ތެލަށްޖެހި މަހަށް ނުފުރި ދޯނިފަހަރުން ފަޅުތައް ތޮއްޖެހެނީ

ތެލަށްޖެހި މަހަށް ނުފުރި ދޯނިފަހަރުން ފަޅުތައް ތޮއްޖެހެނީ

ބޮޑެތި ދޯނިތަކުން ފަޅުތައް ފުރި ބާރުވެ ބޭރުމަތީގައި އޮންނަ ބޯޓުފަހަރުގައި ކަފުޖެހޭ ވަރަށް މަސްވެރި ރަށްރަށުގެ ފަޅުތައް ވަނީ ފުރި ބާރުވެފައެވެ. ފަޅތައް މަސްދޯނި ފަހަރުން ފުރި ބާރުވަނީ މަސްބާނާ ފުރައިގެން އައިސް މަސްނުކިރެ އޮންނަން ޖެހުމަކުން ނޫނެވެ. ތެޔޮ ނުލިބިގެންނެވެ.

މިފްކޯއިން މަސްވެރިންނަށް ބޭނުންވާ ތެލެއް މިހާރަކު ނުލިބެއެވެ. މަސްދޯނި ފަހަރުން ރަށްރަށުގެ ފަޅު ތޮއްޖެހެނީ ހުވަދޫ މަސްވެރިން ބުނާ ގޮތުގައި ތެލުގެ އަގު ބޮޑުވީފަހުން ކޫއްޑޫންއިން ތެޔޮ ނުލިބެތީއެވެ. މަސްދޯންޏަކަށް މިހާރު ސަބްސިޑައިޒްކޮށްގެން މިފްކޯއިން ދުވާލަކު ލިބެނީ ދޯންޏަކަށް އެންމެ 1200 ލީޓަރު ތެޔޮކަމަށް މަސްވެރިން މައުލޫމާތު ދެއެވެ. 

1200 ލީޓަރަކީ އެންމެ 06 ފީފާ ތެލެވެ. 06 ފީފާ ތެލުން ކަނޑުބޭރު ވެލުން ނޫންވަރެއް ނުވެއެވެ. 06 ފީފާ ތެޔޮއަޅައިގެން ނެރުން ނިކުމެފައި ދޯނި ފަހަރަށް ޖެހެނީ ތެޔޮ ހުސްވެގެން އެނބުރި ފަޅަށް ވަންނާށެވެ. މަސްވެރިންގެ ކޮންމެ ދުވަހެއްގެ ހާލަކީ މިއެވެ.  

ރާއްޖޭގައި މީހާރު މަސްދޯނި ފަހަރުގެ ގޮތުގައި ގެންގުޅެނީ ޓޫޓީ އިންޖީނުއެޅި ދޯނި ފަހަރެއް ނޫނެވެ. 100 ފޫޓަށް ވުރެ ބޮޑެތި މަސް ދޯނި ފަހަރެވެ. ރާއްޖޭގެ މަސްދޯނި ފަހަރުގައި މިހާރު ގިނައިން ހުންނަނީ ދޮޅުހާސް ހޯސްޕަވަރގެ އިންޖީނެވެ. މިހާރުގެ ދޯނި ފަހަރަށް ދުވާލަކަށް މަދުވެގެން ދިހަބާރަ ފީފާ ތެޔޮ ބޭނުންވެއެވެ. އެހެން ކަމުން މަސްވެރިންނަށް ލިބޭ ތެޔޮފޮދު މަދުކަމުން ތެލަށްޖެހި މަސްދޯނި ފަހަރު މިހާރު އެތިބެނީ ފަޅުގައި ދޯނި އަޅައިގެން މަހަށް ނުފުރިފައެވެ.

ތެލުގެ އަގު ބޮޑުވިޔަސް މިފްކޯއިން މަސްވެރިންނަށް ބޭނުންވާ ތެޔޮ ނުލިބެނީ އަދި ރާއްޖޭން ތެޔޮ ހުސްވެގެނެއް ނޫނެވެ. މަސްވެރިންނަށް މިފްކޯއިން ބޭނުންވާ ވަރަށް ތެޔޮ ނުލިބެނީ މިފްކޯއިން ތެޔޮ ބިލްތަކަށް އެސްޓީއޯއަށް ދައްކަންޖެހޭ ފައިސާ ނުދައްކާތީ ކަމަށް މަސްވެރިން ބުނެއެވެ. 

މަސްވެރިން ބުނަނީ މިއްޔަކީ ޓޫޓީ އިންޖީނުއަޅައިގެން ހަފްތާއަކު 100 ލީޓަރު ތެލުން ފަރުޖެއްސި ޒަމާން ނޫންކަމަށެވެ. ޒިންމާދާރު އިންތިޒާމެއްގެ ތެރެއިން މަސްވެރިންނަށް ތެޔޮ ލިބިގެން މަހަށް ފުރޭނެ ގޮތެއް ސަރުކާރުން ހަދާދޭންޖެހޭކަމަށް މަސްވެރިން ބުނެއެވެ. 

އީރާނު ހަނގުރާމައިގެ ސީދާ އަސަރު ކުރުމުގެ ކުރީން ދުރާލާ ގޮތްތަކެއް ހަމަ ނުޖައްސައިފިނަމަ މަސްވެރި އާއިލާތައް ދަރާވިކި ބަނޑަށްޖެހި މަސްވެރިކަމުގެ ސިނާއަތު ފުޑުފުޑު ވެގެންދާނެއެވެ. ފެންނަ ނުފެންނަ ވޯޓަށް މުޅި ސަރުކާރު ހުއްޓިފައި އޮތް އިރު ބޯމަތިވަމުން އަންނަ ބޯވިލާގަޑެއް މުއިއްޒު ސަރުކާރަކަށް ނުފެނެއެވެ.