ދޮގުހެދުމުގައި ވަޒީރުން މުއިއްޒަށް ދުލެއް ނުކުރޭ!

މެލޭޝިއާ އާއި ލަންކާގައި ދިވެހި - އިސްލާމް ކިޔަވާދިނުން މެދެއްނުކެނޑޭ

ދޮގުހެދުމުގައި ވަޒީރުން މުއިއްޒަށް ދުލެއް ނުކުރޭ!

ދޮގު ހެދުމުގައި މުއިއްޒުގެ ވަޒީރުން މުއިއްޒަށް އެންމެ ފުކެއްވެސް ދުލެއް ނުކުރެއެވެ. އިސްލާމީ ތާކިހާ އަޅައިގެން ހުރި ތައުލީމާ ބެހޭ ވަޒީރެއް ކަމަކު އެކަމުގައި ތަފާތެއް ނެތެވެ. 

މަޖިލިސް އިންތިހާބުގައި ސަރުކާރު ހިންގާޕާޓީ ޕީއެންސީއަށް ވޯޓުހޯދަން ރަށްރަށަށް ގޮސް ހެއްދެވިހާ ދޮގު ހަދަނީ ކާކަށް އޮޅުވާލަން ހެއްޔެވެ. ވަންދޫ ރައްޔިތުންނެއް ކަމަކު ވާނުވާ ނޭނގިގެނެއް ނޫޅެއެވެ. އެންމެ ހެއްވާކަމަކީ ވަންދޫ ރައްޔިތުންގެ ވޯޓު ހޯދަން ވަންދުއަށް ގޮސް ތިބެގެން ސްރީލަންކާއާއި މެލޭޝިޔާގައި ދިވެއްސާއި އިސްލާމް ކިޔަވާދޭ ވާހަކަ ދެއްކުމެވެ. ވަންދޫ މީހުނަށް އެންމެ ބޮޑުވެގެން އުޅޭ ކަމަކީ ސްރީލަންކާއާއި މެލޭޝިޔާގައި ދިވެއްސާއި އިސްލާމް ކިޔަވާ ނުދިނުން ކަހަލައެވެ. ރާއްޖޭގެ ތައުލީމީ ވަޒީރަށް ވަންދޫގައި ދައްކަން މުހިންމުވީ އެރަށުގެ ތައުލީމީ ހާލަތު ރަނގަޅު ކުރުމަށްވުރެ އެހެން ކަމެކެވެ.

ކަމެއްގެ ވާހަކަ ދައްކާއިރު ތެދު ވާހަކައެއް ދައްކާ ނަމަވެސް ރަނގަޅެވެ. ކޮންމެ ތާކު ކޮންމެ ވާހަކައެއް ދެއްކިޔަސް ބުހުތާން ދޮގުވާހަކައެއް ނޫނީ ދައްކާކަށް ނޭގެއެވެ. މުނާސަބު ނޫން ތަނެއްގައި އެޑިއުކޭޝަން މިނިސްޓަރ އެހާބޮޑު ދޮގެއް ހެދީ ދައްކާނެ އެހެން ވާހަކައެއް ނެތިގެން ބާވައެވެ. 

ކުރީ ސަރުކާރޭ ކިޔުންނޫން ކަމެއް މި ބައިގަޑަކަށް މިހާރަކު ނެތެވެ. ކަމެއް ކުރަން ނޭނގި ކަންކަން ނުކުރެވޭ ވަރަކަށް ކޮންމެ ކަމެއް ކުރީ ސަރުކާރަށް ފޫޅުކަނޑާލައިގެން ހަމަޖެއްސިދާނެ ކަމަށް ހީކޮށް ބުހުތާން ދޮގު ހެއްޖަކަސް ހަގީގަތް އޮޅިގެން އުޅޭ މީހަކު ނޫޅެއެވެ. 

މުއިއްޒު ސަރުކާރުގެ ތައުލީމީ ވަޒީރު ދޮގު ހަދައިގެން ކޮންމެ ވާހަކައެއް ދެއްކިޔަސް ރައީސް ސޯލިހުގެ ވެރިކަމުގެ ފަސް  އަހަރު ސްރީލަންކާގައި ދިރިއުޅޭ ކުދިންނަށް ދިވެހި، އިސްލާމް އަދި ޤުރުއާން ކިޔަވައި ދިނުން ހުއްޓާލާފައެއް ނުވެއެވެ. މެދުކެނޑިފައެއްވެސް ނުވެއެވެ. ކޮވިޑްގެ ތެރޭގައި އޮންލައިންކޮށް ކުދިން ކިޔެވި އިރުވެސް ލަންކާއާއި މެލޭޝިޔާގައި ދިވެއްސާއި އިސްލާމާއި ގުރުއާން ކިޔަވާ ދިނެވެ. ކިޔަވައިދިނުން އިތުރަށް ރަނގަޅުކޮށް، ހަރުދަނާވެސް ކުރިއެވެ.

