2028 އަށް މުއިއްޒު ސަރުކާރު އޮންނާނެކަމާމެދު ޝައްކު: ނަޝީދު

ރައްޔިތުން ފާލުން ނެއްޓޭނެ ހިސާބެއް އަންނާނެ

2028 އަށް މުއިއްޒު ސަރުކާރު އޮންނާނެކަމާމެދު ޝައްކު: ނަޝީދު

ރައީސް މުއިއްޒުގެ ސަރުކާރު 2028 އާއި ހަމައަށް އޮންނާނެ ކަމާމެދު ޝައްކުވާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 2028 ގައި ރާއްޖޭގެ ވެރިކަން އެމްޑީޕީން ކާމިޔާބު ކުރާނެކަމީ ރާއްޖޭގެ ހުރިހާ ރައްޔިތުން ގަބޫލުކުރާ ހަގީގަތެއްކަމަށް ވިދާޅުވަމުން ރައީސް ނަޝީދު އެހެން ވިދާޅުވީ ރޭގައި އޮތް އެމްޑީޕީ ހަރުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅު ނިންމަވާ ލައްވަމުންނެވެ. 

ރައީސް ނަޝީދު ވިދާޅުވިގޮތުގައި ރައްޔިތުން ފާލުން ނެއްޓޭނެ ހިސާބެއް އަންނާނެއެވެ. "އެވަގުތާ ދިމާލަށް ދިވެހި އުންމަތް އެބަ މިސްރާބު ހިފާ" ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުން ގޭގެއަށް ގަންނަންޖެހޭ އެއްޗެތީގެ އަގު އިންތިހާއަށް ބޮޑުވެ ދިރިއުޅުމުގެ ހަރަދުތައް ދެކޮޅު ނުޖެހެން ފެށީމާ، ތެލާ ފެނާ ކަރަންޓާ ނުލިބުނީމާ ދެން ނިކުން ނިކުންނާނީ މަގުމައްޗަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ރައްޔިތުން މަގުމައްޗަށް ނިކުމެ އެބާރު މިނުގައި ދާއިރު ދައުލަތަށާއި އެންމެނަށް ވެސް ގެއްލުން ލިބެއެވެ. " އަޅުގަނޑުމެން ނޭދެން ދިވެހި ދައުލަތް ޑީފޯލްޓް ވާކަށް. ދިވެހި ދައުލަތް ޑީފޯލްޓް ވާއިރުގައި އަޅުގަނދޫމެން އެންމެންވެސް ޑީފޯލްޓް ވާނެ. ސޮވަރިންގ ޑިފޯލްޓޭ ބުނަނީ އެހެންވގެން" ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 

" މިއަދު ޓްރެޝަރީއަކު ނެތް. އެމްއެމްއޭ އަކުނެތް ރިޒާވެއް. ޑޮލަރެއް. ޔޫސެބަލް ރިޒާވެއް އެމްއެމްއޭއަކު ނެތް. އެހެންވެގެން އެ މައުލުމާތު އެބޭފުޅުން މިހާރު ޝާއިއު ނުކުރަނީ." ރައީސް ނަޝީދު ވިދާޅުވިއެވެ. 

ބޭންކް އޮފް މޯލްޑިވްސްގައި ވެސް ޑޮލަރު ނެތް ކަމަށް ވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވީ " އަޅުގަނޑުމެން މިތިބީ ވަރަށް ނާޒުކު ފައްތަރައެއްގަ"އެވެ. ދިވެހިރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ގެންދިޔުމަށް އެންމެންގެ ވެސް މަސްއޫލިއްޔަތެއް އެބައޮތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަބަދުވެސް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، ދިވެހި ރައްޔިތުންނާއެކުގައި އޮންނާނެ ކަމުގެ ޔަގީންކަން ރައީސް ނަޝީދު ދެއްވިއެވެ.