ޝަހުސް އޮޅުވުމުގާ ނަޝީދެކޭ މައުމޫނެކޭ އެއްގޮތް

އެމްޑީޕީއަށް ފިކުރެއްގެ ދިރުމަކީ ތޮށަލިތަކުރާ ޖެހުނު ވިގަނި

ޝަހުސް އޮޅުވުމުގާ ނަޝީދެކޭ މައުމޫނެކޭ އެއްގޮތް

މީގެ ކުރިންވެސް ސިޔާސީ ޕާޓީއެއްގެ ލީޑަރަކަށް އޭނާގެ ޝަހުސު އޮޅިގެން އުޅުނެވެ. އޮޅުވަލައިގެންވެސް އުޅުނެވެ. ޕީޕީއެމްގެ ރައީސް ކަމުގައި ހުރި މައުމޫނާ އޭނާގެ އަޅުކުދިން ކޮޅަށް އެ މީހުންގެ ސަހުސު އޮޅުނެވެ. އިރެއްގައި މައުމޫނަށް ރާއްޖޭގެ ގިނަ ބައެއްގެ ތާއީދު އޮތެވެ. ޑީއާއރުޕީ އުފެދުނީ އެ ތާއީދުގައެވެ. މައުމޫނު އަތުން ޑީއާރުޕީ ގެއްލި ޒެޑްފެކްޝަން (ޒައީމް ފެކްޝަން) ހަދައިގެން އުޅެ ޕީޕީއެމް ވުޖޫދު ކުރިއެވެ. ޕީޕީއެމް އުފެދުމާއެކު މައުމޫނު ވާދަނުކުރާ ޕްރައިމަރީއެއް ބާއްވާ ޔާމީނާއި އުމަރަށް ވާދަކުރަން ޖާގަ ދިނެވެ. ނަތީޖާއައީ ޔާމީނު ކޮޅަށް ބުރަވެގެނެވެ. 

އެ ހިސާބުން ޕީޕީއެމްގެ މެންބަރުންގެ ތާއީދާ ލޯބި ޔާމީނުގެ މައްޗަށް އެނބުރިގެން އައީ ވެރިކަމުގެ އާރާ ބާރާއި އެކުގައެވެ. އެކަމަކީ މައުމޫނަށް ހަޖަމު ކުރެވުނު ކަމަކަށް ނުވިއެވެ. މައުމޫނަކީ ޕީޕީއެމްގެ ރައީސަށް ވީތީ ޕީޕީއެމްގެ ރިޔާސީ ޓިކެޓްގައި ރައްޖޭގެ ރައީސް ކަމުގައި ހުންނެވި ޔާމީނުގެ ކޮންޓްރޯލް އޮންނަން ޖެހޭނީ މައުމޫނުގެ އަތްމަތީގައި ކަމަށް މައުމޫނު އޭރު ދުއްޓެވެ.

އޭރު މައުމޫނު ހީކުރީ އާއްމު މެންބަރުން ތިބީ މައުމޫނާ އެކުގައި ކަމަށެވެ. އެކަމަކު ޕީޕީއެމްގެ ގުނަން ތަކުގެ ކޮންޓްރޯލް އޮތީ ރައީސް ޔާމީނަށެވެ. އެހެނެއް ކަމަކު ޕާޓީގެ ރައީސަށް ވެގެން ޕަޓީގެ ގުނަން ތަކުގެ ނިންމުންތަކާއި ދެކޮޅަށް މައުމޫނު ބޭނުންވާ ގޮތަށް ޕީޕީއެމްގެ ނަމުގައި ކަންކަން ކުރަމުން ދިޔައެވެ. ޕާޓީގެ ސިއްކައާއި ދިދަ މައުމޫނު ބޭނުން ކުރަމުން އައެވެ.

މައުމޫނުގެ ޝަހުސު އޮޅުވާލުން ހުރި ވަރަކީ ޕީޕީއެމްގެ ރިޔާސީ ޓިކެޓްގައި ރާއްޖޭގެ ވެރިކަން ކުރައްވާ ރައީސް ޔާމީނާއި އަދި ޕީޕީއެމްގެ ވެރިކަމާ ދެކޮޅަށް ޕީޕީއެމްގެ ރައީސް ތެދުވުމެވެ. އިދިކޮޅު ޕާޓީތަކާއެކު ޕީޕީއެމާ ދެކޮޅަށް ޕީޕީއެމް ކޯލިޝަން ހެދުމެވެ. 

