އެމްޕީއެލްއިން އިންޓާންޝިޕް ޕްރޮގްރާމެއް ތައާރަފްކޮށްފި!

އެމްޕީއެލްއިން އިންޓާންޝިޕް ޕްރޮގްރާމެއް ތައާރަފްކޮށްފި!

ޒުވާން ހުނަރުވެރިން ތަރުބިއްޔަތުކޮށް، ބަނދަރާއި މެރިޓައިމް ދާއިރާ ކުރިއެރުވުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ދާދި ފަހުން ވަނީ އިންޓާންޝިޕް ޕްރޮގްރާމެއް ތައާރަފްކޮށްފައެވެ. މި ޕްރޮގްރާމުގެ ސަބަބުން ބަނދަރުތަކާއި ކުރިއަރަމުން އަންނަ ކަނޑު ދަތުރު ފަތުރުގެ ދާއިރާއިން އަގުހުރި ތަޖުރިބާ ތަކެއް ހޯދުމުގެ ތަފާތު ފުރުސަތެއް ދަރިވަރުންނަށް ލިބިގެން ދާނެއެވެ.

އިންޓާންޝިޕް ޕްރޮގްރާމުގެ މަގްސަދަކީ ބަނދަރާއި މެރިޓައިމް އިންޑަސްޓްރީގެ އެކި އެކި ކަންކަމުގެ ފަންނުވެރިންނަށް އަމަލީ ގޮތުން ރައްކާތެރިކަމާއިއެކު މަސައްކަތް ކުރަން ދަސްކޮށް ދިނުމެވެ. އަދި މީގެ އިތުރުން އިންޓާނުންގެ ގޮތުގައި ބައިވެރިވާ ބައިވެރިންނަށް މަސައްކަތުގެ ހަގީގީ ހާލަތުގެ ތެރެއަށް ވަދެ ތިބެގެން އިންޑަސްޓްރީއަށް ހާއްސަ ހުނަރުތައް ހޯދާ ދަސްކުރުމުގެ ފުރުސަތު ހުޅުވާލުމެވެ. ހަލަބޮލި ބަނދަރެއް ބެލެހެއްޓުމުގައި ހަރަކާތްތެރި ވާއިރު އޮޕަރޭޝަންތަކާ މެދު ވިސްނާ ހައްލު ހޯދުމަށް ދަސްކޮށް ދިނުމެވެ.

ބަނދަރުގެ ހިދުމަތް ފޯރުކޮށް ދިނުމުގައި ތަޖުރިބާ ހުރި އެމްޕީއެލްގެ އަމާޒަކީ ރާއްޖޭގެ މެރިޓައިމް ދާއިރާ ކުރިއެރުވުމަށް އެހީތެރި ވެދޭނެ ހުނަރުވެރި އާ ޖީލެއް ބިނާ ކުރުމެވެ. މި ޕްރޮގްރާމުގެ ޒަރިއްޔާއިން އެ ކުންފުނިން މަސައްކަތް ކުރަނީ ތިއަރީއާއި އަމަލީގޮތުން އެ މަސަކަތް ކުރާނެ ގޮތާ ދެމެދު އޮތް ފަރަގު ނައްތާލައި، ހުރިހާ ބައިވެރިންނަށް އެ ކުއްޖެއްގެ މުސްތަގުބަލުގެ ކެރިއަރގައި މި ޕްރޮގްރާމުން ދަސްކޮށްދިން އެއްޗެތީގެ ބޭނުން ހިފޭނެ ގޮތަކަށް ކިޔަވައި ދިނުމެވެ.