނެއެވެ.
އިދިކޮޅު ޕާޓީން އެއްފަހަރާ 13 މެންބަރުން ޕީއެންސީއަށް ބަދަލުވި ބަދަލުވުންވެސް ވެނިމުނީ އިއްތިފާގަކަށެވެ. ރިޝްވަތެއް ހިޔާނާތެއް ކޮރަޕްޝަނެއް އެކަމުގައި ނޯންނާނެއެވެ. ވޯޓު ގަންނަން ބެހިހާ ފައިސާވެސް އެއީ ކޮރަޕްޝަނެއް ނޫނެވެ. ދެވޯޓު އެއްކޮށްލަން ނެގި ފެންނަ ނުފެންނަ ވޯޓުގައި އާނއެކޭ ބުނުވަން ސަރަނގޭ އާއި ޖާބިރާ މުހައްމަދު ޝިހާބު ކަހަލަ އެތައް ބަޔަކަށް ރިޝްވަތުދީ ކޮރަޕްޝަން ހިންގި ކަމަކަށް ވެސް ނުވާނެއެވެ.
މުއިއްޒުގެ ވެރިކަމުގެ ދިފާއުގައި މަސައްކަތްކުރާ ޝުޖާއުއާއި ފަލާހުމެންނަކަށް ވެސް ކުށެއް ނުކުރެވޭނެއެވެ. ރަސްމާލެ ހިއްކުމަށް ރާޖޫ އާއިއެކު ހިންގި އެއްވެސް ޖަރީމާއެއްވެސް ޖަރީމާއަކަށް ނުވާނެއެވެ. ތިލަފުށީ ޕޯޓް ތަރައްގީ ކުރުމުގެ ނަމުގައި ޕިލިޕިންސް ކުންފުންޏަކާއެކު ސޮއިކުރި އެމްއޯޔޫއާއި ޢޭގެ ފަހަތުގައި އޮތް އެއްބަސްވުން ބާތިލުކުރުމުން މިލިޔަނުން ދިން ޑޮލަރ ވެސް ކޮރަޕްޝަނަކަށް ނުވާނެއެވެ.
އައްޑޫ ސިޓީގެ ކަރަންޓް ވިއުގަ ރަގަޅުކުރުމުގެ ނަމުގައި ހިންގި ބޮޑު ޖަރީމާވެސް ކޮރަޕްޝަނަށް ވާނެ ގޮތަކީ ނެތް ގޮތެކެވެ. ތިނަދޫ ފްލޯޓިންގ ޓާރމިނަލް އެއަރޕޯޓާއި އެޢައި ގުޅުވާ ކަރުދާސް ކުންފުންޏަކަށް ދިން 12 ރަށުގައިވެސް ކޮރަޕްޝަނެއް ނުއޮންނާނެއެވެ. ފަޒްލު ރަޝީދު އެޗްޑީސީގައި ހިންގާލި ބޮޑެތި ޖަރީމާތަކާވެސް ކޮރަޕްޝަން ކުޑަބޭރުވެސް ނުލައެވެ. ހިޔާ ފްލޭޓްގައި ލިފްޓް ހަރުކުރުން ގަނޑުވެސް އެއޮތީއެވެ. މަދަނީ އަބްލޯގެ ގޭސް ޝިޕްމަންޓް ވީތަނެއް ނޭނގެއެވެ.
ފަންޑް މެނޭޖުމަންޓް ކުންފުންޏާއި ޑިވްލޮޕްމެންޓް ބޭންކްގެ ތެރޭން ހިންގާފައިވާ އެއްވެސް ޖަރީމާއަކީ ޖަރީމާއެއް ނޫނެވެ. ވިޓޯލް ކުންފުންޏާއެކު ބަންކަރިންގެ ނަމުގައި ދަވާލާ ދަވާލުމުގައިވެސް ކޮރަޕްޝަނުގެ އަސަރުވެސް ނެތެވެ. ބާރަށު ޝުޖާގެ އިވެންޓް މެނޭޖުކުރުން ގަނޑުގައިވެސް ކޮރަޕްޝަނެއް ނުއޮންނާނެއެވެ. ސާޖިދާއަށް ސިވިލް ސާރިވިސުން އިނާޔަތާއި މަހާރެހެންދި އިނާޔަތުން ފެށިގެން އީޝަލްއަށް ފޮނުވި މަހު އެއްޗެތިކޮޅާ ހަމައަށް ކޮރަޕްޝަން ހިންގިޔަސް ވަރިހަމަތާއެވެ.
ވެރިކަމުގެ އާރާ ބާރުގައި ހުރުމުން މުއިއްޒާއި މުއިއްޒުގެ އައުވާނުންގެ ކޮރަޕްޝަނެއް އޭސީސީއަކަށް ނުފެންނާނެއެވެ. ދެރައީ ވެރިކަން ވެއްޓޭއިރަށް ކޮރަޕްޝަންތައް ކެކިއަރާ މަހާނަ މައްޗަށް މަޑިއަށްޖެހެން އޭސީސީ ދަތްފަޅާތީއެވެ.




