އިސްރާއީލާއި ލުބުނާން 10 ދުވަހަށް ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުން
އިސްރާއީލާއި ލުބުނާނާ ދެމެދު 10 ދުވަހުގެ މުއްދަތަށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވިފައިވާކަން ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރައްވައިފިއެވެ.
ޓްރަމްޕް ހާމަކުރެއްވި ގޮތުގައި، މި އެއްބަސްވުމަށް އާދެވުނީ ލުބުނާނުގެ ރައީސް ޖޯސެފް އައޫން އާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކު ކުރެވުނު "ވަރަށް ކާމިޔާބު" މަޝްވަރާތަކަކަށް ފަހުގައެވެ. މި އެއްބަސްވުމަށް އަމަލުކުރަން ފަށާނީ އީ.އެސް.ޓީ ގަޑިން އިއްޔެ ހަވީރު 5:00 ގައެވެ.
މީގެ އިތުރުން، ދެ ގައުމުގެ އިސް އޮފިޝަލުން ވޮޝިންޓަން ޑީ.ސީ. ގައި ބައްދަލުކުރައްވާފައިވާކަން ޓްރަމްޕް ހާމަކުރެއްވިއެވެ. މިއީ ފާއިތުވި 34 އަހަރު ތެރޭގައި ދެ ގައުމުގެ ދެމެދުގައި ބޭއްވުނު މިފަދަ ފުރަތަމަ ބައްދަލުވުމެވެ. މި ބައްދަލުވުމުގައި މާކޯ ރޫބިއޯ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މިއީ ލިބުނު "ބޮޑު ކުރިއެރުމެއް" ކަމަށް ސިފަކުރައްވަމުން ޓްރަމްޕް ވިދާޅުވީ، މިއީ އޭނާގެ މެދުވެރިކަމުގައި ހައްލުކުރެވުނު 10 ވަނަ ހަމަނުޖެހުން ކަމަށެވެ. އަދި މި ހަނގުރާމަ ހުއްޓާލުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ދާއިމީ ސުލްހައެއް ގާއިމުވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.


