ބޯހަރު ސަރުކާރުގެ މިސްރާބު ހަމަމަގަށް އަޅުވަން ޖެހޭ!

ކޮވިޑްގެ ތެރޭގައި ރިޒާވުގައި ފައިސާ ނެތް. ނަމަވެސް ރައްޔިތުން ބަނޑަށް ނުޖައްސަން: ރައީސް ސޯލިހު

ބޯހަރު ސަރުކާރުގެ މިސްރާބު ހަމަމަގަށް އަޅުވަން ޖެހޭ!

ތެދުފުޅެކެވެ. މިއަދަކު ބަލަން ތިބެވޭކަށް ނެތެވެ. ސަރުކާރު ހަމަ މަގުން ނެއްޓެއްޖިއެވެ. ހަމަ މަގަށް ނާޅުވައިފިއްޔާ މާދަމާވެސް ހަދާނީ ދޮގެވެ. މަސްވެރިންނަށް ދޮގު ހަދައިފިއެވެ. ގޯއްޗާއި ފުލެޓް ލިބުނު މީހުންނަށް އޮޅުވާލައިފިއެވެ. ދާހިލީ ގުޅުންތައް ކެނޑި ބާކީވެއްޖެއެވެ. ރައީސް ސޯލިހު އިއްޔެރޭ އެ ވިދާޅުވީ ވަރަށް ބޮޑު ތެދު ވާހަކަފުޅުތަކެކެވެ.

ގޯއްޗާއި ފުލެޓް ލިބުނު ފަރާތްތަކަށް އޮޅުވާލާ ދޮގު ހެދި މައްސަލައިގައި އެކަނިވެސް، މި ބޯހަރު ސަރުކާރު ހަމަމަގަށް ގެންނަން ޖެހެއެވެ. ސަރުކާރު ހަމަމަގަށް އެޅުވުމަށްޓަކާ އެމްޑީޕީއަށް މަޖިލިސް އިންތިހާބު ވަރަށް މުހިންމެވެ. އެމްޑީޕީގެ ލީޑަރޝިޕް އޮތީ އެއް ވިސްނުމެއްގައި އެއް އަޒުމެއްގައި އިންތިހާބު ކާމިޔާބު ކުރުމަށެވެ. ޕްރައިމަރީގައި ނާކާމިޔާބުވި ފަރާތްތައްވެސް ނުކުމެ އިންތިހާބު ކާމިޔާބުކުރުމަށް މަސައްކަތް ކުރައްވަން ރައީސް ސޯލިހު އެދިވަޑައިގަނެއެވެ. އެމްޑީޕީއާއި ދުރަށް ޖެހިވަޑައިގެންނެވި ބޭފުޅުންވެސް އެމްޑީޕީގެ މެންބަރުންނަށް ތާއިދުކުރައްވާ އެމްޑީޕީގެ މެންބަރު ހޮވުމަށް މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގަނެއެވެ. 

ރައީސް ސޯލިހު ވިދާޅުވާ ގޮތުގައި ދިވެހި ރާއްޖެ ގައުމެއް ގޮތުގައި ހިނގަ ހިނގާ އޮންނަތާ 2000 އަހަރު ވެއްޖެއެވެ. ގައުމުގައި މިނިވަންކަން އަބަދުވެސް އޮންނަންޖެހެއެވެ. މީގެ ކުރިންވެސް މިނިވަންކަން އޮތެވެ. ގައުމިއްޔަތު ވެސް އޮތެވެ. ނަމަވެސް ބަޔަކަށް މިއަދު ހީވަނީ މިއީ އައު ގައުމެއް ކަމަށެވެ. ހުރިހާ ވެސް މައްސަލައަކީ މި ސަރުކާރުގެ ބޯހަރު ކަމެވެ.

ހިނގަހިނގާ އޮންނަ ގައުމެއްގެ ކަންކަން ނަގުލުވުމާއި އިޔާދަވުމާއި އައުކަންކަން ތައާރަފްވުމަކީ ދުނިޔޭގެ ސުންނަތެވެ. އެކި ދުވަހު ތަޖުރިބާ ކުރަންޖެހޭނީ އެކިކުލައެވެ. އެކިރަހައެވެ. އުފަލާއި ހިތާމައެވެ. ދައްޗާއި ފަސޭހައެވެ.

