ބަޖެޓުން ޕާޓީތަކަށްދޭ ފައިސާއިން 18 މިލިއަންވެސް ފޭރިގަތީ!؟

މުއުޖިޒާތެއްހެން ޕީ-ކޯލިޝަނުގައި 64000 މެންބަރުން

ބަޖެޓުން ޕާޓީތަކަށްދޭ ފައިސާއިން 18 މިލިއަންވެސް ފޭރިގަތީ!؟

މަކަރާ ހީލަތުން ދައުލަތުގެ ބަޖެޓުން 18 މިލިއަން ރުފިޔާ ވެސް މުއިއްޒު ފޭރިގަތީ ހެއްޔެވެ. ވެރިކަމަށް އައި އިރު ތިންހާސް ހަމަނުވާ ޕީއެންސީއަށް 8 މިލިޔަން ސަރުކާރު ބަޖެޓުން ދަމައިގަތީ ރޯމާ ދުވަލު އެންމެންގެ ލޯމަތީގައެވެ. ރައީސް ޔާމީނުގެ ޕީޕީއެމް ފޭރިގަނެގެން އެޕާޓީއަށް ލިބުނު 10 މިލިޔަންވެސް ކަޅާކޮށްލީއެވެ. 

މުއުޖިޒާތެއް ފަދައިން އަހަރު ނިމުނު ޕްރޮގްރަސިވް ކޯލިޝަނުގައި 64000 މެންބަރުން ހަމަކޮށްލައިފިއެވެ. މެންބަރުން ވަގަށް ނެގީ ކޮންތާކުން ކިހިނެއް ކަމެއް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ މުއިއްޒުގެ ވެރިކަމާ ރުހިގެން އެވެރިކަން ނަގަހައްޓަން ބޭނުންވާ މަދުބަޔަކު ނޫނީ ރާއްޖޭގައި ނެތްކަމެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްޓަކައި ވެރިކަން ކުރާ ޕާޓީގެ ޓިކެޓަށް ދަހި ލަވައިގެން ދާއިރާތަކުން މެންބަރުން ތަކެއް ވަގަށް ވައްދައިގެން ޓިކެޓާ ހިފާތަން އެބަ ފެނޭ ނޫން ހެއްޔެވެ. މެންބަރުން ކޯނި ކޯންޏަށް ކެކިއަރަނީ އެހެން ވެގެން ނޫން ހެއްޔެވެ.

އަނެއްކާ ރައްޔިތުންގެ މަޖިލިސް އިންތިހާބާ ދިމާކޮށް ބަޖެޓުން ފައިސާތައް މުއިއްޒު އުނގަށް އޮއްސާމިލީ އެއްވެސް ބެލުމެއް ކަމެއް ނެތިއެވެ. މީގެ ކުރީން ބަޖެޓުން ޕާޓީތަކަށް ލިބެންޖެހޭ ފައިސާ ޕާޓީތަކަށް ލިބެނީ މަރަށް ފުރާނައަށް ޕާޓީތަކުން އެތައް މަސައްކަތް ކޮށްގެންނެވެ. އަހަރު ނިމޭއިރުވެސް ފައިސާކޮޅު ދެވޭ ކަމަކަށް އިލެކްޝަނަކުން ނުހަދައެވެ. އެކަމަކު މިފަހަރު ނިކަން ބަލައިބަލާށެވެ. ފައިސާ ދޫކުރަން އިލެކްޝަން ކިހާ ފަރިތަ ހެއްޔެވެ.

ޕީއެންސީއަށް 28000 މެންބަރުން ކުއްލިއަކަށް އިތުރުވެގެން ދިޔަ ގޮތެއް ބަލާލުމެއް ނެތި އިލެކްޝަނުން ބޭނުންވީ މުއިއްޒު ބޭނުންވާ ގޮތަށް އަންނަ ރައްޔިތުންގެ މަޖިލިސް މުއިއްޒަށް ހޯދާ ދިނުމަށެވެ. އެކަމުގެ ސާފު ހެކި ފެނިގެން މިދިޔައީ ދައުލަތުގެ ބަޖެޓުން 18 މިލިޔަން ރުފިޔާ އެއްވެސް ބެލުމެއް ނެތި މުއިއްޒަށް ދޫކޮށް ދިނީމައެވެ.

