ސަރުކާރުން ކެންސަރަށް ފަރުވާދެނީ މެޑަމް ވިދާޅުވި ހެނެއްނޫން

އެކި ބަލިބަލީގެ ޑޮކްޓަރުން ގުޅިގެން ކެންސަރަށް ފަރުވާކުރާކަން އާސަންދައަކަށް ނޭނގޭ!

ސަރުކާރުން ކެންސަރަށް ފަރުވާދެނީ މެޑަމް ވިދާޅުވި ހެނެއްނޫން

އެކި ބަލިބައްޔަށް ހާއްސަ ޑޮކްޓަރުން އެކުގައި މަސައްކަތްކޮށްގެން ކެންސަރަށް ފަރުވާދިނުމުގެ ތެރެއިން، ކެންސަރު ބަލި ތަހައްމަލުކުރާ މީހުންނަށް ބޭނުންވާ ހުރިހާ ފަރުވާއެއް އެކުގައި ލިބޭނޭ މަގުފަހި ކުރެވިފައި ވާކަމަށް ބްރެސްޓް ކެންސަރ އެވެއަރނަސް ސިމްޕޯސިއަމް-6 ހުޅުވާދެމުން މެޑަމް ސާޖިދާ ވިދާޅުވިޔަސް ރާއްޖޭގައި އެހެނެއް އެކަމެއް ނުވެއެވެ. އަމްދުން އެއީ އާސަންދަ ދަންނަކަމެއް ނޫނެވެ. 

ކެންސަރަށް ފަރުވާދިނުމުގައި، ނަފުސާނީ ބަލިބައްޔާ ބެހޭ ފަންނީ މީހުންނާ،އި ޑައެޓީޝަނުންނާއި ފިޒިއޮތެރަޕިސްޓުންނާއި ޕެލިއެޓިވް ކެއަރ ޓީމުތަކުންނާއި ސާޖަނުންނާއި އޮންކޮލޮޖިސްޓުންނާއެކު ދޭ ފަރުވާއިން އެދެވޭ ނަތީޖާ ލިބި ބަލިމީހުން ތަހައްމަލުކުރަން ޖެހޭ ވޭން ކުޑަކޮށްދޭ ކަމީ ހަގީގަތެކެވެ. އެހެން ނަމަވެސް ރާއްޖޭގައި ސަރުކާރުން އެކަން ހިންގަނީ އެހެނެއް ނޫނެވެ. 

ކެންސަރުގެ ފަރުވާއަށް އާސަންދަ ލިބިގެން ބޭރަށް ގޮސް ބޭސް ކުރާ އެތައް ބަލި މީހުނަށް ކެންސަރަށް ފަރުވާ ދިނުމުގައި މެޑަމް ސާޖިދާ އެ ވިދާޅުވާ އުސޫލެއް އާސަންދައަކުން ނުގެންގުޅެއެވެ. ކެންސަރު ފަރުވާއާއި ގުޅިގެން ޑައިޓްރިޝަނުންނާއި އެންޑްރޯކްރޮނޮލޮޖިސްޓުން ފަދަ ޑޮކްޓަރުންދޭ ޓެސްޓްތަކާއި ބޭސް އާސަންދައިން ކަވަރެއް ނުކުރެއެވެ. އާދަޔާ ހިލާފަށް ބުރަދަން އިތުރުވާ ކެންސަރުގެ ބަލިމީހުންގެ ބުރަދަން ލުއިކުރުމަށް ޖަހާ މޮންޖާރޯ ފަދަ އިންޖެކްޝަން އާސަންދައިން ކަވަރެއް ނުކުރެއެވެ. 

"ކޮންމެ ބަލިމީހެއްގެ ދަތުރު ތަފާތު- ކޮންމެ ބަލިމީހެއްގެ ދަތުރު މުހިންމު" ކަމަށް ބުނަނީ އަނގައިންނެވެ. ޕޯޑިއަމްތަކުގައެވެ. އަމަލަކުން އެހެނެއް އެކަމެއް ނުވެއެވެ. ކޮންމެ ބަލިމީހެއްގެ ދަތުރު ތަފާތުވެފައި ކޮންމެ ބަލިމީހެއްގެ ދަތުރު މުހިންމު ނަމަ ފަސޭހަ ރަހުމަތެއްގައި އެޕޮއިންޓްމަންޓް ނުލިބޭ ރާއްޖޭގައި ތިބޭ ކެންސަރަށް ފަރުވާދޭ އެންމެ ދެތިން ޑޮކްޓަރުންނަށް ބަރޯސާވެ ރާއްޖޭން ކެންސަރަށް ފަރުވާކުރެވޭ ކަމަށް ބުނެ ފަރުވާކުރުން ދަންމާލާފައި ނުއޮތީހެވެ. ތިބި މަދު ޑޮކްޓަރުން ތަޖުރިބާ ހޯދަން ބޭނުންކުރާ ލެބޯޓްރީ މީދާތަކަކަށް ހަދާފައި ކެންސަރުގެ ބަލިމީހުންތައް އެކަށީގެންވާ ފަރުވާ ހޯދަން އާސަންދައިގެ ދަށުން ބޭރަށް ނުފޮނުވާ ނުބޭތިއްބީހެވެ. 

ނަމެއްގައި ރާއްޖޭން ކެންސަރަށް ފަރުވާ ކުރެވުނެއް ކަމަކު ހާލު ބޮޑުވެ އަތްނުފޯރައިގެން ބޭރަށް ފޮނުވަން ޖެހޭލެއް ވަކި މަދީއެއް ނޫނެވެ. ވެއިޓް ލިސްޓްގައި މަސް ދެމަސް ވަންދެން ތިބެން ނުޖެހި ގިނަވެގެން ދެ ދުވަހެއްގެ ތެރޭގައި ބަލިމީހާ ދެއްކޭވަރަށް އެކަށީގެންވާ ތަޖުރިބާކާރު މޮޅެތި ޑޮކްޓަރުންނާއި ބޭނުންވާ އާލާތާއި ބޭސް މެދު ނުކެނޑި ލިބޭވަރުކޮށްފައި ރާއްޖޭންކުރެވެޔޭ ބުނެ ބޭރަށް ނުފޮނުވާ ފަރުވާ ދީބަލާށެވެ. 

ކުލަކުލައިގެ ރަސްމިއްޔާތު ބާއްވައިގެން ވަރުގެކޮޅަށް ހެދިގެން ޕޯޑިއަމްތަކުގައި އަތްގުޅި ނުކާވަރު ވާހަކަދެއްކިޔަކަސް ކަމަކު ނުދާނެއެވެ. މެޑަމް ސާޖިދާ އެ ވިދާޅުވާ ޝާމިލު ފަރުވާ ކެންސަރު ބަލީގެ ބަލި މީހުންނަށް ދެވެނީ ދާއިރާގައި މަސައްކަތްކުރާ ޕްރޮފެޝަނަލުންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް ކަމުގެ މުހިންމު ކަމާއި ހައްސާސްކަން ވަޒަންކުރެވިގެންނެވެ. މަވެތިކަން ބޮޑު އެއްވެސް ބަޔަކަށް ކޮންމެ ބަލިމީހެއްގެ ދަތުރު ތަފާތުވެފައި ކޮންމެ ބަލިމީހެއްގެ ދަތުރު މުހިންމުކަން ގަބޫލެއް ނުކުރެވޭނެއެވެ.