ނަމާދު ކުރުން މަނާ ވަގުތުތައް އެނގޭތަ!

ހުރިހާ ވަގުތެއްގައިވެސް ތަހިއްޔަތުލް މަސްޖިދު ކުރެވޭނެ

ނަމާދު ކުރުން މަނާ ވަގުތުތައް އެނގޭތަ!

ސަބަބުވެރި ސުންނަތް ނަމާދުތައް ފިޔަވާ ވަކި ވަގުތުތަކެއްގައި ނަމާދު ކުރުން ނަހީ ކުރައްވަފައިވެއެވެ. ސަބަބުވެރި ސުންނަތް ނަމާދުގެ ގޮތުގައި ބެލެވޭ ބައެއް ސުންނަތް ނަމާދުގެ ގޮތުގައި އަންނަނިވި ނަމާދުތައް ހިމެނެއެވެ.

  • ކޭތަ ނަމާދު
  • ތޮވާފުކޮށްގެން ކުރާ ދެ ރަކުޢަތުގެ ނަމާދު
  • ތަހިއްޔަތުލް މަސްޖިދުގެ ދެރަކްއަތް

އިރުޝާދު ލިބި އިލްމުވެރިން އިއްތިފާގު ވަނީ ފަތިސް ނަމާދުގެ ފަހުން ނުވަތަ އަސުރު ނަމާދުގެ ފަހުން މިސްކިތަށް ވަދެއްޖެނަމަ ތަހިއްޔަތުލް މަސްޖިދުގެ ދެ ރަކުއަތް ކުރުމަށެވެ. މެންދުރު ނަމާދަށް ގޮވުމުގެ ކުރިން ވަދެވުނަސް ތަހިއްޔަތުލް މަސްޖިދުގެ ދެ ރަކުއަތް ކުރުމަށެވެ. ރޭގަނޑުވިޔަސް އަދި ދުވާލު ވިޔަސް ކޮންމެ އިރެއްގައިވެސް މިސްކިތަށް ވަދެވިއްޖެނަމަ ތަހިއްޔަތުލް މަސްޖިދުގެ ދެ ރަކުޢަތް ނުކޮށް ނުއިށީނުމަށެވެ.

ހުރިހާ ވަގުތެއްގައިވެސް ތަހިއްޔަތުލް މަސްޖިދު ކުރެވޭނެއެވެ. ސަބަބީ ނަމާދުތައް އެ ވަގުތުތަކުގައި ކުރުން ނަހީކުރައްވާފައި ނުވެއެވެ. 

ނަމާދުކުރުން ނަހީ ވަގުތުތައް:

  • ފަތިސްނަމާދުގެ ފަހުން އިރު ލޮންސިއެއްގެ މިންވަރަށް އަރައްޖައުމަށް ދާންދެން. ލޮންސިއަކަށް އެރުމޭ ބުނެވޭ ބަހުގެ މާނައަކީ ސަތަހައިން މައްޗަށް ލޮންސިއެއްގެ އުސްމިނަށް އިރު އެރުމެވެ. ވަގުތުން ބަލާނަމަ އިރުއަރާގަޑިން ފެށިގެން ގާތްގަނގަޑަކަށް 15 މިނެޓު ނުވަތަ 20 މިނެޓު ވަންދެނެވެ.
  • މެންދުރުނަމާދުގެ ވަގުތު ފެށުމުގެ އިރުކޮޅެއް ކުރިއެވެ. އެއީ އިރު މެދުން ފިލުމުގެ ގާތްގަނޑަކަށް 10 މިނެޓު ކުރިންނެވެ.
  • އަސުރު ނަމާދު ފަހުން ފެށިގެން އިރުއޮއްސެންދެނެވެ. 

ނަހީގެ ވަގުތުތައް ދެނެގަތުމުގައި ވިސްނާލުން މުހިންމު ކަންކަން:- 

  1. އިރު އަރާ ގަޑިން ފެށިގެން 12 މިނެޓު ފަހުން ލޮންސިއެއްގެ މިންވަރަށް އިރު އުފުލޭނެކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. މިކަމުގައި ރައްކާތެރި ގޮތަކީ 15 މިނެޓު ނުވަތަ 20 މިނެޓު މަޑުކޮށްލުމެވެ.
  2. ހުލާސާކޮށް ބަލާނަމަ ނަމާދުކުރުން ނަހީކުރެއްވީ 3 ވަގުތެކެވެ. އަދި ތަފްސީލުކޮށް ބަލައިފިނަމަ އެއީ 5 ވަގުތެކެވެ.
  • ހުލާސާކޮށް އެ 3 ވަގުތަކީ:
  1. ފަތިސްނަމާދު ފަހުން ފެށިގެން އިރު ލޮންސިއެއްގެ މިންވަރަށް އަރަންދެން
  2. މެންދުރު (އިރު މެދު ޖެހި) އެންމެ ހޫނު ގަދަވާ ވަގުތުން ފެށިގެން، އިރު މެދުން ފިލަންދެން
  3. އަސުރު ނަމާދު ފަހުން ފެށިގެން އިރު އޮއްސެންދެން
  • ތަފްސީލުކޮށް އެ 5 ވަގުތަކީ:
  1. ފަތިސްނަމާދު ފަހުން ފެށިގެން އިރުއަރަންދެން
  2. އިރު އަރާ ވަގުތުން ފެށިގެން ލޮންސިއެއްގެ މިންވަރަށް އިރު އަރަންދެން
  3. މެންދުރު (އިރު މެދު ޖެހި) އެންމެ ހޫނު ގަދަވާ ވަގުތުން ފެށިގެން، އިރު މެދުން ފިލަންދެން
  4. އަސުރު ނަމާދުން ފެށިގެން އިރު އޮއްސެންދެން
  5. އިރުއޮއްސެން ދާ ވަގުތުން ފެށިގެން އިރުއޮއްސުން ފުރިހަމަ ވަންދެން