ޗާގޯސް މައްސަލަ: ކުރިން ބުނި އެތި ކެންސަލް
މޮރިޝަސްއާއި ދެކޮޅަށް ވޯޓުދީގެން ހީވީ ބޮލަށް އުޑުވެއްޓިގެން އުޅުނުހެން.
ފޯޅަވަހި ގެއްލުނީ ދިވެހި ސަރުކާރުގެ އިހުމާލުން ކަމަށް ބުނެ ޔާމީނު ދައްކާ ވާހަކައިގެ ފުލެއް ބިތެއް މައްޗެއް ނެތެވެ. ފޯޅަވަހި ގެއްލުމަށް ފަހު އަނބުރާ ހޯދޭނެ އެއްވެސް ގޮތެއް ނުފެންނަކަމަށް ޔާމީނު ބުނާއިރު ފޯޅަވަހި ރާއްޖެއަށް އޮތީ ކޮން އިރަކު ހެއްޔެވެ. ފޯޅަވައްސަކީ ދިވެހި ރާއްޖޭގެ ބަޔަކަށް ވެގެން އެ ތަން ހޯދަން ރާއްޖޭން އުޅުނީ ކޮން އިރަކު ހެއްޔެވެ.
ޔާމީނޫއެވެ. ޔާމީނު ފޯޅަވަހީގެ ވާހަކަ ދައްކާއިރު ހީވަނީ ޔާމީނުގެ ވެރިކަމުގައި ފޯޅަވަހި ރާއްޖެއަށް ހޯދަދީފައި އޮއްވާ މި ސަރުކާރުން ދޫކޮށްލީ ހެނެވެ. ޔާމީނުގެ ވެރިކަން ނިމި މި ސަރުކާރަށް ފެށުނު ފަހުން 2019 ވަނަ އަހަރު އދގެ އާއްމު މަޖިލީހުގައި ޗާގޯސްގެ ސިޔާދަތު މޮރިޝަސްއަށް އޮތުމާ މެދު ފެންނަ ގޮތެއް ބެލުމަށް ވޯޓެއް ނެގިއެވެ. އެ ވޯޓުގައި މޮރިޝަސްއާއި ދެކޮޅަށް ރާއްޖޭން ވޯޓުދީގެން ޕީޕީއެމުން ހީވީ ބޮލަށް އުޑުވެއްޓިގެން އުޅުނުހެނެވެ.
އަޅުވެތި ކުރުމަށް ދިވެހި ސަރުކާރުން ތާއީދުކުރާ ކަމަށް ވެގެން ސަރުކާރު ކުށްވެރިކޮށް ބަޔާން ނެރުނީ ތިޔަ ޔާމީނެވެ. މިހާރު ކުރިން ދެއްކި ވާހަކައާއި ނެރުނު ބަޔާން ކެންސަލް ވީދޯއެވެ. އެކަމާ އުޅުނަސް ފޯޅަވަހި ރާއްޖެއަށް ނުލިބޭނެ ކަމަށް ޔާމީނު އެބަ ގަބޫލުކުރެއެވެ. އެ ކަމަކު ސުލްހަވެރި ހައްލެއް ހޯދައިގެން އިގުތިސާދީ ސަރަހައްދުން ބައެއް ނުގެއްލޭނެ ގޮތަކަށް މޮރިޝަސްއާއި އެކު އެއްބަސް ވެގެން ވެސް ނުވެއެވެ. ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބިގެން ވާކަމަށް ރާއްޖޭން ގަބޫލު ކޮށްފިނަމަ އިމުން ފުށުއަރާ ބައި ރާއްޖެއަށް ދޫކޮށްލަން މޮރިޝަސް ތައްޔާރަށް ނެތްކަން ޔާމީނަށް އެނގެނީ ކިހިނެއް ހެއްޔެވެ.
ޔާމީނޫއެވެ. ރާއްޖެއަށް ފޯޅަވަހި ހޯދަން ޔާމީނު ވެރިކަމުގައި ނޫޅުނީ ރަސިއާގައި ހުންނަ ކަހަލަ ހަތިޔާރު ނެތިގެން ހެއްޔެވެ. ނޫނީ އެ ވިސްނުން ނެތިގެން ހެއްޔެވެ. ފޯޅަވަހީ ކަނޑުން ރާއްޖޭގެ މަސްވެރިން މަސްވެރިކަން އޭރު ނުކުރާތީ ހެއްޔެވެ. މޮރިޝަސް އިން އިނގިރޭސި ވިލާތާ ދެކޮޅަށް ޗާގޮސްގެ ސިޔާދަތީ ބާރު އެ ހޯދަނީ އެ މީހުންގެ އަތުގައި ނިއުކުލިއަރ ހަތިޔާރު ހުރުމުން ހެއްޔެވެ. ޗާގޯސް ދޫކޮށްލަން ނުވަތަ ދޫނުކޮށް ހިފަހައްޓަން ރާއްޖެއަށް އިހުތިޔާރު އޮތީ ކޮން އިރަކު ހެއްޔެވެ.
ޔާމީނޫއެވެ. ރިޔާސީ ހުވަފަނެއްގެ އުޅުއްވަނީ ކާނަލް ނާޒިމް އެކަނި ހެއްޔެވެ. ރައްޔިތުންނަށް ކަމުނުގޮސްގެން ފައްސާ ނަގާލީމާ ވެސް ވެރިކަމަށް ބަނޑު ކެނޑިފައި ހުރިވަރުން ޔާމީނު ތިޔަ ޖަހަނީ ވަކިން ކޮން މަރުފައްޔެއް ހެއްޔެވެ. ދެރައީ ނޫނު އަތޮޅަށް އަރާ ސަންޓްރެވަލް ޝިޔާމަށް ކުރު ދޮށިން ނުދޭތީއެވެ. ކާނަލް ނާޒިމާއި ގާސިމް ގައިގާ ޖެހިގެން ފުއްދާ ލާތީއެވެ.
މާތްކަލާކޯ ޔާމީނޫއެވެ. ވަގަށް ވިޔަސް ގުދަށް ވިޔަސް އެއްކޮށްފައި ހުރި އެފައިސާއާ މިފައިސާއާ ނެތްފައިސާ ހަރަދު ކޮށްގެން ތިޔަ ކުރާ ބޭކާރު މަސައްްކަތް ހުއްޓާލާފައި ގެއަށް ވަދެ ބިސްފީ ވަންދެން ފީކުކުޅު ބަނޑު ދަށުގައި އޮވެބަލާށެވެ. އަޅަންފެށި ޖިފުޓި ގަނޑުވެސް އެ ހުރީ ނުނިމި ވިއްޔާއެވެ. ބޮލަށް ބޭސްކުރަން ވެސް ޖެހޭ ނޫންހެއްޔެވެ. ވެރިކަމުގައި ހުރި އިރުވެސް މުޅިންހެން އުޅުނީ ބޮލަށް ބޭސްކުރުމާއި ނިދުމުގައި ނޫންހެއްޔެވެ. އެހެން މީހުން ދެބަންދިހާރުވާ ވާހަކަ ނުދައްކާށެވެ. ތިމާ ދެބަންދިހާރު ވެފައި ހުރިވަރުން ކައިރީގައި ތިބި ބަޔަކު ތިމާ ލައިގެން ހުރި ހަރުވާޅުގެ ނާޑުވާ ދަމައިގަނެގެން ގެންދިޔަ އިރުވެސް ނޭގުނު ވާހަކަ އަމިއްލައަށް އެބަ ބުނަމު ނުންހެއްޔެވެ.