ދާމޫގަނޑުގައި ކަމެއްނެތަސް ކުރާ ހަރަދު ވަނީ ބޮޑު

ދައްކަން ބިލިޔަން ބިލިޔަނުން ދަރަނި އޮތްކަމެއް ނޭގެ

ދާމޫގަނޑުގައި ކަމެއްނެތަސް ކުރާ ހަރަދު ވަނީ ބޮޑު

ދައުލަތުގައި ފައިސާ ނެތްކަމެއް ނޭނގެއެވެ. 2026 ވަނަ އަހަރާ ހަމައަށް އަންނައިރު ދައްކަން ބިލިޔަން ބިލިޔަނުން ދަރަނި އޮތްކަމެއް ނޭގެއެވެ. ދައުލަތަށް ބޭރު ފައިސާއެއް ލިބޭނެ ގޮތެއްގެ ވާހަކައެއް ހޯދާނެ ގޮތެއްގެ ވާހަކައެއް ނުދައްކައެވެ. އިގްތުސާދުގައި ދައުރުވާ ބޭރުފައިސާ އިތުރު ކުރާނެ ގޮތެއްގެ ވާހަކައެއް ނުދައްކައެވެ. ދައުރުވާ މަދު ބޭރު ފައިސާކޮޅު ފަތުއަޑުކިޔާފައި ބޭރުވުން ހުއްޓުވާނެ ގޮތެއްގެ ވާހަކައެއް ނުދައްކައެވެ. 

ހަރަދު ކުޑަކޮށް ދަރަނި ތަކުން އަރައިގަންނަން އައި ސަރުކާރުން ހައްތަހާވެސް ދައްކަނީ ހަރަދު ކުރާނެ ގޮތްގޮތުގެ ވާހަކައެވެ. ބަހާ ސަގާފަތު މިނިސްޓްރީ ވަނީ ހެޔޮވަރުގެ ކޮލެޖަކަށް ބަދަލު ވެފައެވެ. މިނިސްޓަރަކީ ބަހުގެ ލެކްޗަރަރކަން ކުރުން ނޫން ކަމެއް ކުރަން ނޭނގޭ މީހަކަށް ވަންޏާ މިނިސްޓްރީ ވާނީ ކޮލަޖަކަށްތާއެވެ. އެ މިނިސްޓްރީގައި ސަރުކާރުގެ ޗާޕްހާނާއެއް ހަދަނީއެވެ. ސަގާފަތު ކޮލެޖެއް ހަދަނީއެވެ.

އިސްލަމިކް މިނިސްޓްރީގައި އޮތްކަމަކީ ހައްޖު ކުންފުނި ހިންގުމާ ޒަކާތު ހައުސް ހަދައިގެން ހިންގުމެވެ. އެތާގައިވެސް އުފައްދާ ބޮޑުކުރަން އުޅެނީ ބިޔަ ބޮޑު ލައިބްރަރީއެކެވެ. މިނިސްޓަރު ލިޔާ ފޮތްތައް މާކެޓްކުރާނެ ތަނެއް ހުންނަންވާނެ ތާއެވެ. ޒަކާތާއި ހައްޖާއި ގުޅުވައިގެން ފައިސާގެ ގޭސް ގަޑެއް އެބުރުން ނޫން އަމާޒެއް މިބައި މީހުންގެ ނެތެވެ.

ދިރިއުޅުމަށް ކުރިހާ މަސައްކަތުން ހައްޖަށް ދިއުމަށްޓަކާ ހައްޖު ކުންފުންޏަށް ފައިސާ ދައްކައިގެން އެތައް ސަތޭކަ ބަޔަކު ވެއިޓިންގ ލިސްޓްގައި އެބަތިއްބެވެ. ހައްޖަށް ދެވޭނެ ދުވަހެއްގެ އިންތިޒާރުގައެވެ، ފައިސާ ދައްކައިގެން ތިބި މީހުންގެ ތެރޭގައި ގިނައީ އުމުރުން ދޮށީ މީހުންނެވެ. ވޭޓިންގ ލިސްޓުގައި 2030އާއި ހަމައިގައި ޖެހޭވަރަށް ވެއިޓިންގައި ތިބި މީހުން އެބަތިބި ކަމަށްވެއެވެ. އެހާތަނަށް އުމުރު ދަންމަވާ ލެހެއްޓެވިއްޔާ އެއީ ބޮޑު ރަހުމަތެކެވެ. ވެއިޓް ލިސްޓް އެހާވަރަށް އޮއްވާ ސަރުކާރުން ހިލޭ އެހީގައި ކޮންމެ އަހަރަކު 50 މީހުން ގެންދަން ޖެހުމުން ލިބޭ ކޯޓާގެ ނިސްބަތުން ވެއިޓް ލިސްޓުން ކުރިއަށް ޖެހުމަށްވުރެ ފައިސާ ދައްކައިގެން ވެއިޓް ލިސްޓްގައި ތިބި މީހުން ލިސްޓުގައި ފަހަތަށް ޖެހުން ނޫން ކަމެއް ނުވާނެއެވެ.

