ކާލިގަނޑު ކޮށާ މީދާ މަރާލުން
ސިޔާސަތާ ދެކޮޅު މީހަކު ސިޔާސަތު ތަންފީޒުކުރާ މަގާމެއްގައި ނުހުރެވޭނެ
- ރައީސް ގެ ސިޔާސަތަށް ތާއީދު ނުކުރާ ސިޔާސީ މަގާމުތަކުގައި ތިބި އެންމެން ވަކިކުރަންޖެހޭ
- ރައްޔިތުންގެ އަސާސީ ކަންކަން ކަށަވަރު ކޮށްދިނުމަށް ހަވާލުވެ ހުރި މީހަކު ރައީސާ ދެކޮޅަށް ފާޅުގައި އުޅެން ފެށުމުން ވަކިކުރަންޖެހޭ
- އަސާސީ ހައްގު އަދާކުރުމުގެ ޒިންމާ ބޮޑު ކުންފުންޏެއްގައި ރައީސްގެ ސިޔާސަތާ ދެކޮޅު މީހަކު ހުރެ ކޮންމެ ގެއްލުމެއްވެސް ދީފާނެ
އެއްވެސް ސަރުކާރެއްގެ ސިޔާސަތަށް ތާއީދު ނުކުރާ މީހަކު ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރާ އެއްވެސް މަގާމެއްގައި ހުރެގެންނުވާނެއެވެ. އެފަދަ މީހަކު ހުރިނަމަ ވަކިވެސް ކުރަން ޖެހެއެވެ. ސަރުކާރުގެ ސިޔާސަތާ ދެކޮޅު މީހަކު ތަންފީޒީ މަގާމަކުން ދުރު ކުރުމަކީ ވަޒީފާގެ ބިރު ދެއްކުމެއް ނޫނެވެ. އެކަމަކީ ކާލިގަނޑު ކޮށާ މީދާ މަރާލުން ކަހަލަ ކަމެކެވެ.
އެސްޓީއޯ އަކީ ރާއްޖޭގެ ކާބޯތަކެއްޗާއި ބޭހާއި ތެޔޮ ފަދަ ޒަރޫރީ އަސާސީ ބާވަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ޒިންމާދާރު މަސައްކަތްކުރާ ދައުލަތުގެ ކުންފުންޏެވެ. ރައްޔިތުން ކާބޯތަކެއްޗާއި ބޭހާ ތެލަށް ޖެހުނަ ނުދީ ރައްކާތެރި ކަމާއެކު ފޯރުކޮށް ދިނުމަކީ އެސްޓީއޯގެ އިހުތިސާސްގެ ބައެކެވެ.
ރައްޔިތުންނަށް ހައްގުތައް ކަށަވަރު ކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވާޖިބެކެވެ. ރައްޔިތުންގެ ހައްގު އަދާކުރުމުގެ ޒިންމާ މަތިކޮށް ޒިންމާދާރު މަގާމު ތަކަށް ރައީސް އައްޔަނުކުރާ ކޮންމެ މީހަކީ ރައީސުލްޖުމްހޫރިއްޔާއަށް އިތުބާރު ކުރާ ރައީސްގެ ސިޔާސަތު ތަކަށް ތާއީދުކުރާ ސިޔާސަތުތައް ދަމަހައްޓާ ނަގަހައްޓާ މީހަކަށް ވާންޖެހެއެވެ. އެ މީހަކީ ރައީސްގެ އިތުބާރު ލިބިފައިވާ މީހަކަށް ވެސް ވާންޖެހެއެވެ.
އެސްޓީއޯ ފަދަ އަސާސީ ހައްގު އަދާކުރުމުގެ ޒިންމާ ބޮޑު ކުންފުންޏެއްގައި ރައީސްގެ ސިޔާސަތު ފާޅުގައި ގަބޫލު ނުކުރާ މީހަކު ހުރުމަކީ ދައުލަތާއި ސަރުކާރާއި ކުންފުންޏަށް ރައްކާތެރި ކަމަކަށް ނުވާނެއެވެ. ސަރުކާރަށް ރުހުމާ ތާއީދު އިތުރު ވިޔަ ނުދިނުމަށް ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރެވެން ހުންނަ ކިތަންމެ ކަމެއް ނުކޮށް އުދަގޫހާ ގޮތް ގޮތަށް އެފަދަ މީހުން ކަންކަން ތަރުތީބު ނުކުރުމަށްވުރެ ކުރުން ކައިރިއެވެ.
ރައިސް އިތުބާރު ކުރައްވާ ދައުލަތުގެ ޒިންމާދާރު މަގާމެއް ހަވާލުކޮށްފައި ހުންނަ މީހަކު ރައީސްގެ ސިޔާސަތުތަކާ ފާޅުގައި ދެކޮޅުހަދާ ރައީސް ނޫން އެހެން ގޮތެއް ހޯދަން ނިކުތުމުން އެމީހަކަށް ޒިންމާދާރު މަގާމެއްގައި ބަހައްޓައިގެން ނުވާނެއެވެ. ކޮންމެ ފަދަ ދަނޑިވަޅެއްގައި ކޮންމެ ފަދަ ކަމެއްވެސް އެ މީހެއްގެ މަގާމު ބޭނުންކޮށްގެން ކޮށްފާނެއެވެ.
އަމްދުން ރައްޔިތުންގެ އަސާސީ ކަންކަން ކަށަވަރު ކޮށްދިނުމަށް ހަވާލުވެހުރި މީހާ ރައީސާ ދެކޮޅަށް ތެދުވެ ފާޅުގައި އުޅެން ފެށުމުން އެ މީހެއްގެ ފުށުން ވެދާނެ ރަނގަޅެއް އޮވެދާނެ ކަމަށް ސަލާމަތް ބުއްދި ގަބޫލެއް ނުކުރާނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނާގާބިލުކަން ދައްކާ ރައްޔިތުންގެ ހިތުގައި ސަރުކާރާ މެދު ނަފްރަތު އުފެއްދުމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ކަމުގައި އަމްރު ހުރެ ކާޑާއި ބޭހާއި ތެލާ ނުކުޅޭނެ ކަމަށް ގަބޫލު ކުރާނީ ކިހިނެއް ހެއްޔެވެ.
ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރުމާ ހަވާލުވެހުރެ ސަރުކާރާ ދެކޮޅުވެރި ވުމަށްވުރެ އަމްރަށް ވެސް ފަސޭހަ ވާނީ މަގާމުން ވަކިވެގެން ހުރެ ސަރުކާރާ ދެކޮޅުވުމެވެ.