މެޑަމް ސާޖީއަކީ މެޑިކަލް މާފިޔާގެ ރާއްޖޭގެ މިހާރުގެ ބޮސް!؟
މުޅި ސިއްހީ ދާއިރާގައި މެޑިކަލް މާފިޔާ އޮތީ މޫލާފަ
ވެރިކަމަށް އިންތިހާބު ވުމާއެކު ޖެޓެއް ފޮނުވައިގެން މުއިއްޒު އެކުވެރި އަރަބި އިމާރާތަށް ގެންދިޔަ ވާހަކަ ނޫސްތަކުގެ ފަލަ ސުރުހީއަށް އެރިއެވެ. އެއްޔަކީ އެގައުމުގެ ސަރުކާރާ ގުޅުން އޮތްކަމެއް ނޫނެވެ. އެކަމަކީ ރޯޔަލް ފެމެލީގެ މަހުޖަނަކާ ގުޅުން އޮތް ކަމެކެވެ.
ދިވެހި ތަހުތަށް މުއިއްޒު އިންތިހާބު ވުމާއެކު ކުއްލިއަކަށް ޖެޓެއް ފޮނުވައިގެން މުއިއްޒު ގެންދިޔަ ގެންދިއުމަކީ ސަމާސާ ކަމެއް ނޫނެވެ. ހުޅުވިފައިވާ ސިނކުޑިއަކުން ވިސްނާލުމުން ތިލަވަމުން އަންނަ ބޮޑު މަންޒަރު ސާފުވާނެއެވެ.
ފުށިދިއްގަރުފަޅު ހިއްކުމުގައި ސްރީލަންކާގެ ސީއެމްސީސީ ކުންފުނި ކުރި މައްޗަށް ނެރެގެން ބާޓާ އުސޫލުން 70 ހެކްޓަރުގެ ބިން ދިނުމުގެ ވަގު ޑީލްގެ އަސްލު ސޫރަ ސަރުކާރުން ވަނީ ސިއްރުކޮށްފައެވެ. 116 ބިލިއަނަށް ދަރަނިވެރިވެފައިވާ ސަރުކާރަކާ ހަވާލުވެ ރަނގަޅަށް ފައި ނުއިނދެނީސް ނެތް ފައިސާއިން މެގަ ޕްރޮޖެކްޓްތައް ހިންގަން ފެށުމުގެ ފަހަތުގައި ގޮތް ނޭގޭ ބާރުތަކެއް ނެތި ނުދާނެކަން ވިސްނާލި ކޮންމެ މީހަކަށް ސާފުވާނެއެވެ.
ވެރިކަމަށް ސާޅިސް ނުވަނީސް ރަސްމާލެ ހިއްކަންފެށުމާއެކު ހުޅުމާލެ ތިންވަނަ ފޭހުގެ މަސައްކަތް ވެސް ހިންގަން ފަށައިފިއެވެ. ނުތަކާ ވަރަށް ސިޔާސީ މަގާމު އުފައްދައިގެން މީހުނަށް އަތްގުޅި ނުކާވަރުގެ ބޮޑެތި މުސާރަ ދީގެން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދަން ނުކުރާ ކަމެއްނެތެވެ. އެތައް މިލިޔަނެއް ހޭދަކޮށްގެން މަޖިލީހުގެ 13 މެންބަރުން ގަނެ ވެރިކަން ކަށަވަރު އެބަކުރެއެވެ. ފަސްޓްލޭޑީ ސާޖިދާ ސިވިލް ސާވިސްގައި ދަމަހައްޓަން ކުރެވެން އޮތް ހުރިހާ ކަމެއް ދަނީ ކުރަމުންނެވެ. މިހުރިހާ ކަމަކީވެސް ގުޅިލާމެހިފައިވާ އެއްކަމެކެވެ.
މުއިއްޒުގެ ވެރިކަން ބާރުވެރިކުރުމާ ގުޅިފައިވަނީ ޔޫއޭއީގައި އޮޕަރޭޓްކުރާ މިސަރަހައްދުގެ މެޑިކަލް މާފިޔާ ގޭންގާއެވެ. ރާއްޖޭގައި އޮޕަރޭޓްކުރާ ކޮވިޑް ލެބްތަކާއި މެޑިކަލް އާލާތްތަކާއި ބޭސް އެތެރކޮށް ވިއްކުމުގައި ޔޫއޭއީގައި އޮންނަ މެޑިކަލް މާފިޔާ އޮތީ ރާއްޖޭގައި ވަކި ހިއްޕާލާފައެވެ. ސިޔާސަތު ކަނޑައަޅާ ހިސާބުން ފެށިގެން މުޅި ސިއްހީ ދާއިރާގައި މެޑިކަލް މާފިޔާ އޮތީ މޫލާފައެވެ.