ރައީސް ސޯލިހުގެ ވެރިކަމުގެ މިދިޔަ 5 އަހަރު ދަތި އުނދަގޫ ކަންކަމާއި ދިމާވިއެވެ. ކޮވިޑްގެ ތެރޭގައި ރިޒާވުގައި ފައިސާއެއް ނެތެވެ. ނަމަވެސް ރައްޔިތުން ބަނޑަށް ނުޖައްސާ ހުރިހާކަމެއް ކުރިއެވެ. ދޭދޭ ގައުމުތަކާއި އޮތް ގުޅުމުގެ ސަބަބުން ލޯންތައް ފަސްކުރެވުނެވެ. އޭގެ ކުރީ ސަރުކާރުން ވާރުތަވީ ދަރަނިތައް ދެއްކިއެވެ.

ކޮވިޑްގައި ވިޔަފާރިތައް ބަނގުރޫޓް ނުވާނެގޮތަށް އެހީދިނެވެ. ފަތުރުވެރިކަމުގެ ދާއިރާ ބަނގުރޫޓް ނުވެ ހިފެހެއްޓުނެވެ. ކުދި ވިޔަފާރި ކޮޅަށް ޖެހިއެވެ. ނަމަވެސް މިއަދު ފެންނަނީ މެނޭޖް ކުރަން ނޭނގގިގެން އުޅޭތަނެވެ. ރައީސް ސޯލިހު ސަރުކާރުގެ އަމާޒަކަށްވީ ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމެވެ. ރައްޔިތުންނަށް ދިމާވާ ދަތި އުނދަގޫތަކުން ސަލާމަތް ކުރުމެވެ.

ރައީސް ސޯލިހު ވިދާޅުވާ ގޮތުގައި މިއީ މިފްކޯ އެސްޓީއޯގެ ދަށުން މިފްކޯ ވަކިކޮށްލަންޖެހޭ ވަގުތެއް ނޫނެވެ. މިއަދު މިފްކޯއިން ފައިސާ ހޯދަން އެދިގެން އެއްވެސް ބޭންކަކުން ފައިސާއެއް ނުދޭނެއެވެ. އެސްޓީއޯގެ ދަށުން މިފްކޯ ވަކިކުރުމަކީ ގޯހެއް ކަމަށް އައިއެމްއެފްއާއި ވޯލްޑް ބޭންކުން ދަނީ ބުނަމުންނެވެ. އެކަމަކު މި ސަރުކާރުގެ ބޯހަރު ގޮތް ދޫނުކޮށް މިފްކޯ އެވަނީ އެސްޓީއޯއާއި ވަކިކޮށްފައެވެ 

ރައީސް ސޯލިހު ވިދާޅުވަނީ ފްރީ ޓްރޭޑް އެގްރީމެންޓަކުން ކުރާނެ ފައިދާއެއް އަދި ނެތް ކަމަށެވެ. މަސްވެރިންނަށް ފައިދާ ވާނީ މަސް ގަންނަ ފަރާތްތަކާ ވާހަކަ ދައްކައިގެން އެ މީހުންނާ އެއްބަސްވުމަކަށް އައިސް ގެންނެވެ. މަސް ގަންނަ ފަރާތްތަކާ އެ ވާހަކަ ދެއްކުނު ނަމަ 25 ރުފިޔާއަށް ކިލޯއެއް ގަނެ ޑޮލަރުވެސް ދެވޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

މިދިޔަ ރިޔާސީ އިންތިހާބު ނިމުމަށްފަހުގައި އެމްޑީޕީން އެހެންކަހަލަ ތަޖުރިބާތަކެއް ކޮށްފިކަމަށް ރައީސް ސޯލިހު ވިދާޅުވެއެވެ. އެމްޑީޕީގެ މަޖިލިސް މެންބަރުން ތަކެއް ޕީޓީ ދޫކޮށް ދިއުމުން މާޔޫސްކަމެއް ލިބުނު ނަމަވެސް އެޕާޓީން ބުރަ މަސައްކަތްތަކެއް ކުރި ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.