ތެލެސީމިއާ ހޮސްޕިޓަލެއް ވެސް  އަޅަނީއެވެ. ބޯންމެރޯ ހެދުމާ އެކަމަޑޭޝަނާއެކު އެންމެ މިޒަމާނުގެ ހޮސްޕިޓަލެއް ހެދުމަކީ ވަކީން ކުޑަ ހަރަދަކަށް ނުވާނެއެވެ. ކަމަކީ މުހިންމު ކަމެކެވެ. ކުރަން ކިތަންމެހާ ވެސް ބޭނުން ކަމެކެވެ. އެކަމަކު ދާމޫ ގަނޑުގައި އެހާ ވަރު އެބަހުރިބާއެވެ.  

ރައީސް ސޯލިހު ސަރުކާރުން ދުނިޔޭގެ ގައުމުތަކުގައި އެމްބަސީތައް ހުޅުވާތީ އެކަން ކުށްވެރި ކުރަމުން ވެރިކަމަށް އައިސް ފުރަތަ ދިޔަ ގައުމުގައި މުއިއްޒު އެމްބަސީއެއް ހުޅުވަން ކަނޑައެޅީއެވެ. ރާއްޖޭގެ އެމްބަސީއެއް ނެތް ގައުމަކަށް އޮޅިގެންވެސް މުއިއްޒަށް ނޭރިއްޖެއްޔާ ކަލާކޯއެވެ. އެގައުމަކުން ފައިބާނީ އެންބަސީއެއް ހުޅުވާން ނިންމާފައެވެ. ހަމަ ގައިމުވެސް ކުރިން ހުޅުވާފައި ހުރި އެއްވެސް އެންބަސީއެއް އަދި ބަންދެއް ނުކުރެއެވެ. ހަރަދު ބޮޑު ފޮރިން ސާރވިސް ހިދުމަތުގެ ހަރަދު އިހުނަށްވުރެވެސް މުއިއްޒު މިކޮށްލީ ބޮޑެވެ. ފޮރިން މިނިސްޓްރީގައި ޑަބަލް މިނިސްޓަރުން ތިބޭހެން ފޮރިން ޕޮލިސީގައި ވެސް މުއިއްޒު މިގެންގުޅެނީ ޑަބަލް ސްޓޭންޑަރޑެވެ. 

އާސަންދައަކީ ދައުލަތަށް އޮތް އެންމެ ބޮޑު އެއް ބުރައެވެ. ކޮންމެ އަހަރަކު ސަޕްލިމެންޓްރީ ބަޖެޓެއް ހަދައިގެންނޫނީ އާސަންދައިގެ ހަރަދު ތަކަކީ ދެކޮޅު ޖެއްސޭ ކަމަކަށް ނުވެއެވެ. ދައުލަތަށް ބޮޑު ބުރައަކަށްވެ އަލުން އިންތިޒާމްކޮށް އެހެން ވިސްނުމަކަށް ދާންޖެހިފައި އޮތް އާސަންދައަށް އިންތިހާ ދަރަޖައިގެ އަގުބޮޑު ހިދުމަތްތަކެއް ތައާރަފް ކުރުމުގެ ވާހަކަ ދައްކާ ފުރިހަމަކޮށް ނުދެވޭވަރުގެ އުންމީދުތަކެއްދީ ރައްޔިތުން ޅޮސް އުދޯއްޔަށް އަރުވަން އުޅޭ އިރު ހީވަނީ އަދިވެސް އުޅެނީ ރިޔާސީ ކެންޕޭނެއްގައި ހެންނެވެ.