ބޭނުން ނުކުރާ ކަރަންޓަކަށް ފައިސާ ދައްކާނެކަމެއް ނެތް!

ސްޓެލްކޯއިން ދެމުން އައި އިރުޝާދާ އެއްގޮތަށް އަމަލު ކުރެވުނުތަ!

ބޭނުން ނުކުރާ ކަރަންޓަކަށް ފައިސާ ދައްކާނެކަމެއް ނެތް!

ސިޔާސީ ބޭނުމުގައި ހެއްދެވިހާ ދޮގު ހަދައިގެން ފިތުނަވެރި ވާހަކަ ދެއްކުމުގެ އެއްވެސް ހައްގެއް އެކަކަށްވެސް ނުއޮންނާނެއެވެ. ކަޑައެޅިގެން މީހުނަން އެނގޭ ކަންކަމުގެ ވާހަކަ ދޮގު ހަދައިގެން ދެއްކުމުން އެކަން އެނގޭ މީހުނެއް އެކަމެއް ގަބޫލެއް ނުކުރާނެއެވެ. އޭރުން އިތުބާރު ގެއްލޭނީ އެ ވާހަކަ ދައްކާ މީހާގެއެވެ. އެ ވަހާކަ ފަތުރާ ނޫހުގެއެވެ. ކިތަންމެ ތެދު ވާހަކައެއް ބުންޏަސް ދޮގުވާހަކަ ދައްކާ މީހާގެ ބަހެއް ގަބޫލެއް ނުކުރާނެއެވެ. 

ތެދެކެވެ. އެންމެ ފަހުން މާލޭގެ ތަންތަނަށް ލިބުނު ކަރަންޓް ބިލްގެ އަދަދު އާއްމު ގޮތެއްގައި ބޮޑެވެ. އެއީ ހަގީގަތެކެވެ. އެކަމަކު ކުރިއަށް ވުރެ ބިލުގެ އަދަދު ކުޑަވި ތަންތަންވެސް އެބަހުއްޓެވެ. އެވާހަކަ ދައްކާނެ މީހަކު ނޫޅޭނެއެވެ. ބިލު ބޮޑުވީމާ ބޮޑު ވާހަކަ ދައްކާނެއެވެ. ޝަކުވާވެސް ކުރެވޭނެއެވެ. ޝަކުވާ ކުރަންވެސް ވާނެއެވެ. އެކަމަކު ސޯޝަލް މީޑިއާއަކު ނޫނެވެ. 

ކަރަންޓް ބިލް ބޮޑުވުމުން ޝަކުވާ ކުރާނީ ސްޓެލްކޯގައެވެ. ވެފައި އޮތްގޮތް ސާފުވާނީ އޭރުންނެވެ. ބިލުގައި މައްސަލައެއް އޮތަސް އެކަމެއް ރަނގަޅު ކުރެވޭނީ އޭރުންނެވެ. ބިލަށް ބޮޑު ތަފާތެއް އައީ ކީއްވެގެންކަން އޭރުން ސާފު ވާނެއެވެ. މައްސަލައެއް އޮތީވިއްޔާ ރަގަޅު ކުރެވޭނީ އޭރުންނެވެ. 

ހަގީގަތް ގަބޫލު ކުރައްވާށެވެ. ޔޯލަކޮށްލާފައި ސިޔާސީ ބޭނުމުގައި ބަޔަކު ކޮންމެ ވާހަކައެއް ދެއްކިޔަސް ގަބޫލުކުރަން ޖެހޭ ހަގީގަތް ތަކެއް އެބަހުއްޓެވެ. ކަރަންޓް ބޭނުން ކުރުމުގައި އިސްރާފު ކުޑަކޮށް ކަރަންޓް ހަރަދު ކުޑަކުރާނެ ގޮތް ސްޓެލްކޯއިން އަަބަދުވެސް ދަނީ ކިޔާދެމުންނެވެ. ހާއްސަކޮށް މިދިޔަ މަހުގެ ތެރޭގައި ކަރަންޓް ބޭނުން ކުރާވަރު އާދަޔާ ހިލާފަށް އިތުރުވެ ލޯޑްވަމުން ދާކަމުގެ މައުލޫމާތު ހުއްޓާނުލާ ސްޓެލްކޯއިން އައީ ދެމުންނެވެ. ހަރަދު ކުޑަކުރާނެ ގޮތްތައް އައީ ކިޔާ ދެމުންނެވެ. 

ކަރަންޓް ބޭނުން ކުރުމުގައި އަމަލު ކުރަން ސްޓެލްކޯއިން ދެމުން އައި އިރުޝާދާ އެއްގޮތަށް އަމަލު ކުރެވުނުތޯ އަމިއްލަ ނަފްސާ ކޮންމެ މިހާކުވެސް ސުވާލުކޮށްލުން ރަނގަޅެވެ. އެޕްރީލް މަހުގެ ކަރަންޓް ބިލު މި އަހަރު އާދަޔާ ހިލާފަށް ބޮޑުވުމުގެ ސަބަބުތަކާ މެދު ވިސްނާލުން ވަރަށް ރަނގަޅެވެ.

