ރާއްޖެއިން ޗާގޯސް ހޯދާނެ ގޮތް މިއޮތީ!

ކާބަފައިންގެވަޒަން ހޯދަން އެމީހުން 50 އަހަރުވީ

ރާއްޖެއިން ޗާގޯސް ހޯދާނެ ގޮތް މިއޮތީ!

ޗާގޯހަކީ ރާއްޖޭގެ ދެކުނުން އޮންނަ އޮންނަ ތަނެކެވެ. ފަރަންސޭސިންގެ ދަތް ހުރި ދުވަހު ކާށިކަމުން ދުނިޔެ އަތް ފުނާ އެޅި އިރެއްގައި އިންސާނަކު ބެހިގެން އޮޔާގޮސް ފުރާނައައިގެންވެސް ނުލައްގާ ވަރުގެ ދުރުގައި އެކަހެރިން އޮތް ތަނެކެވެ. 

އެއީ މާއެވޭލާ އިހު ރިޔަލު ޒަމާނެވެ. އިރުން ޖެހޭ ވަޔާ ހުޅަނގުން ޖެހޭ ވައި ނޫނީ ބަނޑު ރިޔަލު ފެނުއަޅުވާލަން ނުލިބޭ ދެމޫސުމް އަންނަ ސަރަހައްދެވެ. މާދުރަށް ގޮސް ފުލުގައި އޮތަތީވެ ހުޅަނގާ އިރުވައިގާ ވެސް ފުރާދުއްވައިގެން ޗާގޯހާ ލައްވާލާނެ ގޮތެއް ނެތެވެ.

ފަރަންސޭސިން އިންޑިއާ ކަނޑު ހާވަމުން ދަނިކޮށް މާދުރުގައި ވާތީ ފެނުނު ތަނަކީ ޗާގޯހެވެ. އެތަނަކީ އަމިއްލަ ތަނަކަށް ހަދައިގެން ގެނެސް އަޅުން ކޮޅެއް ބޭލިއެވެ, ދެން އައީ އިނގިރޭސިން ދުނިޔެ ފަތަހަ ކުރި ޒަމާނެވެ، އެހިސާބުން އިނގިރޭސިންގެ ރަށްވެރިކަމަށް ޗާގޯސް ދިޔައެވެ. މޮރިޝަސް އޭރު އޮތީ އިނގިރޭސިންގެ އަތްދަށުގައި ކަމަށްވާތީ އެތާ އަޅުމަސައްކަތަށް ފަރަންސޭސިން ޗާގޯހަށް ބޭލި މީހުންގެ އާބާދީ އިތުރުވެފައި އޮތް ދެހާހެއްހާ މީހުން ގެންގޮސް މޮރިޝަސްގައި ވަޒަންވެރި ކުރުވީ ފަހުން އިނގިރޭސީންނެވެ. އެ މީހުންވީ މޮރިޝަސްގެ ރައްޔިތުންނަށެވެ، މޮރިޝަސް މިނިވަން ވީމާ އެއީ އެ ގައުމުގެ މިނިވަން ރައްޔިތުންނެވެ. 

ކާބަފައިންގެ ވަޒަން ހޯދަން އެމީހުންގެ ދަރިން ދުނިޔޭގެ ހުރިހާ ތަނެއްގައި ރޮއެހޭރެމުން ދުވާތާ 50 އަހަރުވީއެވެ.

މިއޮތްހާ ޒަމާނު އެއީ ދިވެހިންގެ ތަނެކޭ ބުނެ އެއްޗެއް ބުނި ސަރުކާރެއް، ދިވެހި ވެރިއެއް ނެތެވެ، ކުއްލިއަކަށް ބައިނަލް އަގްވާމީ ކޯޓުން މައްސަލަ ނިންމާތީ ގައުމިއްޔަތު ވަދެ މުޅިމީހާއަށް ވާން އަރައިގެން މިތިބަ އުޅޭ ގައުމީ އަބްތޯލުން މިއަރުވާ ފޮނުން ހީވަނީ މިއެންމެން މޮރިޝަސްއާ ހަނގުރާމައަށް ދާން ތައްޔާރުވާ ހެންނެވެ، އެމީހުން  ޗާގޯހުގައި ކުރާ ހަނގުރާއިން މޮރިޝަސް ބަލިވެ، ޗާގޯހަކީ ރާއްޖޭގެ ބަޔަކަށް ހެދޭނެ ކަމާ މެދު ޝައްކެއް ނެތެވެ. ސަބަބަކީ އިސްތިރާޖީ ގޮތުން މިބަައިމީހުން  ބަލި ނުކުރެވޭނެ ކަމެވެ. މިއީ ކަނޑިބަޑިއާ ހަތިޔާރާ ސިފައިންނަށް ކުރެވޭ ބާވަތުގެ ހަނގުރާމައެއް ނޫނެވެ. މިކަމަށް ބޭނުންވަނީ ރާއްޖޭގައި މިތިބަ އިދިކޮޅު ސިޔާސީ ޖެނެރަލުންނެވެ.