އާހިރުގައި މައުމޫނު ހީކުރި ގޮތާ ހިލާފަށް މުޅި ޕީޕީއެމްގެ ހުރިހާ ގުނަން ތަކާއި މެންބަރުން ތިބީ ރައީސް ޔާމީނު ފަހަތުގައެވެ. މައުމޫނު ބަކީވެ އިސްނަގައިގެން އުފެއްދި އެމްއާރުއެމަށް ތިންހާސް މެންބަރުން ހަމަކުރުމަކީ ވެސް މަރުފުށު ކަމަކަށް ވިއެވެ. 30 އަހަރު ރާއްޖޭގެ ވެރިކަންކޮށް އެތައް ހާސް ބަޔަކު އެމީހެއްގެ ފަހަތުގައި އެއްއިރެއްގައި އޮތް މައުމޫނު ވެސް ސިޔާސީ ގޮތުން ބަލި ބުޅާގަނޑަކަށް ވުރެ ބަލިވީއެވެ.   

އެމްޑީޕީގެ ކަންކަން ވެސް ޕީޕީއެމް ދިޔަމަގުން ދާތަން އެބަ ފެނެއެވެ. 17 ވަރަކަށް އަހަރު އެމްޑީޕީގެ ހިތްތަކުގެ ރަސްގެފާނަށް ވެސް އެހާލު ޖެހޭތަން އެބަ ފެނެއެވެ. އެމްޑީޕީގެ ރައީސް ނަޝީދާއި އޭނާގެ އައުވާނުންނަށް އަދިވެސް ހީކުރެވެނީ މުޅި އެމްޑީޕީ އޮތީ އޭނާގެ ފަހަތުގައި ކަމަށެވެ. އެމްޑީޕީގެ ރިޔާސީ ޓިކެޓްގައި ރާއްޖޭގެ ރައީސްކަމުގައި ހުންނެވި ރައީސް ސޯލިހާ އިދިކޮޅުވެގެން ރައީސް ސޯލިހު ނޫން ގޮތެއް ހޯދަން ވާދަވެރިއަކާ ކޯލިޝަން ހަދާ ހަރާބުގެ މަގަށް ފުރޮޅި ގަތީއެވެ.

އެމްޑީޕީގެ މެޖޯރިޓީ މެންބަރުންގެ ނިންމުމާ ނަޝީދު އިދިކޮޅުވީއެވެ. ޕީޖީ ގްރޫޕާއި ގައުމީ މަޖިލީހާއި ކޮންގްރެސްއާއި އެމްޑީޕީގެ ރައީސް ނަޝީދު ދެކޮޅުވީއެވެ. އެމްޑީޕީގެ ވެރިކަމާ އެމްޑީޕީ ދެކޮޅު ވެއްޖެ ކަމަށް ދައްކާ އެމްޑީޕީގެ ނަމުގައި ނަޝީދު އިދިކޮޅު ހަރަކާތް ފެށީއެވެ. ފިކުރުގެ ދިރުމުގެ ނަމުގައި ގޮސް 15 ހާސް ހަމަނުވާ ޕާޓީއެއްގެ ގައިދަށުވެ ޝަހުސް އޮޅުވާލީއެވެ.

ތިރީސް އަހަރުން މައުމޫނަށް ކިރިޔާ ހަމަވީ ތިންހާހެވެ. 18 އަހަރުން ނަޝީދަށް 1800 ހަމަވިޔަސް ރަނގަޅެވެ. އެރިގޮތަށް މެދު އުޑުގައި ނުއޮއްސި ހުރި އެންމެ ތަރިއެއް ވެސް ނެތެވެ. އެކަމަކު ހަމަތެދެކެވެ. އެމްޑީޕީއަށް ނަޝީދާ ފިކުރެއްގެ ދިރުމަކީ ތޮށަލި ތަކުރާ ޖެހުނު ވިގަންޏެކޭ ތަފާތެއް ނެތެވެ. ނުމެކޭ މެއެވެ. ނުމެ ދިޔަމެއެވެ.