ރައީސް ސޯލިހު އެ މަނިކުފާނުގެ ރިޔާސީ ކެމްޕޭނަށް ށ. ކޮމަންޑޫއަށް ވަޑައިގަތުމުން އެރަށުން ދެންނެވި ހޫނު މަރުޙަބާއިން ދައްކައިދެނީ އޮތް ތާއީދެވެ. އެ މަނިކުފާނުގެ އިސްތިޤުބާލަށް ރަށުގެ ކުދިބޮޑު ގިނަ އަދަދެއްގެ ބަޔަކު ބަނދަރު ސަރަޙައްދަށް ނިކުމެ އެތިބީ ފިސާރި ލޯބިންނެވެ. އެ މަނިކުފާނަށް މަރުހަބާ ދަންނަވަން އެތިބިއްޔަކީ ސަރުކާރު ކުންފުނިތަކުގެ މުއައްޒަފުންނެއް ނޫނެވެ. ވަޑައިގެން އިރު ގެންދެވި ސަޕޯޓަރުންނެއްވެސް ނޫނެވެ. ކޮމަންޑޫގެ ކުދިބޮޑު އެތައް ރައްޔިތެކެވެ.
ރޫޅިފައިވާ އިދިކޮޅު ފިކުރުގެ މީހުނަށް ހަޖަމެއް ނުވާނެއެވެ. ރައްޔިތުންގެ ލޯބި ރައީސް ހޯއްދަވަމުން އެގެންދަވަނީ އިހުލާސްތެރި ތެދުވެރި ހިދުމަތުންނެވެ. ޖަދަލުކުރުމާ ބަދަލު ހިފުމެއްނެތި ކުރިއަށް ނެރުއްވާ އޯގާތެރި ކެއްތެރި ސިޔާސަތުންނެވެ. ރައްޔިތުން ވެރިކަމަށް މީހަކު އިސްކުރަނީ ރައްޔިތުންގެ ލާބައާއި މަންފާއަށެވެ. ރައްޔިތުންގެ ބޭނުންތަކާ އިހުސާސް ދެނެވަޑައިގެން ރައްޔިތުންގެ ހިދުމަތުގައި ދެމިހުންނެވި ރައީސް ސޯލިހަށް ދެވަނަ ދައުރެއް ހޯދައިދިނުމަށް ކޮމަންޑު ގިނަ ރައްޔިތުން އެތިބީ އަތުކުރި އޮޅައިގެނެވެ.
ކޮމަންޑޫ ރައްޔިތުނަށް ބޭނުންވެގެން ފައސާފައިވާ ތަރައްގީގެ މަޝްރޫއުތައް އެހެން މީހަކު ހޮވައިގެން ހުއްޓޭކަށް ނުވަތަ ގެންނަ ބަދަލުތަކަކުން ލަސްވެ ދިގު ދެމޭކަށް ކޮމަންޑޫ ރައްޔިތުން ނޭދެއެވެ. އެކަން އަންނަ ރިޔާސީ އިންތިހަބުގައި ކޮމަނޑޫ ރައްޔިތުން އިދިކޮޅު ފިކުރުގެ މީހުނަށް ދައްކަލާނެއެވެ. ރާއްޖޭގައި އަށަގަންނަމުންދާ ސުލްހަ މަސަލަސް ކަން ގެއްލި އަހަރުތަކެއް ފަހަތަށް ސޮއްސާލާކަށް ކޮމަންޑޫ ރައްޔިތުން ނޭދެއެވެ.
ރައީސްގެ މި ދަތުރުފުޅުގައި އެ މަނިކުފާނު އެ އަތޮޅުގެ ހަތަރު ރަށަކަށް ވަޑައިގަންނަވާނެއެެވެ. ރައީސް ވަޑައިގަންނަވަނީ ކޮމަންޑޫ، މަރޮށި، ނޫމަރާގެ އިތުރުން ފޯކައިދުއަށެވެ. މި ދަތުރުފުޅުގައި ކޮމަންޑޫ، މަރޮށި އަދި ނޫމަރާގައި ކަންމަތީ ޖަލްސާއެއް ބާއްވަން ވަނީ ހަމަޖެހިފައެވެ.
އެމްޑީޕީގެ ރިޔާސީ ކެމްޕޭން ފެށުމަށް ފޯކައިދޫގައި މިރޭ ބާއްވާ ކެމްޕެއިން ޖަލްސާ ޝަރަފުވެރިކޮށްދެއްވާނީ ރައީސް ސޯލިހެވެ. އެ ޖަލްސާއަކީ އެ މަނިކުފާނުގެ ކެމްޕެއިން ފެށުމުގެ ގޮތުން އަތޮޅުތެރޭގައި ބާއްވާ ފުރަތަމަ ޖަލްސާއެވެ.
ރައީސްގެ ދަތުރުފުޅުގައި ޢަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދުއްލާ އާއި އެމްޑީއޭގެ ލީޑަރ އަޙްމަދު ސިޔާމް މުހައްމަދު ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ. ހަމައެއާއެކު އެމްޑީޕީގެ އިސްބޭފުޅުންވެސް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.