އާދަޔާހިލާފަށް ހޫނު ގަދަވުމަކީ އެއް ސަބަބެވެ. މިހެން ހަމަ ބުނާ އިރަށް ބުނާނެ އެއްޗަކީ ކުރިން ބޭނުން ނުކުރާ ވަކި އައު އެއްޗެއް އެޕްރީލް މަހު ބޭނުން ނުކުރާ ވާހަކައެވެ. ކަރަންޓް ބޭނުން ކުރާ މީހުން ގިނަ ނުވާ ވާހަކައެވެ. އެކަމަކުވެސް ވިސްނާލުން ރަނގަޅެވެ. ހުސްވި މަހަކީ އާދަޔާ ހިލާފަށް ހޫނު ގަދަވުމުގެ ސަބަބުން ގޭތެރޭގައި ގިނަ ބަޔަކު ތިބި ވަގުތު ގިނަވެގެން ދިޔަ މަހެއް ކަމަށް ގަބޫލު ކުރެވެއެވެ. 

ހާއްސަކޮށް ހުސްވީ ރޯދަމަހެވެ. އާދަޔާ ހިލާފަށް ހޫނު ގަދަވުމުގެ ސަބަބުން ރޯދަމަހު ދުވާލު ބޭރުގައި އުޅުނު މީހުން މަދެވެ. ދުވާލުގަޑީގައި މަގުތަކުން އެކަން ފާހަގަ ވިއެވެ. ހަމައެއާއި އެކު ކޮންމެ ރެއަކު މުޅި ރޭހެން ފަތިސް ވަންދެން ގިނަ ބަޔަކު ގޭގައި ހޭލާ އުޅުމުން ބޭނުން ކުރި ކަރަންޓް އިންތިހާއަށް ގިނަވިއެވެ. މުޅިގެ އެއްކޮށް ދިއްލާ ހުރިއްޔާ ހުރި އިލެކްޓްރިކް އާލަތެއް ޖައްސާ ބޭނުން ކުރަމުން ދިޔައެވެ. އަވަނާ މިކްސަރާ ދެންވެސް ހުރިއްޔާ ހުރިއެއްޗެއް ހުރީ ގިނަ ވަގުތު ހިނގަ ހިނގައެވެ. އަނެއް ކޮޅުން އޭސީތައް 25ގެ މަތީގައި ބަހައްޓައިގެން އުޅުނީ މަދު މީހެކެވެ. ބިލަށް ވެދާނެ ވަރަކަށް އެކަކުވެސް ވިސްނާ ނުލާ ކަހަލައެވެ.

ރެކޯޑް މިންވަރަކަށް ހޫނު ގަދަވުމާއި ރޯދަމަހު އިސްރާފުކުރި ކަރަންޓްގެ ސަބަބުން އާދަޔާ ހިލާފަށް ބިލް ބޮޑު ނުވައެއް ނުހުންނާނެއެވެ. ކަރަންޓުން އިސްރާފު ކުރާއިރު އަތުވެދާނެ ބޮޑު ބިލަކާމެދު ވިސްނައެއް ނުލެވުނެވެ. އަތަށް ބިލްއައިމާ ބިލުގެ ބޮޑުކަން އިހުސާސްވެ ރާގުރާގަށް ސްޓެލްކޯ ބަދުނާމު ކުރުމުގެ ބޭނުމެއް ނެތެވެ. ޔަގީނުން ވެސް އެގޭ ކަމަކީ ނުނަގާ ރީޑިންއަކަށް އެއްވެސް ކޮންޒިއުމަރަކަށް ސްޓެލްކޯއިން ބިލް ނުފޮނުވާ ކަމެވެ. ކޮންމެ ކޮންޒިއުމަރެއްގެ މީޓަރ އެހުރީ އެމީހަކަށް ފެންނަ ގޮތަށް އެތަނެއްގައެވެ. ބިލްގެ ތަފްސީލް ބިލުން ފެންނަށް އެ އޮތީއެވެ. ރަނގަޅަށް ބަލާށެވެ. ބޭނުން ނުކުރާ ކަރަންޓަކަށް ފައިސާ ދޭނެކަމެއް ނެތެވެ.

ސްޓެލްކޯ އެހުރީ އެތާނގެ ކޮންޒިއުމަރުންނަށް ހުޅުވިފައެވެ. ވަޑައިގެން ހަގީގަތް ސާފު ކުރައްވާށެވެ. ގޯހެއް ހެއްދެވިފަވާ ނަމަ ގަބޫލު ކުރައްވާ ހަގީގަތާ ކުރިމަތި ލައްވާށެވެ. ކަރަންޓުން އިސްރާފު ކުރުން ކުޑަ ކުރައްވާ ފައިސާ ބޭކާރު ގޮތުގައި ހޭދަ ކުރެއްވުން ހުއްޓަވާ ލައްވާށެވެ. ފިތުނަވެރިންގެ ދޮގުތަކަށް ނުހެއްލި ސްޓެލްކޯއަށް އިތުބާރު ކުރައްވާ މައްސަލަ ހައްލު ކުރައްވާށެވެ.