ބޮޑު ތަކުރުފާނާ ދޮންބަންޑާރައިން ކުރެއްވި ޖިހާދުގެ މަތިން ދިވެހިން ހަނދާން ނެތޭވަރުގެ ބޮޑު އޮޕަރޭޝަނަކަށް ޗާގޯސް ހަނގުރާމަ ވެގެންދާނެއެވެ.

ޗާގޯހަކީ ދުވަހަކު އެންމެ ދިވެއްސަކުވެސް ނިސްބަތްވި ތަނެއް ނޫނެވެ. އެހެން ކަމުން އިހަށް ބޭނުންވަނީ ގިނަ މީހުނާ އިނދެ، ގިނަ ދަރިންހޯދާ ޗާގޯހުގައި ދިވެހި އާބާދީ ބޮޑު ކުރެވޭނެ ތަޖުރިބާ ކާާރެކެވެ، ހަމަ އެއާ އެކުއެކީ ޗާގޯހުގެ ހުރިހާ ރަށަކާ ފަޅަކާ އޮތިއްޔާ އޮތް އެއްޗެއް ދިވެއްސެއްގެ އަމިއްލަ ކުންފުންޏަށް ބަދަލު ކުރެވިގެން ނޫނީ ޗާގޯހަކީ ދިވެހިންގެ ތަނަކަށް ނުހެދޭނެއެވެ، އެކަމަށް ބޭނުންވާ ޖެނެރަލް ވެސް ހުރީ މި ރާއްޖޭގައެވެ.

އެމީހުންގެ ހުރިހާ ފައިސާ ވެސް އަތުލެވެން ޖެހެއެވެ. އެމީހުންގެ ތަނަވަސްކަން މިރާއްޖެއަށް ފިރުކައިގެންފި ނަމަ އެމީހުން ބަލި ވާލެއް އަވަސްވާ ނެއެވެ. ހަރާމެއް ހަލާލެއް  ނުބަލާ ހުރިހާ ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކުރެވޭނެ ޖެނެރަލެއް ދިވެހިންނަށް ލިބިފައިވެއެވެ. ކަޅުދަބަސް ތަކުގައި ފައިސާ ވައްދާލާ އިރު ދޮންކަޅު އަންގާނުލާ ޗާގޯސް ދޮވެލީމާ މޮރިޝަސް ބަލިނުވެއެއް ނުދާނެއެވެ.

ޗާގޯސް އަތުލަން އެންމެ ފަސޭހަވާނީ އެމީހުން މަގުމަތި ކޮށްލެވި ، ދޭހާ އަތްވާ ވެހޭ ވާރޭގައި ބޭތިއްބުމުންނެވެ. އެކަމަށްޓަނާ ފުރާޅުގައި ޖަހާ ޓިނަށް އެކިއެކި މޮޅުގޮތް ހަދާލެވޭނެ ހައްދުންމައްޗަށް އުފަން ދުނިޔޭގެ އެންމެ ބޮޑު އެކްސްޕާރޓަކީ ވެސް ދިވެއްސެކެވެ،

މިކަމުގައި އުޅޭއިރު އިދިކޮޅަށް ބަހެއް ބުނެފި ކޮންމެ މީހެއްގެ ދަތްދޮޅި ދުއްވާލެވޭނެ ދިވެހި ގައުމީ ބަތޮލް ވެސް އެހުރީއެވެ.

ކަންކަން ކާމިޔާބު ކުރުމަށްޓަކާ އިދިކޮޅު މީހާ ކުރާ ކޮންމެ ކަމެއް ގޯހޭ ބުނަންވާނެއެވެ. އަނގަތާއްޔަކަށް ނުޖެހި އަމިއްލަ ރަށު ބަހުރުވައިން ޗަގޯސް، ޗަގޯސް ކިޔާނެ މީހާ ވެސް އެބަހުއްޓެވެ، ހުއްޓަނުލާ އެހެން ގޮވީމާ ރާޑިވެ އަމިއްލަ ބޮލުގައި ހުރި އިސްތަށި ނޮޅާ މުޅިބޯ ތަލަކުރާ ވަރު ކުރެވެން ވާނެއެވެ.

އެހެން ގޮތެއް ނެތިއްޔާ މިކޮޅުން ޗާގޯހަށް މޭޔަރެއް އައްޔަން ކުރީމާ މުޅި ރަށުގައި ހޮޅި އެޅި އެޅީނުން އެމީހުންގެ ދިރިއުޅުން އަރަތަކަށް ހަދާލާނެ ވަރުގެ މޭޔަރެއް އިތުރަށް ހޯދާކަށް ނުޖެހެއެވެ،

މިގޮތް ގޮތުން މިއޮޕަރޭޝަން ކުރިއަށް ގެންގޮސްފި ނަމަ ކޮން ފަަރަންސޭސިންނާއި އިނގިރޭސިންނާއި މޮރިޝަހެއް ހެއްޔެވެ, ދުވަހަކު ރާައްޖޭގެ ބައެއް ކަމުގައި ނުވި ޗާގޯސް އޭރުން ދިވެހިންނަށް ލިބުނީއެވެ.