އަންނި އާއި ޑިމޮކްރެޓްސް އަލުން އެމްޑީޕީއަށް ގުޅުމަށް މަގުހެދީ އިބޫ
އެމްޑީޕީ އެކަތި ގަނޑަކަށް ހެއްދެވުމަށް އިސްނެންގެވީ ރައީސް ސޯލިހު
ވީގޮތެއް ވެގެން އެމްޑީޕީ ދޫކޮށް ރައީސް ނަޝީދާއި ދަ ޑިމޮކްރެޓްސްގެ ބައިވެރިން އެމްޑިޕީއާއި ވަކިވެގެން ދިއުންވީ އެމްޑީޕީއަށް ލިބުނު ވަރަށް ބޮޑުގެއްލުމަކަށެވެ. ނަތީޖާއަކަށްވީ އެމްޑީޕީއަށް ވެރިކަންގެއްލުމެވެ. ރައްޔިތުންގެ މަޖިލީހުގައިވެސް އެމްޑީޕީގެ ބާރުކެނޑުމެވެ. އެކީ އެކައްޗަކަށް ގައުމުގައި އެމްޑީޕީ ބަލިކަށިވުމެވެ. އެމްޑީޕީގެ ލޭހިނގާ އެއްވެސް ދަރިއަކަށް އެއްޔަކީ ކެތްކުރެވޭވަރުގެ ކަމަކަށް ނުވިއެވެ.
އެމްޑީޕީ ބަލިކަށިވެ ހަކަތަ ނެތިފައި އޮތްތަން ބައްލަވަން ތިއްބެވުމަކީ ހުދު ރައީސް ނަޝީދާއި ރައީސް ސޯލިހަށް ވެސް ކެއްކުރެއްވުނު ކަމެއް ނޫނެވެ. އެހެންކަމުން އެމްޑީޕީ އެކަތި ގަނޑަކަށް ހެއްދެވުމަށް އެންމެ ފުރަތަމަ އިސްނެންގެވީ ރައީސް ސޯލިހެވެ. އެމްޑީޕީގެ މުސްތަޝާރުގެ ހައިސިއްޔަތުން ރައީސް ނަޝީދަށާއި ދަ ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީއާ އަލުން ގުޅުމަށް ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމެއްގައި ރައީސް ސޯލިހު ދައުވަތު ދެއްވިއެވެ.
ރައީސް ސޯލިހު ހާމަކަން ބޮޑު ގޮތެއްގައި އެ ދެއްވި ދައުވަތުވެގެން ދިޔައީ އެނބުރި ވަޑައިގަތުމަށް މަސައްކަތްފެއްޓެވުމަށް ރައީސް ނަޝީދަށް ލިބި ވަޑައިގެން ހިއްވަރަކަށެވެ. އެ ހިސާބުން ރައީސް ނަޝީދު އެމްޑީޕީއަށް އެނބުރި ވަޑައިގަތުމަށް އިސްނަންގަވާ މަސައްކަތް ފެއްޓެވިއެވެ. އެކުގައި މަސައްކަތް ކުރެއްވޭނެ ޖާގަ ހެއްދެވުމަށް ދެފަރާތުގެ ވާހަކަތައް ބަދަލުކުރެވި ހިޔާލު އެއްގޮތް ކުރުމުގެ އަމަލީ މަސައްކަތް ކުރުމަށް ރައީސް ނަޝީދު އެކަށައެޅުއްވި ބޭފުޅަކު މެދުވެރިކޮށް މެސެޖާއި ވާހަކަތައް ބަދަލުކުރައްވަން ފެއްޓެވިއެވެ. ހަމަ އެއާއި އެކު ޑިމޮކްރެޓްސްގެ މެންބަރުން އަނބުރާ އެމްޑިޕީއާ ގުޅުވުމަށް ލޮބީ ކުރެވެން ފެއްޓުނެވެ.
ރައީސް ނަޝީދު އަލުން އެމްޑީޕީއާއި ގުޅިވަޑައި ގަތުމުގެކުރިން ރާއްޖޭން ބޭރުގައި ދެ ރައީސުން ބައްދަލުވެ ވަޑައިގެން ކަންކަން ތަރުތީބު ވެގެން ދިޔަ ގޮތުގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ. ކަންކަން ނިއުޅި ހާމަވަމުން ދިޔަދިޔަހެން ކާކު ކުރީ ކީއްކަން އެނގެމުންދާނެއެވެ. ބޮޑު މަންޒަރު ކުރެހެމުން ދިޔަގޮތެއް ކުރަހާ ނިމިފައި އޮންނަ އިރަކު ނުފެންނާނެއެވެ.
އޭރުގެ އެމްޑީޕީގެ ލީޑަރޝިޕާއި ޑިމޮކްރެޓްސާއާއި ދެމެދު އޮތް ހިޔާލު ތަފާތުވުންތައް ނައްތާލައްވަން ރައީސް ސޯލިހު ވިސްނުންތެރިކަމާއެކު ކުރެއްވި މަސްކަތުން އޭރުގެ ޗެއަރޕާސަން މެދުވެރިކުރައްވާ ރަސްމީކޮށް އެމްޑީޕީގެ ލީޑަރޝިޕްގެ ތެރޭގައި ފެއްޓެވިއެވެ. އެހިސާބަށް ދިޔުމަށްޓަކާ އޭގެކުރިން ރައީސް ނަޝީދުގެ އިސްނެންގެވުމުގެ މަތިން ރައީސް ސޯލިހު ޖާގަ ހައްދަވާ ދެއްވާ މަގު ފަހިކޮށް ދެއްވިއެވެ.
ފަރުދާގެ ފުރަގަހުގައި ރައީސް ނަޝީދު އެކުރެއްވި މަސައްކަތްޕުޅުން އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް އެއްކުރުމުގެ ގަރާރަކާ ހަމައަށް ހިޔާލު އެއްގޮތް ކުރެވިގެން ދިޔައީ ދެ ރައީސުންގެ ހިކުމަތު އަމަލީއާއި މަސައްކަތްޕުޅުންކަން ގިނަ ބަޔަކަށް ނޭނގި އޮވެދާނެއެވެ. މީމު ސައްޕެވެސް އެދައްކަވަނީ އެވާހަކައެވެ.