ސްރީލަންކާގައި ހުންނަ މޯލްޑިވްސް ސެންޓަރު (ސޯސަންވިލާ) ގައި ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 10 އަށް ބަރާބަރަށް ކިޔެވުން ކުރިއަށް ގެންދިޔައެވެ. މިދިޔަ 5 އަހަރުވެސް ސޯސަންވިލާގައި، ދިވެހި ކުދިން އެސްއެސްސީ އިމްތިހާނު ހެދިއެވެ. ނަތީޖާވެސް ވަރަށް ރަނގަޅެވެ. މިދިޔަ ފަސް އަހަރުވެސް އެސްއެސްސީ އިމްތިހާނުން އޭ ސްޓާރ ހޯދި ކުދިންވެސް ތިއްބެވެ. ލަންކާގެ މޯލްޑިވްސް ސެންޓަރުގައި ކިޔަވައިދޭ ދުވަސްތައް އިތުރުކޮށް، އިތުރު ކްލާސްތައް ނަގައިދިނެވެ. ކޮންމެ ހަފްތާއަކު 3 ދުވަހު، ހަވީރު 4 ން 6 އަށް ހުރިހާ ގްރޭޑް ތަކުގެ ކިޔަވައިދިނުން ބޭއްވިއެވެ.

ސްރީލަންކާގައި ހުންނަ މޯލްޑިވްސް ސެންޓަރު (ސޯސަންވިލާ)ގެ ކަންކަމާ ރައީސް ސޯލިހުގެ ސަރުކާރުގައި ހަވާލުވެ ހުންނެވި ޖައުފަރު ރަޝީދު 2023 ގެ ޑިސެމްބަރު 31 ވަނަ ދުވަހު މޯލްޑިވްސް ސެންޓަރާ ވަކިވެ ވަޑައިގެން އިރު، މޯލްޑިވްސް ސެންޓަރުގައި 198 ކުދިން ކިޔަވަމުން ގެންދެއެވެ. ދިވެއްސާއި އިސްލަމާއި ގުރުއާން ކިޔަވައި ދިނުމަށް 14 މުދައްރިސަކު ސޯސަންވިލާގައި ހިދުމަތުގައި ތިއްބެވިއެވެ. އެއީ މުޅިވެސް ދިވެހި ރައްޔިތުންނެވެ.

ޖައުފަރު ވިދާޅުވިގޮތުގައި މި އަހަރުވެސް މޯލްޑިވްސް ސެންޓަރުގެ ގްރޭޑް 10 ގައި 7 ކުދިން ކިޔަމުން އެބަ ދެއެވެ. މި އަހަރު އޮންނަ އެސްއެސްސީ އިމްތިހާނުގައިވެސް އެ ހަތް ކުދިން އިށީންނާނެއެވެ. ޖައުފަރު ސެންޓަރުން ވަކިވެވަޑައިގަތުމުގެ ކުރިން އެ ހުރިހާ ކުދިން އެސްއެސްސީގައި ބައިވެރިވުމާބެހޭ ހުރިހާ ޑޮކިއުމަންޓެއް ދިވެހިރާއްޖޭގެ ޕަބްލިކް އެގްޒަމިނޭޝަނަށް ވަނީ ފޮނުވާފައެވެ. އަމިއްލަ ގޮތުން ބައިވެރިވާ ދަރިވަރުންނާވެސްއެކު، ޖުމްލަ 12 ދަރިވަރުން ކުރިއަށް އޮތް އެސްއެސްސީ އިމްތިހާނުގައި މޯލްޑިވްސް ސެންޓަރުގައި އިށީންނާނެ ކަމަށް ޖައުފަރު ވިދާޅުވެއެވެ.

ގްރޭޑް 10 އަދި ގްރޭޑް 9 ގެ ދަރިވަރުންނަށް ހަފްތާ ބަންދު (ހޮނިހިރު، އާދީއްތަ) މި ދެ ދުވަހު ދިވެހި، އިސްލާމް އިން އިތުރު ގަޑިވެސް މުދައްރިސުން ނަގައިދެމުން ދެއެވެ. ޗުއްޓީ އާއި ރޯދަ މަހުވެސް ގްރޭޑް 10 ގެ ކުދިންނަށް ކްލާސްތައް ކުރިޔަށް ގެންދާ ކަމަށް ޖައުފަރު ވިދާޅުވެއެވެ.

