ރައީސް ނަޝީދަށް ފިޔަވަޅު އެޅޭހާ ހިތްވަރު ނެތީތަ!
މެޖޯރިޓީ ފިކުރު ފިކުރުގެދިރުމާ އެއްގޮތް ނުވުމަކީ އުސޫލުތައް މުގުރާލަންޖެހޭ ކަމެއްނޫން
ކޮންމެ ބަޔަކު ވެސް މީހަކު ވެސް އުޅެންވާނީ ކޮންމެވެސް ގޮތަކަށެވެ. ކަނޑުފަޅާއި ޖަންގަލީގައި ވެސް ހަމަލަމަ އޮވެއެވެ. ވެރިކަމުގެ މަސްތުގައި ދިވެހި ބައެއް ސިޔާސީންގައި ހަމައެއް ލަމައެއް ނުހުރެއެވެ.
ރާއްޖޭގައި ސިޔާސީ ޕާޓީ އުފައްދައިގެން އުޅެނީ ގާނޫނު އަސާސީން ލިބިދޭ އަސާސީ ހައްގެއްގެ ދަށުންނެވެ. ސިޔާސީ ޕާޓީތައް ހަދާ ހިންގަން ޖެހޭ ގޮތުގެ ގާނޫނެއް ވެސް އޮވެއެވެ. އެ ގާނޫނު ބުނާ ގޮތެއްގެ މައްޗަށް އެކުލަވާލާފައި އޮންނަ އަސާސީ ގަވައިދެއް ކޮންމެ ޕާޓީއެއްގައި އޮވެއެވެ. ޕާޓީގެ އަސާސީ ގަވައިދުގެ ދަށުން ޕާޓީގެ ކަންކަން ހިންގުމަށް ގުނަވަންތަކާއި ގަވައިދުތަކާއި އުސޫލުތަކާއި ހަމަތައް ކަނޑައެޅިފައި އޮވެއެވެ.
ބަޔަކު ނުވަތަ މީހަކު ބޭނުން ވުމުން އުސޫލުތަކާއި ގައިވައިދުތަކާއި ހަމަތައް މުގުރާލާ ޕާޓީގެ ނަމުގައި ކަންކަމެއް ނުކުރެވޭނެއެވެ. ކޮށްގެން ނުވާނެއެވެ. ކުރިޔަ ދީގެން ވެސް ނުވާނެއެވެ. އަސާސީ ގަވައިދުގެ އެއް ބަޔަށް ތަބާވެ އަނެއްބައި ދޫކޮށްލާ ހިތުހުރި ގޮތަކަށް ކަންތައް ކުރަން އެކަކަށްވެސް ފުރުސަތު ދީގެން ނުވާނެއވެ.
އެމްޑީޕީގެ ރައީސަކީ ގ. ކެނެރީގެ މުހައްމަދު ނަޝީދެވެ. އެމްޑީޕީގެ ރައީސް ކަމުގައި މުހައްމަދު ނަޝީދު ހުރިހާ ހިނދަކު އެމްޑީޕީގެ އަސާސީ ގަވައިދު ނަގަހައްޓާ ދެމެހެއްޓުމަކީ އޭނާގެ މަސްއޫލިއްޔަތެކެވެ. ވާޖިބެކެވެ. ކިތަންމެ ނުރުހުނަސް ގުނަވަންތަކުގެ ނިންމުންތަކަށް އިހުތިރާމްކޮށް އެ ނިންމުންތައް ތަންފީޒު ކުރުމަށް އިސްވެ ހުންނަން ޖެހެނީ ނަޝީދެވެ. ނަޝީދަކީ އެމްޑީޕީގެ ރައީސް ކަމަށް ގަބޫލުކުރަންޏާ ޕާޓީގެ އަސާސީ ގަވައިދާއި ޕާޓީގެ އެހެނިހެން ނިންމުންތައް ވެސް ނަޝީދު ގަބޫލު ކުރަންޖެހެއެވެ.
އެމްޑީޕީ ގެ ނިންމުންތައް ބޮލާލާ ޖަހާ ހިތުހުރި ގޮތަކަށް ރައީސް ނަޝީދު އުޅެން ވާނީ އެ ޕާޓީގެ ރައީސް ކަމުން އިސްތިއުފާ ދީފައެވެ. ޕާޓީގެ ރައީސްގެ ގޮތުގައި ހުރިހާ ދުވަހަކު މެޖޯރިޓީގެ ނިންމުމަށް އިހުތިރާމް ކުރަންޖެހެއެވެ.
ތެދެކެވެ. އެމްޑީޕީގައި ގޮފި އުފެއްދުމުގެ ގަވައިދާ އެއްގޮތަށް ގޮފި އުފެއްދޭނެއެވެ. މެޖޯރިޓީ ފިކުރު ފިކުރުގެ ދިރުމާ އެއްގޮތް ނުވުމަކީ ޕާޓީގެ އުސޫލުތައް މުގުރާލާ ރައީސް މީހާ ވާދަވެރިންގެ ބަޑުދަށަށް ވެއްޓި ގަންނަން ޖެހޭ ކަމެއްނޫނެވެ. ނަޝީދާއި ނަޝީދުގެ ބައިވެރިން އެމްޑީޕީގައި ތިބެ އެމްޑީޕީއާ އިދިކޮޅު ހަރާކަތް ވާދަވެރިންނާ ގުޅިގެން ހިންގާ ހިންގުމަކީ ގާނޫނީ ކުށެކެވެ.
ނަޝީދު ޕާޓީގެ ރައީސް ކަމުގައި ހުރެގެން ޕާޓީއާއި ދެކޮޅަށް ބޮޑެތި ޖަރީމާތައް ހިންގާއިރު އެމްޑީޕީ އޮތީ ވާގި ނެތިފައި ހެއްޔެވެ. 2023 އެމްޑީޕީއަށް ވެރިކަން ހޯދާދޭން ރިޔާސީކެންޑިޑޭޓަށް އިހުލާސްތެރި މަސައްކަތް ކޮށްދޭ މީހުން މާޔޫސްވެ އިދިކީލި ވަންދެން އެމްޑީޕީ ހަނު އޮންނަނީ ކީއްވެ ހެއްޔެވެ. އެމްޑީޕީއަށް 2023 ލިބުނަސް ނުލިބުނަސް އަސާސީ ގަވައިދާއި ގުނަން ތަކުގެ ބާރު ކަނޑުވާލާ ތަން ބަލަން ފިޔަވަޅު ނާޅާ އޮންނަ އޮތުމުގައި އެއްވެސް ރަނގަޅެއް ނެތެވެ. ނަޝީދާ ދެކޮޅަށް އެމްޑީޕީން ފިޔަވަޅު އަޅައިގެން ލިބޭ ގެއްލުމަށް ވުރެ ނާޅައިގެން ލިބޭ ގެއްލުން ޒަމާން ތަކަށް ދާންދެން އެމްޑީޕީއަށާއީ މެންބަރުންނަށް މާ ބޮޑުވާނެއެވެ.