ޔާމީނަށް: މަޅިއަކަށް މެހި ތިޔަ ކެނޑުނީ ދޮޅި
ނެތް ހައްގެއް އޮތްކަމަށް ހައްދަވަން ހުއްޖަތް ދެއްކެވި ދިފާއީ ވަކީލުންނަށް ސާބަސް
މިހާރު އެއޮތީ ނިހާއީ ހުކުމެކެވެ. ދެންވެސް އެހުކުމަށް ތަބާވެ ޕީޕީއެމް މެންބަރުންނަށް އެމީހުން ބޭނުންވާ އެހެން މީހަކު ރައީސުލްޖުމްހޫރިއްޔާކަމަށް ހޮވުމަށް ވޯޓުދޭން ފުރުސަތު ދޭށެވެ. ރައީސް ޔާމީނަށްޓަކާ އެތައް ހާސްބަޔަކު ވޯޓު ދިނުމުގެ ހައްގުން މަހުރޫމު ކުރުވަން ނޫޅުއްވާށެވެ. ރައީސްކަން ކުރައްވަން ޔާމީނު ބޭނުންފުޅުވެ ވަޑައިގެން ނަމަ ވެރިކަމުގައި ހުންނެވި އިރު ހިޔާނާތްތެރިވެ ވަޑައި ނުގަތީހެވެ. ރިޝްވަތެއް ނުނެންގެވީހެވެ. މަނީލޯންޑަރ ނުކުރެއްވީހެވެ. އެއްޔަކީ އެހެން މީހަކު ކޮށްގެން ރައީސް ޔަމީނުގެ މައްޗަށް ސާބިތުވީ ކަންކަމެއް ނޫނެވެ.
ރައްޔިތުންގެ ހައްގުތަކަށް ރައްކާތެރިވެ ގާނޫނު އަސާސީއާއި ގާނޫނުތަކަ އެއްގޮތަށް ވެރިކަން ކޮށްދެއްވަން ހުވާކުރައްވައިގެން ހުންނަވީ އޭރު ރައީސް ޔާމީނެވެ. ވެރިކަމުގައި ހުންނަވައިގެން އަމިއްލަފުޅު އެކައުންޓަށް ހިޔާނަތުގެ ފައިސާ ވަންނަން ދޫކޮށްލައްވައިގެން ހުންނެވީ ރައީސް ޔާމީނެވެ. ކޮރަޕްޝަނާ ރިޝްވަތާ ހިޔާނާތަށް ޖާގަ ދެއްވައިގެން ހުންނެވީވެސް ރައީސް ޔާމީނެވެ. އެކަންކަމަކީ އަދީބާއި ޒިޔަތުގެ ބޮލަށް ކަޑަލައިގެން ހަމަޖެއްސެން އޮތްކަމެއް ނޫންކަން މިހާރު އިހުސާސް ކުރެއްވޭނެއެވެ.
ޖުޑިޝަރީ ބޭނުންކޮށްގެން ރައީސް ޔާމީނުގެ ހައްގު ނިގުޅައިގެންފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވާކަށް ރައީސް ޔާމީނު ރީއްޗެއް ނޫނެވެ. ބަޔަކު ކިތަންމެ ބޭނުންވިޔަސް ރައީސް ޔާމީނު ނުކުރައްވާ ކަމެއް ޔާމީނުގެ މައްޗަށް ސާބިތު ނުކުރެވޭނެކަން ކުރައްވައިގެން އުޅުއްވާ ކުށްތައް ސާބިތުވުމަށް ހުރި ހުރަސް ތަކުން ކިތަންމެ ރަނގަޅަކަށް ވެސް އެނގެއެވެ.
އިންތިހާބެއްގައި ވާދަކުރުމުގެ ޝަރުތު ފުރިހަމަ ނުވާކަން ހޮދު ރައީސް ޔާމީނު ވެސް އަދި ދިފާއީ ވަކީލުން ވެސް މުތުލަގަށް ގަބޫލު ކުރައްވާނެއެވެ. ކަނޑައެޅިގެން ނެތް ހައްގެއް އޮތްކަމަށް ހައްދަވަން ހުއްޖަތް ގާއިމުކުރެއްވި ދިފާއީ ވަކީލުންނަށް ހަމަ ސާބަހެވެ. އެތަނުން އަކުރަކާ މިތަނުން ފޮޅުވަތަކާ ގުޅުވައިގެން ހުއްޖަތް ގައިމުކުރެއްވޭނީ އެހަކަށް ވަރަށެވެ.
ވަކި މުއްދަތެއްގައި ދައްކަން ކޯޓަކުން ހުކުމެއްކޮށް ދައްކަން އަންގާ ފައިސާއަކީ ސާބިތުވާ ދަރަންޏަކަށް ވަނީއެއް ނޫނެވެ. ދައުލަތުގެ ކަންކަމާ ހަވަލުކުރެވޭ ފަރަތްތަކަކީ ކުށެއް ނެތް ނަޒާހަތްތެރި މީހުނަށް ހެދުމަށް ގާނޫނު އަސާސީ ލާޒިމުކުރާ ރޫހަށް ތަބާވަނީއެއް ނޫނެވެ. ގާނޫނީ ދޫމަޅީގެ ތެރެއިން ދެމިގަނެވިދާނެ ކަމަށް ހީކޮށް ދެމިގަންނަން ތިޔަ އުޅެވުނީ ދޫމަޅިއަކުން ނޫނެވެ. މި ފަހަރު ދޫމަޅިއެއް ކަމަށް ހީކޮށް ދެމިގަންނަން އުޅެގަތް ގޮތުން މަޅިއަކަށްމެހި ތިޔަ ކެނޑުނީ ދޮޅިއެވެ.