މުއިއްޒުގެ ޕާކިސްތާނު ދަތުރު | އިންޑިއާ ގެ އިސްތިރާޖީ ކަންބޮޑުވުމެއް
އެއްބަސްވުންތަކުގެ ދިގުމުއްދަތުގެ އަސަރުތައް އަދި އޮތީ ސާފުނުވެ
ރައީސް މުޢިއްޒުގެ ސަރުކާރުން ގެންގުޅެނީ "މޯލްޑިވްސް ފަސްޓް" ނުވަތަ "ދިވެހިރާއްޖެ އިސްކުރުމުގެ" ސިޔާސަތެއްކަމަށް ބުނެއެވެ. އެހެން ކަމަށްވާނަމަ މިއީ ވަކި ގައުމަކަށް ބަރޯސާވުމުގެ ބަދަލުގައި، ބައިނަލްއަގުވާމީ ގިނަ ބައިވެރިންނާއެކު ގުޅުން ބަދަހިކުރުމަށް އިސްކަންދޭ ސިޔާސަތެކެވެ. "މޯލްޑިވްސް ފަސްޓް" ސިޔާސަތުގެ ދަށުން ވިސްނާނުލާ އަޅާ ފިޔަވަޅަކުން މުޅި ސަރަހައްދު ހަނގުރާމައިގެ މައިދާނަކަށް ވުމަކީވެސް ދުރުކަމެއް ނޫނެވެ.
ކަޝްމީރު މައްސަލައާއި އިންޑަސް ވޯޓަރސް ޓްރީޓީ މައްސަލައަކީ އެޅޭ ކަތިފިޔަވަލަކުން މުޅި ސަރަހައްދު ހަނގުރާމައިގެ ވިލާގަޑެއްގެ ދަށުވެދާ ފަދަ ހައްސާސް ދެ މައްސަލައެވެ. ދެ މައްސަލަވެސް ގުޅިފައިވަނީ ޕާކިސްތާނާއި އިންޑިއާ ދެގައުމާއެވެ. ސާކް ހުއްޓި ހަރާކާތް ހުސްވެފައި އޮންނަނީވެސް ހައްސާސް އެ ދެމައްސަލައިގެ މޯހިރުގައެވެ.
އަނެއްކޮޅުން އިންޑިއާ ކަނޑުގެ ސަރަހައްދުގައި ޖިއޮޕޮލިޓިކަލް ވާދަވެރިކަން ދަނީ އިތުރުވަމުންނެވެ. ޗައިނާއިން ވަނީ ސްރީ ލަންކާއާއި ރާއްޖޭގައި ބޮޑެތި އިންފްރާސްޓްރަކްޗަރ މަޝްރޫޢުތައް ހިންގައި، އޭގެ ނުފޫޒު ފުޅާކޮށްފައެވެ. މިއީ ނިއުދިއްލީން ކަންބޮޑުވާ ކަމެކެވެ. އެހެން އެކަން އޮއްވާ ރާއްޖޭން ޕާކިސްތާނާއެކު ދިފާއީ އަދި ކަނޑުގެ ސަލާމަތާ ގުޅޭ އެއްބަސްވުންތަކެއްގައި ސޮއިކުރުމަކީ އިންޑިއާގެ ކަންބޮޑުވުން އިތުރުވެގެން ދާނެކަމެކެވެ.
ހާއްސަކޮށް ރައީސް މުއިއްޒު ވެރިކަމަށް އައީ އިންޑިއާ އައުޓް ކެންޕޭނެއްގެ ތެރެއިން ކަމަށްވެފައި ވެރިކަމުގެ ފުރަތަމަ ދެއަހަރު ރާއްޖޭގެ ސަރުކާރުން އަމަލުކުރި މުޑުދާރު ގޮތްތަކުން އިންޑިއާ އާއި ރާއްޖޭގެ ގުޅުމަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރުކޮށް އިތުބާރު ގެއްލި ނުތަނަވަސްކަން ވަނީ އިތުރުވެފައެވެ. ލިބުނު ގެއްލުން ފޫބެއްދުމަށް ގިނަގުނަ މަސައްކަތްތަކެއްކޮށް އިންޑިއާ-ރާއްޖެ ގުޅުން ބޮޑުތަނުން ރަނގަޅުވެފައިވަނިކޮށް ރާއްޖޭން ޕާކިސްތާނާއެކު ދިފާއީ އަދި ކަނޑުގެ ސަލާމަތާ ގުޅޭ އެއްބަސްވުންތަކެއްގައި ސޮއިކުރުމަކީ ރައްކާތެރި ކަމެއްނޫނެވެ.
ޕާކިސްތާނާއި ރާއްޖެއާ ދެމެދު ސޮއިކުރެވުނު އެއްބަސްވުންތަކުން ދެ ގައުމުގެ ގުޅުން ފުޅާވެގެން ދިޔަ ނަމަވެސް، މިއީ ރާއްޖޭގައި ޕާކިސްތާނުގެ އަސްކަރީ މަރުކަޒެއް ގާއިމުކުރުން ކަމަކަށް ނުބެލެވެއެވެ. އެހެނަސް އެއްބަސްވުންތަކުގެ ދިގުމުއްދަތުގެ އަސަރުތައް އަދި އޮތީ ސާފުނުވެއެވެ.
ރާއްޖެއާއި ޕާކިސްތާގެ އެއްބަސްވުންތަކުގެ ސަބަބުން ދެމެހެއްޓެނިވި އަސްކަރީ އެއްބާރުލުމެއް އުފެދިގެންދާނެތޯ ނުވަތަ ނޫންތޯ ކަނޑައެޅިގެންދާނީ ކުރިއަށް އޮތް ތަނުގައެވެ. ރައީސް މުއިއްޒުގެ ޕާކިސްތާނު ދަތުރުފުޅަކީ އިންޑިއާ ކަނޑުގެ ސަރަހައްދީ ބާރުތަކުގެ މެދުގައި އޮތް ހަމަހަމަކަމަށް ދިގުމުއްދަތުގެ ނުރަނގަޅު އަސަރުތަކެއް ކުރާނެ ކަމެއްގެ ގޮތުގައި ބެލެވެއެވެ. އެހެން އެކަން އޮތް އިރު އިންޑިއާއަށް އޮތް އެންމެ ބޮޑު އިސްތިރާޖީ ކަންބޮޑުވުމަކީ، އެ ގައުމުގެ ސަލާމަތަށް މުހިންމު ކަމަށް ބެލެވޭ ކަނޑުގެ ސަރަހައްދެއްގައި ޕާކިސްތާނުގެ ނުފޫޒު ފުޅާވެގެންދާ ދިއުމެވެ.




