އިންޑިއާ މީހުން ފިޔާ ކަންޏާ ދިވެހިން ތިބެނީ ފިޔާކައިގެން!

ފިޔާ ލިބޭ އަވަށްޓެރި ލިސްޓްގައި ދިވެހީންގެރާއްޖެ ނުހިމެނޭ!

އިންޑިއާ މީހުން ފިޔާ ކަންޏާ ދިވެހިން ތިބެނީ ފިޔާކައިގެން!

ގަބުޅިއާއި ދިޔާ ހަކުރާއި ވަޅޯމަހަކީ ދިވެހީންގެރާއްޖޭގެ އިރު ކޮއްތަށް ނުހަދާ ވާކަށްނެތެވެ. ގަބުޅިއާއި ދިޔާ ހަކުރާއި ވަޅޯމަހަކީ އިރުކޮއްތު ކަމަށް ހަދަން އުޅުނަސް ހެދޭކަށް ވެސް ނެތެވެ.

ދިޔާހަކުރެއް ކަރުހަކުރެއް ލިބޭކަށް ނެތެވެ. ރާއަރާ މީހަކު މަދުން ނޫނީ ނޫޅެއެވެ. ހަކުރު ހިލަން ދަންނަ މީހުނެއް ވެސް އެވަރަކަށް ނޫޅެއެވެ. ދިޔާހަކުރު ކަންޏާ އެވެސް ޖެހޭނީ އިންޕޯޓް ކުރާށެވެ. ހެޔޮވަރު ވަރަކަށް ހަކުރު ހިލާ ބަޔަކު އުޅުނަސް އުޅެނީ އިންޑިއާގައެވެ. 

ތިން ހަތަރު ލައްކަ މީހުން ކާވަރަށް ގަބުޅި ލިބޭކަށް ރުއްރުކުގައި މަތިވަރެއް ނެތެވެ. ރުއްތައް ހުރީ ކޮޅުން ފޯދި ފަން ކުރުވެފައެވެ. ދިވެހީންގެ ރާއްޖެއަށް ކާއްޓާއި ގަބުޅިއާއި ކުރުނބަލަށް ދާންދެން އިންޕޯޓް ކުރަން އޮތީ ޖެހިފައެވެ. އިންޕޯޓް ކުރަންޏާ ކުރަންވީވެސް އިންޑިއާ އިންނެވެ.

ވަޅޯ މަހަކީވެސް ނުލާހިކު ތަދު އެއްޗެކެވެ. މަހަކީވެސް މިހާރަކު އެހާ ފަސޭހައިން ބޭވެން އޮތް އެއްޗެއް ނޫނެވެ. ފައްޔާ ރިޔަލުގައި ނިކުމެ ރަށު ކަންދަށުން އިހުގައި މަސްބެޔަސް އެކަންވެސް މިހާރަކު ވާކަށް ނެތެވެ. އެއް ތަނުން އަނެއް ތަނަށް ހިރެލެވެން ވެސް އޮތީ ތެޔޮ ހުރެގެންނެވެ. ތެލަކީ ރާއްޖެއަކުން ލިބޭކަށް ހުރިއެއްޗެއް ނޫނެވެ. އެންމެ ކައިރީގައި ތެޔޮ ނަގާ ގައުމަކަށްވެސް އޮތީ އިންޑިއާއެވެ.

އެހެން ކަމުން ގަބުޅިއާއި ދިޔާހަކުރާއި ވަޅޯމަހަށް އެނބުރި ދެވޭކަށް ނެތެވެ. ބޭރުން ގެނެވޭ ބޭރުތަކެއްޗަށް ރޭރުވެގެން އުޅެން އާދަވެފައިވާ ރާއްޖޭގައި ބަނޑުފުރާނަ މުއްތި ކުރެވެން އޮތީ ބޭރުން ތަކެތި ގެނެސްގެނެވެ. ގައުމިއްޔަތު ކިތަންމެ ފުޅާވެ ދިގުވެފައި އޮތަސް އެނޫން ގޮތެއް ދިވެހީންގެރާއްޖެ އަކަށް ނެތެވެ. 

އަނެއްކޮޅުން އަލުތްވާއި ބިހާއި ފިޔާ ބޭނުން ނުކޮށް ދިވެހީންގެ އިރުކޮއްތު ކެއްކޭކަށް ނެތެވެ. ރާއްޖޭން ލިބޭ ކުކުޅު ބިހަކުން އެކަނި ހަމަޖެއްސޭކަށް ނެތެވެ. އަލުތްވާއި ފިޔާ ރާއްޖޭގައި ހެދުނަސް ހައްދާ ބަޔަކު ނޫޅެއެވެ. ދިވެހީންނަށް ފިޔާ ނެތި ކާއެއްޗެއް ރޯފިލުވޭ ކަމަކަށް ނުވެއެވެ. 

