އާސަންދަ ދޭން ވީމާ އިތޯޕިޔާ - ބައިއަޅައިގެން ކާލަން ވީމާ ޖީ8

އާސަންދަ ދޭން ވީމާ އިތޯޕިޔާ - ބައިއަޅައިގެން ކާލަން ވީމާ ޖީ8

ކުއްލި ކުއްލިޔަށް ރައީސް މުއިއްޒު ނިންމަވާ ނިންމުންތަކަކީ ރާއްޖޭގެ ނިސްބަތުގައި ޖީ8 ގެ ގައުމަކުންވެސް ނުނިންމާ ވަރުގެ ނިންމުންތަކެކެވެ. ދުނިޔޭގެ ރޭޓިން އެޖެންސީތަކުން ދިވެހި ރާއްޖެ ސީސީއަށް ދަރަޖަކުރިޔަސް ހެޔޮތާއެވެ. މުއިއްޒު ހިތްޕުޅަށް އަރާވަޑައިގަންނަވާ ކޮންމެ ކަމެއް ކުރައްވަން ވަގުތުން ވަގުތަށް ގެންދަވަނީ އިއުލާނު ކުރައްވަމުންނެވެ. 

ނޮވެންބަރ ތިނެއްގެ އުދުވާނުގައި ޝަހީދުވީ މީހުންގެ އަގުވަޒަން ކުރުމުގެ ގޮތުން އެމީހުންގެ އާއިލާތަކުގެ އެންމެންނަށް ދަައުލަތުން އަނެއްކާވެސް ފައިސާދޭން ރައީސް މުއިއްޒު ވަނީ ނިންމަވާ އިއުލާނު ކުރައްވާފައެވެ. ހެނެއް ކަމަކު އެ މީހުންގެ ދަރިންގެ މިނިމިންޏަށް ދާންދެން ދައުލަތުން ބެލެހެއްޓޭ ވަރުގެ ގައުމަކަށް ރާއްޖެ ނުވެއެވެ. ނޮވެންބަރ ތިނެއްގެ އުދުވާނުގައި ޝަހީދުވީ މީހުންގެ އަގުވަޒަން ކުރުމުގެ ގޮތުން ދައުލަތުން އެ އާއިލާތަކަށް ދޭންޖެހޭ އެކިވަރުގެ އިނާޔަތްތައް ވަނީ ދީފައެވެ. އަމްދުން ނޮވެންބަރ3 ގައި ޝަހީދުވީ މީހަކަށް އެދުވަހު އުފަންވި ދަރިވެސް މިހާރު ހުންނާނީ 36 އަހަރުވެ ހަރު މީހަކަށްވެފައެވެ. އެހެންކަމުން އެމީހުންގެ ދަރިންގެ ދަރިންގެ މިނިމިންޏަށް ދައުލަތުން ހޭދަކުރާ ގޮތަށް އޮތްނަމަ ބޮޑު ތަކުރުފާނާއި ދޮންބަންޑާރައިންނާއި އަލިރަސްގެފާނުގެ ވަންހަ ދިލަކޮޅަށް ވެސް ދައުލަތުން ހޭދަކުރަން ޖެހޭނެއެވެ. ރާއްޖެއަކީ އެވަރުގެ ގައުމެއް ނޫނެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުން ހުޢްޓާލާ ކޮންމެ ރަށެއްގެ ކޮންމެ މީހަކަށް މަހުން މަހަށް ބޮޑު އިނާޔަތެއް ދޭންވެސް ރައީސް ނިންމަވާ އިއުލާނު ކުރައްވައިފިއެވެ. އަނެއްކޮޅުން ހާފިޒުންނަށް ދޭ އިނާޔަތް ދެގުނައަށް ބޮޑުކުރަންވެސް ނިންމެވީއެވެ. 

އެންމެ ފަހުން ހުރި ޕޮލިސް ކަމިޝަނަރ އިސްތިއުފާ ދިންތާ ދުވަސކޮޅެއް ފަހުން ބޮޑުވެގެންވާ އިނާޔަތާކާއެކު އަތްގުޅި ނުކާވަރުގެ ޕެންޝަނެއް މަހުން މަހަށް ލިބޭ ގޮތަށް ރިޓަޔަރ ކޮށްދިނީއެވެ. އުއްތަމަ ފަނޑިޔާރުވެސް ރިޓޔަރ އެކުރަނީ އެގޮތަށެވެ. ބޮޑު ޕެންޝަނެއް ދީފައި ރިޓަޔަރކޮށްފައި ތިބި އެތައް ބަޔަކަށް ސަރުކާރުން ބޮޑެތި މަގާމުތައް ދީގެން ދެމުސާރަ ދެނީއެވެ. 

އަނެއްކޮޅުން މި އަހަރު ނިމޭއިރު ރާއްޖޭގައި ބޯހިޔާވަހިކަން ކަށަވަރު ނުވާ 18 އަހަރުން މަތީގެ މީހަކު ނުހުންނާނެކަމަށާއި އެންމެ ޒަމާނީ ފެންވަރަށް ކުނި ނައްތާލެވޭ ނިޒާމެއް ގާއިމު ނުކުރާ ރަށެއް މި އަހަރު ނިމޭއިރު ނުއޮންނާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. 

ބަލިހާލުގައި މަރަށްތެޅޭ މީހާއަށް އާސަންދަައިން އެކަށީގެންވާ ފަރުވާ ހޯދާނުދެވޭކަމެއް، ތެލާއި ކާޑާއި ބޭހަށް ހަރަދުކުރަނީ މަރަށް ފުރާނައަށް ކަމެއް ރައީސް މުއިއްޒަށް އެނގިވަޑައެއް ނުގަނެއެވެ. ބިލިޔަން ޑޮލަރުން ދައްކަން ދަރަނި އޮތްކަމެއް ގައުމު އޮތީ ބަނގުރޫޓް ވުމުގެ މަގުގައިކަމެއް ވިސްނިވަޑައެއް ނުގަންނަވައެވެ.