ސްޓެލްކޯގެ ޓްރޭނިންގް ޕްރޮގްރާމެއް އއ.އަތޮޅުގައި ހިންގުން

ކަސްޓަމަރ ސާރވިސް ޓްރެއިނިންގް ދިނީ އއ. އަތޮޅު 4 ރަށެއްގެ ސްޓެލްކޯ މުވައްޒަފުންނަށް

ސްޓެލްކޯގެ ޓްރޭނިންގް ޕްރޮގްރާމެއް އއ.އަތޮޅުގައި ހިންގުން

ކަސްޓަމަރަކު ކުންފުންޏަކާއި ދޭތެރޭ ދެކޭދުށުން އެންމެ ބޮޑަށް ބިނާވެފައި ވާނީ ކަސްޓަމަރ ސާރވިސްގެ މައްޗައްށެވެ. ކަސްޓަމަރ ސާރވިސްއަކީ ކުންފުނީގެ ހިދުމަތް ފޯރުކޮށްދޭން ކަނޑައަޅާފައިވާ ފަރާތުން ފޯނުން، އޮންލައިންކޮށް ނުވަތަ ސީދާ ކަސްޓަމަރާ ބައްދަލުވެ، އެ ފަރާތްތަކުގެ އިހުސާސް ދެނަގަނެ ބޭނުންވާ ހިދުމަތެއް ހިނިތުންވުމާއެކީ ފޯރުކޮށްދިނުމެވެ. ރަނގަޅު ކަސްޓަމަރ ސާވިސްއެއް ދިނުމަކީ ކޮންމެ ހިދުމަތްދޭ ކުންފުންޏެއްގެ އަމާޒަކައްވާން ޖެހޭނެއެވެ.

ކަސްޓަމަރުންނާ އޯގާތެރިކަމާއެކީ ހިނިތުންވުމާއެކު އެ މީހުން ބޭނުންވާ ޒަރޫރަތްތައް ކޮންޕެނީގެ ގަވައިދު ތެރެއިން އޮމާންކަމާއެކީ ފުއްދައި ދިނުމަކީ ކޮންމެ ކަސްޓަމަރސާރވިސް ރިޕްރެޒެންޓޭޓިވެއްގެ ޒިންމާއެކެވެ. އެ މީހުންނާ މުއާމަލާތް ކުރާނެ ބަހުރުވައާއި ވާހަކަދެއްކުމުގެ ގެންގުޅޭނެ މިންގަޑުތައް ދެނެގަނެ، ބަދަހިކަމާއެކީ އެމީހުންގެ ބޭނުން ފުއްދައި ދިނުމަކީ މި ދާއިރާގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފެއްގެ ގައިގައި ހުރުން ލާޒިމް ހުނަރެކެވެ. މި ކަންކަން ހާސިލު ކުރުމަށްޓަކައި ކަސްޓަމަރ ސާރވިސް ދޭން ތިބޭ މުވައްޒަފުންނަކީ ގާބިލު ބަޔަކަށް ވާންޖެހެއެވެ. ސްޓެލްކޯގެ މެނޭޖްމަންޓުގެ އަމާޒަކީ މި ދާއިރާގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަށް ބޭނުންވާނެ ތައުލީމާއި ފަންނީ ހުނަރު ދަސްކޮށްދިނުމެވެ. އަދި ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިފަދަ ތަމުރީނު ޕްރޮގުރާމުތައް ރާވައި ހިންގުމެވެ.

މިގޮތުން ނިމިދިޔަ ހަފްތާ ބަންދުގައި އެކުންފުނިން ވަނީ އއ. އަތޮޅުގައި އެފަދަ ތަމްރީނު ޕްރޮގުރާމެއް ބާއްވާފައެވެ. މި ޕްރޮގުރާމުގައި އއ. މަތިވެރި، ފެރިދޫ، ހިމަންދޫ އަދި މާޅޮހުގައި މަސައްކަތް ކުރާ ސްޓެލްކޯގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.