އަލުތްވާއި ބިހާއި ފިޔާ ގުދަންކޮށްގެން ގިނަ ދުވަހު ގެންގުޅުމަކީ ހަރަދު ބޮޑު އުނދަގޫ ކަމެކެވެ. ކުރު މުއްދަތުގައި އަވަހަށް ރޯލުކޮށް ނުލެވިއްޖެނަމަ ބޮޑުބައެއް ހަލާކުވާ އުމުރު ކުރު އެ ޒާތުގެ ކާބޯތަކެތި ދުރު ކަރަކަރައިން ގެނެސްގެން ނުވިއްކެނީ އެހެންވެއެވެ. ޒަމާނުއްސުރެ އަލުތްވާއި ބިހާއި ފިޔާ އުތުރު ކަރައިން ގެނންނަނީ އެހެންވެގެންނެވެ. އަތްފޯރާ އަގެއްގައި ބާޒާރުން އެތަކެތި ލިބެން ހުންނަނީ އެހެން ވެގެންނެވެ. 

އިންޑިއާ ނޫންގޮތެއް ހޯދައިގެން އުޅެން ދިމާކޮށްފައިވާ ދިވެހީންގެރާއްޖޭގެ ސަރުކާރުން ރައްޔިތުންނަށް އަލުތްވާއި ބިހާއި ފިޔާ ހޯދޭނެ ފަސޭހަ އެހެން ގޮތެއް ހޯދާ ނުދީ އޮތަސް ދިވެހިންނަށް އަލުތްވާއި ބިހާއި ފިޔާ ކޮންމެ ދުވަހަކުވެސް ބޭނުންވެއެވެ. އެތަކެއްޗާ ނުލާ ދިވެހިންނަކަށް ނޫޅެވެއެވެ. ވައްތަރަކަސް ފިޔާގެ ބަދަލުގައި ވިހަ ކަނދޮޅެއް ބޭނުމެއް ނުކުރެވޭނެއެވެ. 

އިންޑިއާގެ ބާޒާރަށް އަންނަ އެކިއެކި ލޮޅުން ތަކުގައި ދޭތެރެ ދޭތެރެއިން އިންޑިއާއިން ފިޔާ ބޭރުކުރުން މަޑު ޖައްސާލައެވެ. އިންޑިއާއިން ފިޔާ ބޭރުކުރުން މަޑުޖައްސާލާ ކޮންމެ ފަހަރަކުވެސް މީގެކުރިން ރާއްޖެއަށް ދަތިނުވާ ވަރަށް ފިޔާ ލިބޭނެ ގޮތް ހަމަޖައްސާ ދެއެވެ. އިންޑިއާއިން ފިޔާ ބޭރުކުރުން ހުއްޓާލިޔަސް ރާއްޖެއަށް ބަރާބަރަށް ފިޔާ ލިބިލިބި ހުރެއެވެ. މީގެ ކުރިން އިންޑިއާ މީހުން ފިޔާ ކަންޏާ ދިވެހިން ތިބެނީ ފިޔާ ކައިގެންނެވެ. 

ހުސްވި ޑިސެމްބަރު މަހުން ފެށިގެން އަންނަ މާރިޗު މަހުގެ ނިޔަލަށް ފިޔާ އެކްސްޕޯޓް ކުރުން ވަގުތީ ގޮތުން އިންޑިއާއިން ވަނީ ހުއްޓާލާފައެވެ. އެކަމުގެ ނުރަނގަޅު އަސަރު ރާއްޖޭގެ ބާޒާރަށް ދަނީ ކުރަމުންނެވެ. ރާއްޖެއަށް ކުރިންދޭ އިސްތިސްނާ ރާއްޖެއަށް އިންޑިއާ ނުދިނުމުންނެވެ. މުއިއްޒުގެ ހައްދުފަހަނައެޅި ގައުމިއްޔަތުގެ ސަބަބުން ރާއްޖޭގައި ފިޔާ ދަނީ މާވަހަރަށް ވަމުންނެވެ. 

އެހެން އެކަން އޮއްވާ ވަކި ކޯޓާއެއްގެ ދަށުން އަވަށްޓެރި ބައެއް ގައުމުތަކަށް ފިޔާ އެކްސްޕޯޓު ކުރުމުގެ ހާއްސަ ހުއްދައެއް އިންޑިއާއިން ދީފިއެވެ. އިންޑިއާ ސަރުކާރުން ހާއްސަ ހުއްދައެއް ދީގެން ފިޔާ ލިބޭ އަވަށްޓެރި ގައުމުތަކުގެ ލިސްޓްގައި މިފަހަރު ދިވެހީންގެރާއްޖެ ނުހިމެނުނެވެ. ޒަމާންވީ އަހުވަންތަ ގުޅުމުގައި މުއިއްޒު ކޮޅުފައިން ޖެހުމުގެ ނަތީޖާ ދިވެހިންނަށް ވަރަށްވެސް ހިއްޗެވެ. އިންޑިއާއިން ފިޔާ އެކްސްޕޯޓު ކުރުމުގެ ހާއްސަ ހުއްދަ ދީފައިވަނީ ބަންގްލަދޭޝްއާއި ބޫޓާންއާއި ސްރީލަންކާއާއި މޮރިޝަސްއަށެވެ. ކިހާދެރަ ހެއްޔެވެ.