ލަންކާގައި ހުންނަ މޯލްޑިވްސް ސެންޓަރުގައި ގުރުއާން ޕޫލެއް ފުރަތަމަ ފަހަރަށް ތަޢާރަފް ކޮށްފައިވަނީ ރައީސް ސޯލިހުގެ ވެރިކަމުގައެވެ. މޯލްޑިވްސް ސެންޓަރުގެ ދަރިވަރުން، ސެންޓަރުގެ ނަމުގައި ދިވެހިރާއްޖެ އައިސް، މާލޭގައި އޮންނަ ގައުމީ ޤުރުއާން މުބާރާތުގައި ފުރަތަމަ ފަހަރަށް ބައިވެރި ވުމުގެ ފުރުސަތު ދިން ސަރުކާރަކީ ރައީސް ސޯލިހުގެ ސަރުކާރެވެ. އެއީ މިދިޔަ އަހަރު މާލޭގައި އޮތް ގައުމީ މުބާރާތެވެ. ސެންޓަރުގެ ހަތަރު ދަރިވަރަކު މުބާރާތުގައި ކިޔެވިއެވެ. އެއީ ރާއްޖެއިން ބޭރުގައި ތިބޭ ދިވެހި ކުދިން ރާއްޖެ އައިސް ކިޔެވި ފުރަތަމަ ފަހަރުވެސް މެއެވެ. 

ހިތާމައަކީ ރައީސް ސޯލިހުގެ ސަރުކާރު ނިމުނު ފަހުން، ދީނަށްޓަކާ އައި މުއިއްޒު ސަރުކާރަށް ވީފަހުން އަންނަ އެންމެ ފުރަތަމަ އަންނަ ގައުމީ ޤުރުއާން މުބާރާތުގައި މޯލްޑިވްސް ސެންޓަރުގެ ދަރިވަރުން ބައިވެރިއެއް ނުކުރެއެވެ. ގުރުއާން މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ހަމަވެ ނިމިއްޖެއެވެ. މިއީ މޯލްޑިވްސް ސެންޓަރުގައި ގުރުއާނަށް ދިން އަހަންމިއްޔަތަށް މި ސަރުކާރުންވީ ވަރަށް ބޮޑު އިހުމާލެކެވެ. 

ސްރީލަންކާގައި ދިވެހި، އިސްލާމް ކިޔަވައި ދިނުން ރައިސް ސޯލިހުގެ ސަރުކާރުން އޮތީ ހުއްޓާލާފައޭ، މި ސަރުކާރުން އަލުންފަށަނީއޭ ބުނެ، އެޑިއުކޭޝަން މިނިސްޓަރު މިހާ ފާޅުކަން ބޮޑު ދޮގެއް ހެދީތީ މޯލްޑިވްސް ސެންޓަރުގެ ކިޔަވައިދިނުމާއިބެހޭ އެންމެ އިސްވެރިޔާގެ ގޮތުގައި ރައީސް ސޯލިހުގެ ސަރުކާރާއި މި ސަރުކާރުގެ ފުރަތަމަ 1 މަހާއި 13 ދުވަހުވެސް ހުރި މީހާ ހައިސިއްޔަތުން ޖައުފަރު ރަޝީދު ވަނީ މިހާރުގެ އެޑިއުކޭޝަން މިނިސްޓަރުގެ އެ ވާހަކަތައް ދޮގު ކުރައްވަފައެވެ.

ދިވެއްސާއި އިސްލާމް ކިޔަވާދިނުން ރައީސް ސޯލިހުގެ ވެރިކަމުގައި ނުހުއްޓި ކުރިއަށް ދިޔަކަން ސްރީލަންކާގައި ދިރިއުޅޭ ހުރިހާ ދިވެހި ރައްޔިތުން ހެކިވާނެއެވެ. ސެންޓަރުގެ ހުރިހާ މުދައްރިސުންނާއި މުވައްޒަފުން ހެކިވާނެއެވެ. ސެންޓަރުގެ ހުރިހާ ބެލެނިވެރިންނާއި ދަރިވަރުން ހެކިވާނެއެވެ. ފަހަރުގައި ވަންދޫ ބަޔަކަށް އެކަން އޮޅުވާލެވިދާނެއެވެ.

ހަމައެކަނި ލަންކާ އެއް ނޫނެވެ. މެލޭޝިޔާގައިވެސް ދިވެހި، އިސްލާމް ކިޔަވައި ދެއެވެ. މެލޭޝިޔާގައި ތިބޭ ކުދިންނަށް އެސްއެސްސީ އިމްތިހާނު ހެދުމުގެ ފުރުސަތު ފުރަތަމަ ފަހަރަށް ދެެއްވީވެސް ރައީސް ސޯލިހުގެ ސަރުކާރުންނެވެ. ވީމާ މިހާ ބޮޑު ދޮގެއް ހެދީތީ އެޑިއުކޭޝަން މިނިސްޓަރު މައާފަށްވެސް އެދެން ޖެހެއެވެ. މިނިސްޓަރުގެ މި ދޮގު ވާހަކަ ތަކަކީ ލަންކާގައި ހުންނަ މޯލްޑިވްސް ސެންޓަރާއި މެލޭޝިއާގައި ކިޔަވައި ދެއްވަމުން އަންނަ މުދައްރިސުންނާއި، ދަރިވަރުންނާއި، ބެލެނިވެރިންނަށްވެސް ކުރެއްވި މަލާމާތެކެވެ. ދޮގު އިލްޒާމެކެވެ.