އިލްމީ ޒުވާނުން މުއިއްޒަށް ނޫނެކޭ ބުނުމަކީ ހެޔޮފާލެއް

އިލްމީ ޒުވާނުން މުއިއްޒަށް ނޫނެކޭ ބުނުމަކީ ހެޔޮފާލެއް

ހުސްނުއް ސުއޫދު ފަދަ ތަޖުރިބަކާރު އިލްމީ ބޭފުޅުންނާއި އެއްހަމައިގައި ފައިތިލަ ސާބިތު ކޮށްލެވޭ ވަރުގެ ތައުލީމީ ޒުވާނުން ރާއްޖޭގައި ތިބިކަމީ ހެޔޮފާލެކެވެ. ގައުމުގެ މުސްތަގުބަލް އުޖާލާކަން ރަމްޒުކޮށްދޭ ކަމެކެވެ. ހައްގުބަސް ބުނަންކެރޭ ކޮންމެ ގޮތެއް ވަރިހަމަނޫން ޒުވާނުން ގައުމުގައި އެބަތިިކަން ހާމަވަމުން ދާނީ ބޮޑެތި ކަންކަމާ ޖެހުމުންނެވެ. އެމްއެމްއޭގެ ބޯޑު މެމްބަރު އަހުމަދު ޒަޔާން މުހައްމަދު މިނިސްޓްރީ އޮފް ފިނޭންސްއާއި އެމްއެމްއޭގެ ބޯޑުން އިސްތިއުފާދެއްވި ދެއްވުމަކީ އޭގެ މިސާލެކެވެ. 

އެމްއެމްއޭއިން 15 ބިލިއަން ރުފިޔާ ޗާޕުކުރުމަށް ނިންމި ނިންމުމާ ދެކޮޅަށް އިހުތިޖާޖު ކުރެއްވުމުގެ ގޮތުން ޒަޔާން އިސްތިއުފާ ދެއްވުމަކީ ވަރަށް ހިތްވަރުގަދަކަން ސާބިތުކޮށްދެއްވި ކަމެކެވެ. އެމްއެމްއޭއިން 15 ބިލިއަން ރުފިޔާ ޗާޕުކުރުމަށް ނިންމި ނިންމުމާ ދެކޮޅަށް އޭނާ ވޯޓުވެސް ދެއްވިއެވެ. ދެކޮޅަށް ވާހަކަދެއްކެވިއެވެ. އޭނާ ދެކޮޅުހައްދަވާ އަޑުއުފުއްލެވީ ލިބިވަޑައިގެންފައިވާ އިގްތިސޯދީ ދާއިރާގެ ތައުލީމުގެ އަލީގައެވެ. އެނާ އަމަލުކުރެއްވީ މަތީ ތައުލީމު ނިންމެވި ފަހުން މަސައްކަތް ކުރައްވާ މާލީ ދާއިރާއިން ހޯއްދެވި ތަޖުރިބާގެ އަލީގައެވެ. 

މަނިޓަރީ ޕޮލިސީ ގަވަރުނަރ މުނައްވަރަށް އެވަރު ރަނގަޅަށް އެނގިވަޑައިގަންނަވާ ނަމަ މަގާމަށްޓަކާ އެހާބޮޑު ގޯހެއް ނުހައްދަވާނެއެވެ. ޒަޔާން އިސްތިއުފާ ދެއްވާފައި ނިކުމެވަޑައިގަންނަވަން ކެރިވަޑައިގަތީ އިލްމާއި ހުނަރާއި ތަޖުރިބާ މަގާމަށްޓަކާ ކޮމްޕްރަމައިޒް ނުކުރެއްވުމަށެވެ. މާލީ ވުޒާރާއާއި މަރުކަޒީ ބޭންކްގެ އިހުތިރާމާ ލޯބި ޒަޔާން ވަނީ ހޯއްދަވާފައެވެ. ޒަޔާންއަކީ ދިވެހިރާއްޖޭގެ މަނިޓަރީ ޕޮލިސީ އާއި ފައިސާ ދައުރުވުމާ ބެހޭގޮތުން ރަނގަޅަށް ތަންދޮރު ފިލާވަޑައިގެން ތިއްބެވި މަދު ބޭފުޅުންގެ ތެރެއިން އެކެކެވެ. އޭނާއަކީ ވަރަށް މަދުން ފެންނަ ބާވަތުގެ މީހެކެވެ. ޒަޔާންގެ އިސްތިއުފާއިން ވެސް ދައްކުވައިދެއްވީ ތެދުވެރިކަމެވެ.  

