މުއިއްޒު އަތަށްގޮވީ - ބީއެމްއެލް ބަގާވާތެއް ނުކުރޭ!

އިއްޔެ މުއިއްޒު ފެއްޓުވީ ނިމުމުގެ ފެށުން ނޫން ދެވަނަ ކަމެއްނޫން

މުއިއްޒު އަތަށްގޮވީ - ބީއެމްއެލް ބަގާވާތެއް ނުކުރޭ!
  • އުނބަށްޖެހުން ހަލާލުކުރަން ކުލީ ގަލަންތައް
  • ބޭނުން ވާއިރަށް ހިތިބޭހެއް ނުބޮއްވޭނެ
  • ޑޮލަރުގެ ހާލަތު ގޯހުން ގޯހަށް

ބީއެމްއެލްގެ ރުފިޔާ ކާޑުން ޑޮލަރުގެ މުއާމަލާތު ކުރުން އިއްޔެ ހުއްޓާލިއެވެ. ބޭންކް އޮފް މޯލްޑިވްސް ލައްވާ މުއިއްޒު އެޅުވި އެ ފިޔަވަޅު ދިފާއުކޮށް ސަރުކާރުގެ ކުލީ ގަލަންތަކުން ޒާތްޒާތުގެ ވާހަކަ ދެއްކިއެވެ. ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ބުނެ އެކަން ދިފާއު ކުރިއެވެ. ބޭންކް އޮފް މޯލްޑިވްސްގެ މައި ހިއްސާދާރު ކަމުގައިވާ ސަރުކާރުން އެކަން ކުރުވާނީ ކުރަން މަޖުބޫރު ވެގެން އެހެން ގޮތެއް ނެތުމުން ކަމަށް ބުނެދީ ވިސްނާދޭން މަސައްކަތް ކުރިއެވެ. ދަތި ވަގުތުގައި އުދަގޫ ތަހައްމަލު ކުރަން ރައްޔިތުން ގުރުބާނީ ތަކެއް ވާންޖެހޭނެ ކަމަށް ބުނެދެމުން ދިޔައެވެ. 

ސަރުކާރުން ބޭނުންވެގެން ބޭންކް އޮފް މޯލްޑިވްސް ލައްވާ ރުފިޔާ ކާޑުން ޑޮލަރުގެ މުއާމަލާތު ކުރުން ހުއްޓުވާލުމުން ސަރުކާރުން ހީކުރިހެނެއް ނުވިއެވެ. ހިތިބޭސް ބޯކަށް ރައްޔިތުން ބޭނުމެއް ނުވިއެވެ. އެ ހިސާބުން މީހުންގަނޑު ކެކިގަތީ ތިޔަހެންނަކުން ނޫނެވެ. މުޅި މީސް މީޑިއާ ފްލަޑް ވެގެން ދިޔައީ ދެކޮޅުވެރި ޝުއޫރު ތަކުންނެވެ. ދެންމެ ދެންމެ މަގުމައްޗަށް ރައްޔިތުން ނިކުމެ ސަރުކާރު ވައްޓާލަފާނެ ކަމަށް ގަތް ބިރުން ޖެހުނީ ކުރިންވެސް އޮތް ގޮތަށް އެކަން އިޔާދަކުރާށެވެ. 

މުޅި ދުވަހުގެ ދިގު ކެބިނެޓް މީޓިންގއަކަށް ފަހު ނޫސްވެރިންނަށް ވަޒީރުން މައުލޫމާތު ދިންއިރު ރުފިޔާ ކާޑުން ޑޮލަރުގެ މުއާމަލާތު ކުރުން ހުއްޓާލި ހުއްޓާލުން އޮތީ ނިމުމަކަށް ގެނެސްފައެވެ. އެކަމާއި ގުޅިގެން ވަޒީރުން ދެއްކި ވާހަކަ ފުރަތަމަ ހުރީ ރައްޔިތުންނަށްޓަކާ ސަރުކާރުން ހިތިބޭސް ބުއިމުގެ ރާގުގައެވެ. އެ ގޮތަށް ތިއްބާ އައި ކުއްލި މެސެޖަކުން މުޅިވާހަކަ އަނބުރާލީއެވެ. 

