ހީރަސް ރެސިޕީ: ކްރަމްޕީ ކުކީސް
ހީރަސް ރެސިޕީ އަޖުމަ ބައްލަވާ ލައްވާ
ރޯދަމަހަށް ހާއްސަކޮށްގެން ގެނެސްދޭ ހީރަސް ރެސިޕީ އަޖުމަ ބައްލަވާ ލައްވާށެވެ. ފުރަތަމަ ގެނެސް މިދެނީ ކްރަމްޕީ ކުކީސް ރެސިޕީއެވެ. ކުކީ ގިނަ މީހުނަށް މީރު ވަނީ އެތެރެ މަޑުކޮށް އަދި ކުޑަކޮށް ތެތްކޮށް ހުރީމައެވެ. މިފަހަރު ތައްޔާރު ކޮށްލާނީ އެ ކަހަލަ ކުކީސް ތަކެކެވެ. ކުކީތައް ތައްޔާރު ކުރަން ބޭނުން ވަނީ ވަރަށް މަދު އެއްޗެކެވެ. އެހާމެ ކުޑަ ވަގުތު ކޮޅެކެވެ.
ކުކީތައް ތައްޔާރު ކުރާނީ ޗޮކްލެޓް ސްޕްރެޑެއް ކަމުގައިވާ ކްރަމްޕީންނެވެ. އަޑުއޯ އާއި ހޭޒަލްނަޓް އަދި ޑާކް ޗޮކްލެޓް ވެސް ކަރަމްޕީ ކުކީސް ތައްޔާރު ކުރުމަށް ބޭނުން ކުރެވިދާނެއެވެ. މި ފަހަރު ޑާކް ޗޮކްލެޓްގައި ކުކީސް ތައްޔަރު ކޮށްލަމާ ހެއްޔެވެ. ގެނެސްދެވޭ ވަޒަން ހަމަ ރެސިޕީން ތައްޔާރު ކުރެވޭނީ 08 (އަށެއް) ކޫކީއެވެ.
ބޭނުންވާ ތަކެތި:
- ¾ ޖޯޑު ކްރަމްޕީ ޑާކް ޗޮކްލެޓް ސްޕްރެޑް
- 1 ބިސް
- ¾ ޖޯޑު ފުށް
- ¼ ސައިސަމުސާ ލޮނު
- 10 ތުނިކޮށް ކޮށާފައިވާ އާމަންޑް (ބޭނުން ނަމަ ނޭޅިއަސް ރަނގަޅުވާނެ)
ހަދާނެ ގޮތް:
- ބޮޑު ބޯތަށްޓަކަށް ކްރަމްޕީ ޑާކް ޗޮކްލެޓް ސްޕްރެޑްއާއި ބިސް އަޅާފައި ސަމުސަލެއް ބޭނުން ކޮށްގެން ރަނގަޅަށް އެއްވަންދެން ގިރާލާށެވެ.
- ދެން އެ ބޯތަށީގެ ތެރެއަށް ފުށާއި ލޮނު ފުރާނާލާފައި އަނެއްކާވެސް ރަނގަޅަށް އެއްވަންދެން ގިރާށެވެ.
- އާމަންޑް ބޭނުން ކުރާނަމަ އާމަންޑްކޮޅުގެ 2/3 ބޯތަށީގެ ތެރެއަށް އަޅާ އަނެއްކާވެސް ރަނގަޅަށް އެއްކުރާށެވެ.
- ދެން ބޯތަށި ފްރިޖަށްލާފައި 30 މިނިޓު ބަހައްޓާށެވެ.
- ކުކީތައް ފިހަން ބޭނުން ކުރާނެ ތަބަކުގެ ފުލުގައި ބޭކިންގް ކަރުދާސް އަޅާފައި އެހަށް ބަހައްޓާށެވެ. އަހަރުމެން ބޭނުން ކުރީ 8 އިންޗި 12 އިންޗީގެ ތަބަކެކެވެ.
- 30 މިނިޓު ހަމަވުމުން ބޯތަށި ފްރިޖުން ނަގާފައި އޭގައި ހުރި ސާމާނު އެއްވަރުގެ 8 ބަޔަށް ބަހާލާށެވެ.
- ކޮންމެ ބަޔަކުން ގުޅަވަށާފައި ދެ އަތްތިލަ ދޭތެރޭލާ ފިއްތާލައިގެން ފަތާކޮށްލާފައި ތައްޔާރުކުރި ތަބަކުގައި އަތުރާށެވެ. ފަތާކޮށްލީމައި އެތިކޮޅެއްގެ ޑަޔަމީޓަރުގައި ހުންނާނީ 2 އިންޗި ވަރެވެ. ތަބަކުގައި އަތުރާއިރު ދެ އެތިކޮޅު ދޭތެރޭގައި އިންޗިއެއް ހާތަން ދޫކުރަން ވާނެއެވެ. މި ގޮތަށް އެތުރީމައި އެހެރީ ކޫކީތައް ފިހަން ތައްޔާރު ކުރެވިފައެވެ.
- އާމަންޑް ބޭނުން ކުރާނަމަ ބާކީ ހުރި އެތިކޮޅު، ތަބަކުގައި އަތުރާފައި ހުރި ކޫކީ ތަކުގެ މައްޗަށް އަޅާފައި ކުކީ ތަކުގެ ތެރެއަށް އެ ވަންނާނެ ގޮތަށް ކުޑަކޮށް އޮއްބާލާށެވެ.
- ދެން 170 ޑިގްރީސް ސެލްސިއަސްގައި ހޫނުކުރަން އަވަން 10 މިނިޓަށް ޖައްސާފައި ފްރިޖްގެ ގަނޑުކުރާ ބަޔަށް ކުކީތައް އަތުރާފައި ހުރި ތަބައް ލާށެވެ.
- އަވަން ހޫނުކޮށް ނިމުނީމައި ގަނޑުކުރާ ބައިން ތަބައް ނަގާފައި އަވަނުގެ މެދު ރެކުގައި ބައިންދާށެވެ. ދެން 170 ޑިގްރީސް ސެލްސިއަސްގައި 12 މިނިޓުވަންދެން ނޫނީ ކުކީތަކުގެ އަރިމަތި ކުޑަކޮށް ހަރުވެލާ މަތި ކުޑަކޮށް ފަޅައިގެން ދަންދެން ފިހާށެވެ.
- ކުކީތައް ފިހެވުނީމައި ތަބައް އަވަނުން ނަގާފައި ކުކީތައް ތަބަކުގައި ބަހައްޓައިގެން ހިހޫ ކުރާށެވެ. އަވަނުން ނަގާއިރު ކުކީތައް ހުންނާނީ ވަރަށް މަޑުކޮށެވެ. ހިހޫ ވާވަރަކަށް ދާނީ ހަރުވަމުންނެވެ.