ޔޫސުފް ނައީމް ޖެހިމަޅިން ނުނެއްޓެވި ޔާމީނު ޖަލަށް

ރާއްޖޭގެ ރައީސްކަން ކުރެއްވީ އަބްދުﷲ ޔާމީނު. އަހުމަދު އަދީބެއް ނޫން.

ޔޫސުފް ނައީމް ޖެހިމަޅިން ނުނެއްޓެވި ޔާމީނު ޖަލަށް

ދަނޑުވެރިކަމަށް ކަނޑައަޅާފައިވާ ފަޅުރަށް ތަކަކީ ފިޝަރީޒް މިނިސްޓްރީގެ އިހުތިސާސްގައި އޮންނަ ތަންތަނެވެ. އެފަދަ ފަޅުރަށެއް ފަތުރުވެރި ކަމުގެ ރަށެއް ގޮތުގައި ކަނޑައެޅުމުގެ ގާނޫނީ ބާރު އޮންނަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. އެހެންކަމުން ޓޫރިޒަމް މިނިސްޓްރީން ހަދާ އެއްވެސް އުސޫލަކީ ރައީސުލްޖުމްހޫރިއްޔާގެ ރުހުން ނެތި ތަންފީޒު ކުރެވޭނެ އުސޫލެއް ނޫނެވެ. މަޖިލީހުން ފާސްކުރާ ގާނޫނެއް ވެސް ގާނޫނަކަށް ވަނީ ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމުންނެވެ.

2013 ގެ ނޮވެމްބަރ 17 އިން ފެށިގެން 2018ގެ ނޮވެންބަރ 17 އަށް ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކީ އަބްދުﷲ ޔާމީނު އަބްދުލްގައްޔޫމެވެ. އަހުމަދު އަދީބެއް ނޫނެވެ. ރައީސް ޔާމީނު ވެރިކަމަށް އިސްވެ ވަޑައިގަތީއްސުރެ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމަށް އަހުމަދު އަދީބު އިސްކުރައްވަން ދެން އަހުމަދު އަދީބަކީ ރައީސް ޔާމީނުގެ ޓޫރިޒަމް މިނިސްޓަރެވެ. މިނިސްޓަރުން އައްޔަނު ކުރުމާ ވަކިކުރުމުގެ ބާރު އޮންނަނީ ވެސް ރައީސްޖުމްހޫރިއްޔާއަށެވެ. މިނިސްޓަރަކަށް އުސޫލެއް ހަދާ ހިންގޭނީ ރައީސްގެ ރުހުން އޮވެގެންނެވެ. އެ އުސޫލެއް ނުހުއްޓި ތަންފީޒު ވަމުން ދާނީ ރައީސުލްޖުމްހޫރިއްޔާގެ ރުހުން އޮތީމައެވެ. ރައީސުލްޖުމްހޫރިއްޔާގެ ރުހުން ނެތް އުސޫލެއް އެއްވެސް މިނިސްޓްރީ އަކުން ނުހިންގޭނެއެވެ. ނުވެސް ހިނގާނެއެވެ. ހުއްޓުވާނެއެވެ. ވ. އާރަށް ދަނޑުވެރި ކަމުން ޓޫރިޒަމަށް ބަދަލުކޮށް ކުއްޔަށް ދިނީ އަދީބު ހެދި އުސޫލެއްގެ ދަށުން ކަމަށް ވިދާޅުވެ ރައީސް ޔާމީނަށް ރެކިވަޑައި ގަނެވޭނެ ޖާގައެއް އެހެން ކަމުން ނުއޮންނާނެއެވެ.

ވ. އާރަށުގެ މުއާމަލާތު ހިންގާފައި ހުރި ގޮތަށް ވަކި އަތަކަށް ބުރަނުވެ ވިސްނާލުމުން މަންޒަރު ސާފުވެއެވެ. ވ. އާރަށުގެ އެކްއިޒިޝަން އަގަކަށް ފުރަތަމަ ހުށަހެޅުނީ 5 މިލިޔަން ޑޮލަރެވެ. ހުށަހެޅުނު 5 މިލިޔަން ޑޮލަރ 3 މިލިޔަނަށް ތިރި ކުރިކަމަށް އަދީބާއި ޒިޔަތު ބުނެއެވެ. އަދީބާ ޒިޔަތަކީ ސަރުކާރުގެ ފަރާތުން ޓޫރިޒަމާ ގުޅުންހުރި ވިޔަފާރިތަކާއި އެ ނޫން ވެސް ޓޫރިޒަމްގެ މަސްލަހަތު ހުރި ހުރިހާ ކަމެއް ކުރުމަށް ރައީސް ޔާމީނު އިސްކޮށްފައި ތިބި ދެ މީހުންނެވެ. އެ ދެ މީހުންގެ ބަސްނެތި ރައީސް ޔާމީނުގެ ވެރިކަމުގައި ޓޫރިޒަމާ ގުޅިގެން ސަރުކާރުން ހިންގާފައިވާ އެއްވެސް މުއާމަލާތަކާއި ކަންކަން ހިނގާފައިވާ ގޮތެއް ސާފު ނުވާނެކަން ޔަގީނެވެ. އެ ދެ މީހުން ފާސިގުންނަށް ނުވަނީ އެހެން ވެގެނެވެ.