ރުފިޔާ ކާޑުން ޑޮލަރުގެ މުއާމަލާތު ކުރުމާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް އިން އަމަލުކުރީ ރައީސް މުއިއްޒު ވިދާޅުވި ގޮތަށް ނޫންކަމަށް ބުނެ ބީއެމްއެލް ހޫނު ފެނަށް ވައްޓާލިއެވެ. ބީއެމްއެލްއަކީ އެއްވެސް ޒިންމާދާރުކަމެއް ނެތް ތަނެއް ކަމަށް ރައީސް ސިފަކުރިއެވެ. ބީއެމްއެލްގެ މައްޗަށް ރައްޔިތުންގެ ތެރޭގައި އޮތް އިތުބާރު ގެއްލުވާލިއެވެ. ބީއެމްއެލްގެ ރުފިޔާ ކާޑުން ޑޮލަރުގެ މުއާމަލާތު ކުރުން ހުއްޓުވާލައިގެން އިއްޔެ ކުރަން އުޅުނީ ބަގާވާތެއް ކަމަށް ސަރުކާރުން ހެދިއެވެ. 

ރައީސް މުއިއްޒު ބޭނުން ވެގެން ކުރާކަމެއް ނޫނީ އެއްވެސް މުއައްސަސާއެއްގައި ނުކުރެވޭ ވަރަށް މުއިއްޒު އޮތީ އަތްގަދަ ކޮށްފައެވެ. އެހެން ކަމުން ރުފިޔާ ކާޑުން ޑޮލަރުގެ މުއާމަލާތު ކުރުން ހުއްޓާލަން އުޅުނީ މުއިއްޒަށް ނޭނގިއެއް ނޫނެވެ. ކުރިއާލާ އެކަން އޮތީ ވަރަށް ގިނަ ބަޔަކަށް އެނގިފައެވެ. ބީއެމްއެލުން އެކަން ކުރީ ސަރުކާރަށް ސިއްރަކުން ނޫނެވެ. ސަރުކާރުގެ ކުލީ ގަލަން ތަކުން އެކަން ހަލާލު ކޮށްގެން ކުރިން ވާހަކަ ދެއްކީ އެހެންވެގެންނެވެ. 

ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގައި ތިބެނީ 09 މެންބަރުންނެވެ. އޭގެތެރެއިން 03 މީހުންނަކީ އާއްމު ހިއްސާދާރުން ހޮވާފައި ތިބޭ ބައެކެވެ. އަނެއް 06 މީހުންނަކީ ސަރުކާރުން އައްޔަނު ކޮށްފައި ތިބޭ ބައެކެވެ. ކުރީ ސަރުކާރުން އައްޔަނު ކޮށްފައި ތިބި މީހުންގެ ތެރެއިން އެންމެ މީހަކު ނޫން އެންމެންނަކީ މުއިއްޒު ސަރުކާރުން އައްޔަނު ކޮށްފައި ތިބި މީހުންނެވެ. ކުރީ ސަރުކާރުން ބޯޑަށް އައްޔަނު ކުރި މީހުންގެ ތެރެއިން ހުސްވި ހަފްތާގެ ނިޔަލަށް ކަނޑާނުލާ ތިބީ ދެމީހުންނެވެ. ރުފިޔާ ކާޑުން ޑޮލަރުގެ މުއާމަލާތު ހުއްޓާލިއިރު އެ ދެ މީހުންގެ ތެރެއިން އާއިޝަތު ނޫރުއްދީން ވެސް ވަނީ ކަނޑާލާފައެވެ. 

ކަން އެހެން ހުރުމުން ބީއެމްއެލްގެ ސީއީއޯ އާއި މުޅި ބޯޑަކީވެސް ރައީސް މުއިއްޒުގެ ފުރިހަމަ ކޮންޓްރޯލްގައި އޮތްތަނެކެވެ. އެހެން ކަމުން އެނގި ކަށަވަރުވާ ކަމަކީ ރުފިޔާ ކާޑުން ޑޮލަރުގެ މުއާމަލާތު ހުއްޓާލީ މުއިއްޒަށް އެނގިގެން ބޭނުން ވެގެންކަމެވެ. ހީކުރިކަހަލަ ފިނި ގޮތަކަށް އެކަން ނުދާނެކަން ޔަގީން ވުމުން ގަތް ބިރުން އޮތް ގޮތަށް އިޔާދަކުރީއެވެ. ހުރި މައްސަލަތައް ހުރިގޮތަށް ހުއްޓައެވެ. އަމިއްލައަށް ފޭހުނު އިލޮށި އަމިއްލަ ލޮލަށް ހެރޭތަން ފެނުނީމާ ބީއެމްލުން ބަގާވާތް ކުރިކަމަށް ހަދައިގެން ކުލީ ގަލަންތައް ލައްވާ ފާޑުފާޑަށް ޗަރުކޭސް ކުޅުވިޔަސް އިއްޔެ މުއިއްޒު ފެއްޓުވީ ނިމުމުގެ ފެށުން ނޫން ދެވަނަ ކަމެއްނޫނެވެ.