ފަގީރުންގެ އާބާދީ ނައްތާލަން އިނގިރޭސީން ހިންގި ޖަރީމާ

ފަގީރުންގެ އާބާދީ ނައްތާލަން އިނގިރޭސީން ހިންގި ޖަރީމާ

އޮސްޓްރޭލިއާގެ ބީރައްޓެހި މާހައުލާއި، އެ ތަނުގެ އަނިޔާވެރި އަދަބުދޭ ނިޒާމުގެ ތެރޭގައި ދިރިއުޅުން ކުރިއަށް ގެންދިއުމަކީ އިނގިރޭސިވިލާތާއި އަޔަލޭންޑުގެ ގިނަ އަދަދެއްގެ ކުށްވެރިންނަށް ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެކެވެ.

ތާރީހީ އިލްމުވެރިޔާ ނީލް ޓޮންގް ހާމަކުރައްވާ ގޮތުގައި، 18 ވަނަ އަދި 19 ވަނަ ގަރުނާ ދެމެދު އިނގިރޭސި މުޖުތަމައުގެ ހުރިހާ ފަންތިއެއްގައި ވެސް އިންތިހާއަށް ފަގީރުކަން ފެތުރިފައި އޮތެވެ. އެހެން ކަމުން އޭރުގެ ސަރުކާރުން ވަނީ ފަގީރުންގެ އާބާދީ މަދުކުރުމަށްޓަކައި ހާއްސަ ރޭވުމެއް އެކުލަވައިލާ ހިންގަން ފެށިއެވެ. 

އޭރު އޮސްޓްރޭލިއާއަކީ ކުށްވެރިން ބައިތިއްބާ ކޮލޮނީއެއްގެ ގޮތުގައި ކަނޑައަޅައި، ގިނަ އަދަދެއްގެ ފަގީރުންނާއި ކުށްވެރިން އެ ގައުމަށް ފޮނުވާލެވުނެވެ. އެވަރުގެ އަދަބެއް ދިން ގިނަ ކުށްތަކަކީ ކާބޯތަކެތި ވަގަށް ނެގުން ފަދަ ކުށްކުށެވެ. ދުވަސްވަރަކީ ދިރިއުޅުން އިންތިހާއަށް ދަތި ދުވަސްވަރެކެވެ. މީހުން ވައްކަން ކުރީ ހަމައެކަނި ދިރިހުރުމަށް ބޭނުންވާ ސަބަބުތަކަށްޓަކައެވެ. އެކަމަކު މުއްސަނދިންގެ މައްޗަށް ފަގީރުން ގަދަވެގެންފާނެ ކަމުގެ ބިރު އޮތުމުން، މުޖުތަމަޢުގައި ތިބި ފަގީރުން އެކަހެރިކޮށް ބޭރުކޮށްލުމުގެ ރޭވުމެއް އޭރު ތަންފީޒު ކުރީއެވެ. ފަގީރުން ނައްތާލުމަށް އޮސްޓްރޭލިޔާއަށް އަރުވާލުން ފަދަ ފިޔަވަޅުތަކެއް އެޅުމުގެ އަނެއް ސަބަބަކީ ޖަލުތައް ފުރިބާރުވުމެވެ.

އެއް ޝިލިންގަށްވުރެ މަތީ އަގެއްގެ އެއްޗެއް ވަގަށް ނެގުމަކީ ގައުމުން ބޭރުކޮށްލަންޖެހޭ ވަރުގެ ބޮޑު ކުށެއްގެ ގޮތުގައި އޭރު ބެލެވުނެވެ. ޝިލިންގަކީ މިހާރުގެ އެންމެ 5 ޕެންސްއާ އެއްވަރުގެ މިންވަރެކެވެ. 

އޮސްޓްރޭލިޔާގެ ކުރިން ކުށްވެރިން ފޮނުވާލާ މައިގަނޑު މަންޒިލަކީ އެމެރިކާއެވެ. ނަމަވެސް އެމެރިކާގެ މިނިވަންކަމުގެ ހަނގުރާމައަށްފަހު (1775 އިން 1783 އަށް) އެ ފުރުސަތު ބަންދުވުމުން، އިނގިރޭސި ސަރުކާރަށް ޖެހުނީ އެހެން ގައުމެއް ހޯދާށެވެ. އެގޮތުން އޮސްޓްރޭލިއާ އިހުތިޔާރު ކުރެވުނެވެ.

އޮސްޓްރޭލިއާއަށް ފޮނުވާލުމަށް ހަމަޖެހިފައިވާ ކުށްވެރިން ބޭތިއްބުމަށްޓަކައި، މެޑްވޭ ކޯރުގައި ބޭނުންކުރުން ހުއްޓާލާފައިވާ ބޯޓުފަހަރު ބޭނުންކުރެވުނެވެ. އުމުރުން އެންމެ އަށް އަހަރުގެ ކުޑަކުދިން ވެސް، އެކަނިމާ އެކަނި އޮސްޓްރޭލިއާއަށް ފޮނުވާލެވުނެވެ. އެގޮތުން އެއް ހާދިސާއެއްގައި ކުށްވެރިއަކަށް އޮސްޓްރޭލިއާއަށް ދިއުން ނުވަތަ ދަންޖެއްސުން ކުރެ ގޮތެއް އިހުތިޔާރު ކުރަން ދިނުމުން، އޭނާ އިހުތިޔާރު ކުރީ ދަންޖެހިގެން މަރުވުންކަމަށްވެއެވެ. 

