ކުރާ މި މަސައްކަތެއް ނުހުއްޓާނަން: ޝާހިދު

ކުރާ މި މަސައްކަތެއް ނުހުއްޓާނަން: ޝާހިދު

ރައްޔިތުންނަށް ކުރިމަތި ކުރުވާ ނިކަމެތި ކަމާއި، ރައްޔިތުންގެ ބާރުތައް ނިގުޅައި ގަތުމާއި ދެކޮޅަށް އެމްޑީޕީން އުފުލާ އަޑެއް މަޑެއް ނުކުރާނަންކަމަށް އެމްޑީޕީގެ ރައީސް އަބްދުއްލާ ޝާހިދު ވިދާޅުވެއްޖެއެވެ. ޝާހިދު ވިދާޅުވަނީ " ދިވެހި ރައްޔިތުންގެ ހައްގުގައި މި ކުރާ މިމަސައްކަތެއް ހުއްޓާއެއްނުލާނަން" ކަމަށެވެ. 

ދިވެހި ރައްޔިތުންނަށް ލިބެންވާ ހައްގު މިންވަރު ހޯދައިދީ ޑިމޮކްރަސީ އާއި ރައްޔިތުންގެ ވެރިކަމެއް ގެނައުމަށް ކުރާމަސައްކަތުގައި އިރާދަކުރެއްވިއްޔާ ކާމިޔާބު ހޯއްދަވާނެ ކަމަށްވެސް އޮނަރަބަލް ޝާހިދު ވިދާޅުވެއެވެ. 

އަޑު ނީވޭ މި ސަރުކާރަށް އަޑު އިއްވަން ނުކުތް އެ ޕާޓީގެ އެތައް ހާސް މެމްބަރުންނާއި، އެތައް ހާސް ރައްޔިތުންނެއް ދެއްކެވި ހިތްވަރާއި އަޒުމާއި، ޖޯޝަށާއި ސާބިތުކަމަށް އޮނަރަބަލް ޝާހިދު ސާބަސް ވިދާޅުވެއެވެ.

31 ޖެނުއަރީގެ މުޒާހަރާ އިންތިޒާމް ކުރުމަށް ރޭއާއި ދުވާލު ދެގޮތެއް ނުވެ މަސައްކަތް ކޮށްދެވި ޕާޓީގެ ހީވާގި މެމްބަރުންނަށް ޝުކުރު އެމްޑީޕީގެ ރައީސް އަދާކުރައްވައެވެ. 31 ޖެނުއަރީގެ މުޒާހަރާގައި ދިވެހި ރައްޔިތުން އަޑުގެ ނެތް ކޮޅަށް ގޮވާލީ ދޮގުވެރި އަނިޔާވެރި މި ސަރުކާރުގެ އިސްތިއުފާއަށްކަންވެސް އޮނަރަބަލް ޝާހިދު ފާހަގަ ކުރައްވައެވެ.