ކޮވިޑަކީ ޕްރޮފިޝަނަލުންގެ ގޮތުގައި ނިޒާމުގެތެރެއަށް ގަދަވެ ގަންނަން މެޑިކަލް މާފިޔާ ގޭންގަށް ލިބުނު ރަނުގެ ފުރުސަތެވެ. ވެންޓިލޭޓަރ ގަތުމުގެ ހިޔާނާތް ޑިޒައިންކޮށް ހިންގީ ޔޫއޭއީގައި އޮންނަ މެޑިކަލް މާފިޔާ ގޭންގުންނެވެ. ރާއްޖޭގައި ތިބި އެމީހުންގެ އެޖެންޓުން ލައްވައެވެ. ރާއްޖޭގެ ހެލްތު ޕްރޮފިޝަނަލުންގެ އެތައް ބަޔަކު ތިބީ މެޑިކަލް މާފިޔާގެ އެޖެންޓުންނަށް ހަދާފައެވެ. ރާއްޖޭގެ އެތަންމިތާ ކޮވިޑް ލެބްތައް ހަދައިގެންނާއި ބޭހާއި މެޑިކަލް އިކްއިޕްމަންޓް އެތެރެކޮށް ވިއްކުމުގައި އެމީހުން އެތިބީ ލަވަކިޔާލާފައެވެ.
ރާއްޖޭގައި ހަރަކާތްތެރިވާ މެޑިކަލް މާފިޔާ ހުރިހާ އެޖެންޓުންހެން ތިބީ މުއިއްޒާ ބައިއަތު ހިފައިގެންނެވެ. މުއިއްޒުގެ ވެރިކަން ދަމަހައްޓަން ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމުގައެވެ. މަޖިލީހުން ގޮނޑި ގަތުމަށާއި މަޖިލީހަށް މެންބަރުން ހޮވާދޭން މުއިއްޒަށް ފައިސާ އަޅާދޭ ހޮޅިއަކީ މެޑިކަލް މާފިޔާ ގޭންގެވެ. ފުށިދިއްގަރުފަޅު ހިއްކުމަށް ހަރަދު ކުރަނީވެސް މެޑިކަލް މާފިއާ ގޭންގުން ކަމަށްވެއެވެ.
މުއިއްޒުގެ ނައިބު ރައީސް ސެމްބެއާއި ޑިފެންސް މިނިސްޓަރ ގައްސާނު މައުމޫނަކީ ރާއްޖެއަށް ބޭސް އެތެރެކުރުމުގެ ވިޔަފާރީގައި އުޅެމުން އައި ބަޔެކެވެ. އެ މީހުންނާ ގުޅުން ހުރި ކުންފުނިތަކާ އެކުންފުނިތަކުން ކުރާ ވިޔަފާރިއާއި ލޯހުޅުވައިގެން ބެލީމާ ފެންނާނެއެވެ.
މެޑިކަލް މާފިޔާއާއި ވަރަށް ކުރިއްސުރެ ޑރ. މުއިއްޒާ ގުޅި އޮތީ ގޮއްޖެހިފައެވެ. މެޑިކަލް މާފިޔާ ގޭންގަށް މުއިއްޒު މުހިންމު ވަނީ ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ މުއިއްޒުގެ މުށުތެރޭގައި އޮތުމުންނެވެ. ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ސީނިއަރ ސައިންޓިފިކް އޮފިސަރގެ ގޮތުގައި ސާޖިދާ ހުރެގެން މެޑިކަލް މާފިޔާ އެދޭހާ ގޮތަކަށް ބޭސް އެޕްރޫވް ކުރުމަކީ އިއްޔެއަކު މިއަދަކު ހިނގާ ކަމެއްނޫނެވެ. އެވަރުގެ އެހެން މީހަކު ރާއްޖޭގައި ނެތް ކަމަށް ދެއްކިގެން ސާޖިދާ ޑްރަގް އޮތޯރިޓީގެ މައްޗަށް ވެރިވެ ގަނެގެން ހުންނަނީ އެހެން ބޭނުމެއްގައެއް ނޫނެވެ.
ފަސްޓް ލޭޑީއަށް ވުމުންވެސް އެތަނުން ނުނިކުމެ ހުންނަން ސާޖިދާ މަސައްކަތް ކުރަނީ މެޑިކަލް މާފިއާގެ ބޭނުމުގައެވެ. މުއިއްޒާ މެޑިކަލް މާފިޔާއާއި ގުޅުވާދޭ ބުރިޖަކީ ސާޖިދާއަށް ވާތީ ޑްރަގް އޮތޯރިޓީގައި ސާޖިދާ ހުރުމަކީ މުއިއްޒަށްވެސް މެޑިކަލް މާފިޔާ ގޭންގަށް ވެސް މުހިންމު ކަމެކެވެ. މެޑަމް ސާޖީއަކީ މެޑިކަލް މާފިޔާގެ ރާއްޖޭގެ މިހާރުގެ ބޮސްކަމަށް ބުނެއުޅެއެވެ.