އޮސްޓްރޭލިއާގެ ނެޝަނަލް މިއުޒިއަމުން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، 1788 އާއި 1868 އާ ދެމެދު އިނގިރޭސިވިލާތާއި އަޔަލޭންޑުގެ 162،000 އަށްވުރެ ގިނަ ކުށްވެރިން އުޅަނދުފަހަރުގައި އޮސްޓްރޭލިއާއަށް ފޮނުވާލާފައިވެއެވެ.

އިނގިރޭސި ވިލާތުން އޮސްޓްރޭލިޔާއަށް އެންމެ ފުރަތަމަ ފޮނުވާލި ޖަލުމީހުންގެ "ފަސްޓް ފްލީޓް" ނުވަތަ އުޅަދު ފަހަރުގެ ފުރަތަމަ ގާފިލާގައި 11 އުޅަނދު ހިމެނެއެވެ. 700 އަށްވުރެ ގިނަ ކުށްވެރިންނާއެކު މި އުޅަނދުފަހަރު ދަތުރު ފެށީ އިނގިރޭސިވިލާތުގެ ޕޯޓްސްމައުތުން އޮސްޓްރޭލިޔާގެ ނިއު ސައުތު ވޭލްސްގެ ބޮޓަނީ ބޭއަށެވެ. ނުރައްކާތެރި އަށް މަސް ދުވަހުގެ ދިގު ދަތުރަކަށްފަހު، ސިޑްނީ ކޯވްގައި ކުށްވެރިން އާބާދުވާނެ ސަރަހައްދެއް ގާއިމުކުރެވުނެވެ.

އޮސްޓްރޭލިއާގެ އަސްލު ވަޒަންވެރިންނާއި (ފަސްޓް ނޭޝަންސް) އިނގިރޭސި ދަރިކޮޅުގެ މީހުންނާ ދެމެދު ކުރިމަތިލުންތައް ހިނގާ ވަރަށް ބިރުވެރި ހިތާމަވެރި ކަންތައްތަކެއް ހިނގިއެވެ. އެގޮތުން ޓެސްމޭނިއާގެ އަސްލު ވަޒަންވެރިންގެ ތެރެއިން ގިނަ ބަޔަކު ހޯދައި، ގަސްތުގައި މަރާލާފައިވެއެވެ.

އޮސްޓްރޭލިއާގެ ބީރައްޓެހި މާހައުލާއި، އެކަހެރިކަމާއި، އަދި ހަރުކަށި އަދަބު ދިނުމުގެ ނިޒާމުގެ ސަބަބުން ގިނަ ބަޔަކު ދިރިއުޅުމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލި ނަމަވެސް، ބައެއް މީހުންނަށް ކާމިޔާބު ދިރިއުޅުމެއް ބިނާކުރެވުނެވެ. މިހިސާބުން އޮސްޓްރޭލިއާގައި އެމީހުނަށް ލިބުނީ އައު ދިރިއުޅުމެއްތޯ ނުވަތަ ދަންޖެހުމެއްތޯ ސުވާލު އުފެދެއެވެ.

ތާރީހު އިލްމުވެރިޔާ މިސްޓަރ ޓޮންގް ވިދާޅުވި ގޮތުގައި، މިގޮތަށް ކާމިޔާބު ހޯދި އެކަކީ މަތީ ފަންތީގެ އާއިލާއަކަށް ނިސްބަތްވާ ޑާސީ ވެންޓްވޯތެވެ. އޭނާގެ މައްޗަށް މަގުފޭރުމުގެ ތުހުމަތު ކުރެވުނު ނަމަވެސް، ކޯޓުން ކުށް ސާބިތުނުވުމުން އަމިއްލަ އިހުތިޔާރުގައި 1790 ވަނަ އަހަރު އޮސްޓްރޭލިއާއަށް ދަތުރުކުރި ދެވަނަ ގާފިލާގައި އޭނާ ބައިވެރިވިއެވެ. އޭނާއަކީ ސާޖަންއެއްގެ އިތުރުން ޕޮލިސް ސުޕްރިންޓެންޑެންޓެއްވެސް މެއެވެ. އަދި އޭނާއަކީ ބޭންކް އޮފް ނިއު ސައުތު ވޭލްސް އުފެއްދި ބައިވެރިންގެ ތެރޭގައިވެސް ހިމެނޭ މީހެކެވެ.

އޮސްޓްރޭލިއާއަށް ފޮނުވާލެވުނު ގިނަ ކުށްވެރިންތަކެއް ފަހުން ދިރިއުޅުމުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދިއެވެ. ނަމަވެސް، އެ ދުވަސްވަރުގެ މުޖުތަމައުގައި ދިރިއުޅެ، ކުރިއަރައި ދިއުމަށްޓަކައި އެމީހުންނަކީ ހީވާގި، އަމިއްލަ އިސްނެގުމާއެކު މަސައްކަތްކުރި ބަޔަކަށް ވާންޖެހުނެވެ. ތާރީހީ އިލްމުވެރިޔާ ނީލް ޓޮންގް ވިދާޅުވެފައިވާ ގޮތުގައި، މިގޮތަށް ކުށްވެރިން ފޮނުވުމުގެ ސިލްސިލާ 1868 ވަނަ އަހަރާ ހަމައަށް ދެމިއޮތެވެ.