ފަހަކަށް އައިސް ފެންނަމުން މިދަނީ މިކަހަލަ އެންމެ ޒަޔާނެއް އެކަންޏެއް ނޫނެވެ. ފައިސާ ޗާޕްކުރުމަށް އެމްއެމްއޭ ބޯޑުން ނިންމި ނިންމުން ރިވިއު ކުރުމަށް އެމްއެމްއޭގެ ޑެޕިއުޓީ ގަވަރނަރ އަހުމަދު އިމާދު އާއި ބޯޑް މެންބަރުން ކަމަށްވާ ޝުހާދު އިބްރާހީމާއި ޒަޔާން ހުށަހެޅުމުން ގަވަރނަރ މުނައްވަރު އެކަން ބޮލާލާ ޖައްސެވީއެވެ. ޑެޕިއުޓީ ގަވަރނަރ އަހުމަދު އިމާދު މަގާމުން ވަކިކުރުމަށް ހުށަހެޅުވީއެވެ. އެކަމާ ގުޅިގެން ޒަޔާނުގެ އިތުރަށް މަނިޓަރީ އޮތޯރިޓީ ބޯޑްގައި އެކޮނޮމިކް މިނިސްޓްރީ ތަމްސީލީް ކުރެއްވި ޝުހާދު އިބްރާހީމް ވެސް ފައިސާ ޗާޕްކުރުމާ ދެކޮޅު ހައްދަވާ އެވަނީ އިސްތިއުފާ ދެއްވާފައެވެ.

އަނެއްކޮޅުން ރައްޔިތުންގެ މަޖިލީހުގައި ހުންނެވި އެންމެ ޒުވާން މެންބަރ ހިތަދޫ މެދު ދާއިރާގެ އަހުމަދު އަޒާން ސްޕްރީމް ކޯޓްގެ ބެންޗް ކުޑަކުރާ ބިލަށް އެވަނީ "ނޫނެކޭ" ބުނެފައެވެ. އިމާދާއި ސުހާދާއި ޒަޔާން އެވަނީ 15 ބިލިއަން ރުފިޔާ ޗާޕުކުރުމަށް "ނޫނެކޭ" ބުނެފައެވެ. މިކަހަލަ އިލްމީ ދަރިންތަކެއް ހައްގުބަސް ބުނުމުން ހިތްވަރުލިބި ގައުމު ހަމަމަގަށް އަޅުވަން އިތުރު ޒުވާނުން ތެދުވުމުގެ ވަގުތު މިވަނީ ޖެހިފައެވެ. 

ގައުމުން މަތީ ތައުލީމަށް އިންވެސްޓް ކުރުމުގެ ހެޔޮ ނަތީޖާ ފެންނަން ފެށީއެވެ. ފެންނަނީ ކުރިމަގުގައި ކަންކަން ރަނގަޅުވަމުން ދާނެކަމުގެ ކުލަވަރެވެ. ގައުމުދެކެ ލޯބިވާ އެންމެން މިހާރު ކުރަންޖެހޭ ކަމަކީ ހާލަތާ ދެކޮޅަށް ހިންދަމާލާ މިފަދަ އިލްމީ ޒުވާން ތެދުވެރި ދަރިންނަށް އިތުރު ޖާގަ ހޯދައިދީ ބާރުވެރި ކުރުވުމެވެ. ފުރިހަމަ އެއްބާރުލުން ދިނުމެވެ.