5 މިލިޔަނުން ތިން މިލިޔަނަށް ވ. އާރަށުގެ އިކްއިޒިޝަން ކޯސްޓް ތިރި ކުރިކަން އެގެން އޮތަސް ދެ މިލިޔަނަށް އެއަގު ތިރިކުރިކަން އެނގޭ އެއްވެސް ހެއްކެއް ގަރީނާއެއް ފެންނަން ނެތް އިރު އެމްއެމްޕީއާރުސީއަށް ލިބުނީ 2 މިލިޔަން ޑޮލަރެވެ. ޔޫސުފް ނައީމްގެ ކުންފުންޏަށް ވ. އާރަށް ހަވާލުކޮށް ވިޔާފާރި ނިމުނު އިރު އަގުގެ ގޮތުގައި ހަމަ ޖެއްސި 3 މިލިޔަނުން އެއް މިލިޔަން ޑޮލަރަށް ވީގޮތެއް ނޭގެއެވެ. ދެ ވަނަ ފަހަރަށް އަގު ތިރިކޮށް 2 މިލިޔަން ޑޮލަރަށް އަގު ހެދިކަމުގެ އެއްވެސް ލިޔެކިޔުމެއް އެއްބަސްވުމެއް ދެ ފަރާތުން ކުރެ ފަރާތެއްގައި ނެތެވެ. ވ. އާރަށުގެ އިކްޒިޝަންގެ ގޮތުގައި އެމްއެމްޕީއާރުސީއަށް ޔޫސުފް ނައީމް ދެއްކި 2 މިލިޔަން ޑޮލަރާ އެކުއެކީ ޔޫސުފް ނައީމްގެ އެކައުންޓުން ރައީސް ޔާމީނުގެ އެކައުންޓަށް އެއްމިލިޔަން ޑޮލަރު ޖަމާކޮށްފައި ވާކަން ސާބިތެވެ. ޔޫސުފްނައީމްގެ އެކައުންޓުން ރައީސް ޔާމީނުގެ އެކައުންޓަށް ޖަމާކުރި އެއްމިލިޔަން ޑޮލަރަކީ ވ. އާރަށުގެ އިކްއިޒިޝަން ކޯސްޓްގެ ގޮތުގައި ކަނޑައެޅި 3 މިލިޔަނުން އެއް މިލޔަން ކަމަށް ތުހުމަތު ކުރެވެނީ އެހެން ވެގެނެވެ. 

ރައީސް ޔާމީނުގެ އެކައުންޓަށް ޔޫސުފް ނައީމު ޖަމާކުރި އެއް މިލޔަން ޑޮލަރަކީ ވ. އާރަށް ކުއްޔަށް ދިނުމާ އެއްވެސް ގުޅުމެއް ނެތް ފައިސާއެއް ކަމަށް ރައީސް ޔާމީނު އެބަ ވިދާޅުވެއެވެ. ހަމަ އެހެންމެ ސަރުކާރުން ވ. އާރަށް ޓޫރިޒަމަށް ކުއްޔަށް ހިފުމުގެ މުއާމަލާތު ޔޫސުފް ނައީމްގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުންޏަކުން ހިންގަމުން ދަނިކޮށް ޔޫސުފް ނައީމާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮލަރު ބައްލަވައި ގަތުމުގެ މުއާމަލާތެއް ހިންގެވި ކަމަށް ރައީސް ޔާމީނު އެއްބަސްވެ ވަޑައިގަނެއެވެ.

ސަރުކާރާ އެކު މާލީ މަސްލަހަތެއް އޮތް އެއްވެސް ފަރާތަކާ މާލީ މުއާމަލާތެއް ހިންގުން ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަ މީހަކަށް ގާނޫނު އަސާސީ މަނާ ކުރެއެވެ. އަނެއް ކޮޅުން ބޭރު ފައިސާ ވިއްކުމަކީ އެ ކަމަށް މަނިޓަރީ އޮތޯރިޓީން ހާއްސަ ހުއްދައެއް ދީފައިވާ ފަރާތަކަށް ނޫނީ ކުރުން ގާނޫނު މަނާކުރާ ކަމެކެވެ. ގާނޫނާ ހިލާފަށް ޔޫސުފް ނައީމް އަތުން ރައީސް ޔާމީނު ޑޮލަރ ބައްލަވައިގެން ގަތުމަކީ ރައީސް ޔާމީނު ކުރެއްވި ކުށެކެވެ. އެހާ ވަރުން ދަންޏާ ޔޫސުފް ނައީމް ޖެހި މަޅިން ނުނެއްޓެވިގެން ރައީސް ޔާމީނަށް ޖެހިވަޑައިގަންނަވާނީ އަނެއްކާ ވެސް ޖަލަށް ވަޑައި ގަންނަވާށެވެ.