ފުލުހުން ހިންގާ އައިޝާ ތަހުގީގަކީ ގައިރު ގާނޫނީ ތަހުގީގެއް
މީޑިއާ ތަކުން ގެނެސްދޭ ތަކެއްޗާ ގުޅިގެން އުފެދޭ މައްސަލަތައް ބަލާ ފިޔަވަޅު އެޅުމުގެ ގާނޫނީ ބާރު ރާއްޖޭގައި އޮންނަނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓް ކޮމިޝަނަށެވެ. މީޑިއާ އަކުން ގެނެސްދޭ ކޮންޓެންޓަކާއި ގުޅިގެން ޝަކުވާ ހުށަހަޅަން ގާނޫނު ބުނަނީ ވެސް މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓް ކޮމިޝަނަށެވެ. މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓް ކޮމިޝަނަކީ މީހަކު ކުރާ ޝަކުވާއަކާއި ނުލާވެސް އަމިއްލަ އިސްނަގައިގެން މީޑިއާތަކުގެ މައްސަލަ ބެލުމުގެ ބާރު އޮންނަ ބައެކެވެ.
ކޮންޓްރޯލު ކަމިޝަނަށް އެވަރަށް ގާނޫނުން ބާރުދީފައިވަނިކޮށް އެ ކޮމިޝަން ބައިޕާސްކޮށް ތަހުގީގީ އެހެން އިދާރާއަކުން މީޑިއާގުޅޭ އެއްވެސް މައްސަލައެއްް ބެލުމަކީ ގާނޫނާއި ހިލާފު ކަމެކެވެ. ގާނޫނުގެ ބާރު ކަނޑުވާލުމެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓް ކޮމިޝަނަކީ ގާނޫނު ބުނާގޮތުން ތަހުގީގުކުރުމާއި ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިގެންވާ މިނިވަން މުއައްސަސާއެކެވެ. މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓް ކޮމިޝަނުގެ އިހުތިސާސްގައިވާ އެންމެހާ ކަންކަމަށް ފިޔަވަޅުއަޅާ ގޮތްނިންމާނީ އެ ކޮމީޝަނުންނެވެ. މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓް ކޮމިޝަނުން ބަލަމުންދާ މައްސަލައަކަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް އެދުމުން އެ ބޭނުންވާ އެހީތެރިކަމެއް ފުލުހުން ދިނުމަކީ މުޅިން އެހެން ކަމެކެވެ.
އެހެން ކަމުން ދާދިފަހުން އަދަދު ނޫހުން ޝާއިއުކުރި "އައިޝާ" ޑޮކިއުމެންޓްރީ އާއި ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްއާއި ފުލުހުންނާއި ކުރިމިނަލް ކޯޓުން އަމަލުކޮށްފައި ވަނީ ގާނޫނާއި ހިލާފަށެވެ. މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓް ކޮމިޝަނުން ކުރަންޖެހޭ ތަހުގީގެއް ކުރުމުގެ ކުރިން ޖިނާއީ ތަހުގީގެއް ފުލުހުން ފަށާ ކޯޓު އަމުރެއް ނެރުވައިގެން ނިއުސް އިދާރާ ބަލާ ފާސްކޮށް މުދާ އަތުލައިގެން ގެންދިޔަ ގެން ދިޔުމަކީ ކަނޑައެޅިގެން ހިންގި ޖަރީމާއެކެވެ.
ޝާއިއުކުރި ކޮންޓެންތަކާ ގުޅިގެން ދަތުރު ފަތުރު ކުރުމުގެ ހައްގުން މަހުރޫމު ކުރުމައްޓަކާ މީޑިއާއެއްގެ އިސްވެރިންތަކެއްގެ ޕާސްޕޯޓު ހިފެހެއްޓި ހިފެހެއްޓުމަކީވެސް ގައިރު ގާނޫނީ ކަމެކެވެ. އެކަންކަން ވެގެންދަނީ މަގާމު ނާޖާއިޒު ގޮތުގައި ބޭނުންކޮށްގެން ރައީސް މުއިއްޒު ބަޔަކަށް ދިން އަނިޔާއަކަށެވެ.
މީޑިއާ އެންޑް ބްރޮޑްކާސްޓް ކޮމިޝަން މިނިވަން މުއައްސަސާއެއްގެ ގޮތުގައި އުފައްދާފައި ވަނީ ގާނޫނުގެ ތެރެއިން ހާއްސަ އިމްތިޔާޒު ތަކަކާއި ރައްކާތެރިކަމެއް ދޭންޖެހޭ ފަރާތަކަށް މީޑިއާތައް ވާތީ އެކަން ކަށަވަރު ކުރުމަށެވެ. ގާނޫނު އަސާސީގެ 27،28،29 ވަނަ މާއްދާގައި ބަޔާންކުރާ ހައްގުތައް ކަށަވަރުކޮށް ދިނުމުގެ ބޭނުމުގައެވެ. އާއްމު އުސޫލުން ތަހުގީގު ހިންގާ އަދަބުދެވޭ ބަޔަކަށް މީޑިއާތަކާއި ނޫސްވެރިން ވެއްޖެނަމަ މީޑިއާ އެންޑް ބްރޮޑްކާސްޓް ކޮމިޝަން މިނިވަން މުއައްސަސާއެއްގެ ގޮތުގައި އޮތުމުގެ ބޭނުމެއް ނެތެވެ.
މީޑިޢާގައި ޝާއިއުކުރި ކޮންޓެންޓަކާއި ގުޅިގެން މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓް ކޮމިޝަނުން ކުރާތަހުގީގެއްގެ ތެރެއިން ތިލަވާ ޖިނާއީ މައްސަލައެއް ވަކިން ބަލާ ފިޔަޅު އަޅަން އެ ކޮމިޝަނުން އެދިގެން ނޫން ގޮތަކަށް މީޑިއާއަކާއި މެދު ފުލުހުންނަށް ތަހުގީގެއް ނުހިންގޭނެއެވެ. ހިންގައިގެންވެސް ނުވާނެއެވެ. ގައިރު ގާނޫނީ ކަމެއް ކުރުމަށް ފުލުހުން އެދި ހުށަޅާ ކޯޓުއަމުރެއް ވެސް ކޯޓަކުން ދީގެން ނުވާނެއެވެ. ގައިރު ގާނޫނީ ކޯޓުއަމުރަކަށް ތަބާވުމަކަށް އެއްވެސް ފަރާތަކަށް ލާޒިމެއްވެސް ނުވާނެއެވެ.