މަޖިލިސް އިންތިހާބު މުއިއްޒަށް ހޯދާ ދިނުމަށް އިލެކްޝަނުން ފައިސާ ހޯދާދީފިއެވެ. މުއިއްޒު ބޭނުންވާ ދުވަހަށް އިންތިހާބު ބާއްވާ ދިނުމަށް ނިންމައިފިއެވެ. ބަރަކާތްތެރި ރޯދަމަހު އިންތިހާބު ނުބާއްވާ ވާނެ އެއްގޮތެއްވެސް އިލެކްޝަނަށް ފެނުނު ކަމަކަށް ނުވެއެވެ. ވާދަވެރިންނަށް ކެންޕޭނު ނުކުރެވުނަސް ވޯޓަރސް ޓާރން އައުޓް ކިތަންމެ ދަށްވިޔަސް ފަރުވާލެއް ނެތްތާއެވެ. ގާނޫނުގެ ބޮލުގައި ރޯދަ އިންތިހާބު އަޅުވާފައި މުއިއްޒު ފައިސާ އަޅާދޭ ކުދިންކޮޅު ނެރެގެން ވޯޓު ލައްވާ ގޮނޑިތައް މުއިއްޒު ކިހިލި ޖަހާލެވޭނެ ގޮތް ހަދާދެވެނިކޮން އީސީއަށް ނިމުނީތާއެވެ.

ވޯޓުފޮށިތައް ބަލަހައްޓަން ސަމަންތަރު ހެޔޮ ޕީއެންސީ ކުދިން ހޯދާ ތަމްރީނުކޮށްފައި ބޭތިއްބުމުގެ މަސައްކަތް ބާރަށް ކުރިޔަށް އެބަގެންދެވޭ ނޫން ހެއްޔެވެ. ޕީޕީއެމް- ޕީއެންސީގެ ދަފުތަރުގައި ނަން ނެތެނިކޮށް ނިމުނީތާއެވެ. ނަން އޮތަސް އެކްޓިވްކޮށް އުޅޭކަމަށް ނުހެދީމާ ނިމުނީއެވެ. ކަން ހިނގަނީ މިނޫން އެހެން ގޮތަކަށް ނޫނެވެ. ގަނޫނީ ހަމައެއް އަޅުވާލައިގެން އިލެކްޝަނުން ކަން ހަލާލު ކުރާނެއެވެ. 

ޕާޓީ ތަކުގެ ގާނޫނީ ބެލެނިވެރިޔާ މުއިއްޒާ ޖެހުމުން އޮންނަނީ ނިދާފައެވެ. ޕީއެންސީގެ ޕްރައިމަރީގެ ކަންކަން ދަނީ ދާނެ ގޮތަކަށެވެ. ޕަޓީ ޓިކެޓް ދިނުމުގައިވެސް ހަމަލަމައެއް މުއިއްޒުގެ ނެތެވެ. ކޮއްކޮއަށް ފްރީޓިކެޓެވެ. ދެބެންގެ ދެދަރި ބޭބެއަށް ފްރީޓިކެޓެވެ. އަދުރޭއަށް ބިލާދަރު މައިޓިކެޓެވެ. ފައިސާވެރިންނަށް ދާއިރާ ޓިކެޓްތައް ދައްކައިގެން ފައިސާ ނަގަފައި ޕްރައިމަރީގައި ވާދަކުރަން ހުށަހެޅި އެތައް ބަޔަކަށް ޕްރައިމަރީގައި ބައިވެރިއެއް ނުވޭ ގޮތަށް ނިންމީއެވެ. ވަކި ބަޔަކަށް ޕްރައިމަރީން ކެންޑިޑެންސީ ނުދީފާ އެމީހުންގެ ނަމުގައި ބަޖެޓުން ފައިސާ ނަގަން މުއުއްޒަށް އޯކޭވިއެވެ. އެންމެ ފަހުން ކަންކަން ގޯހުން ގޯހަށް ގޮސް ޕްރައިމަރީން ފުރުސަތު ނުދޭން ނިންމި މީހުނަށް ފުރުސަތު ދޭން ނިންމާ ޕްރައިމަރީ ދިނުމުގައިވެސް މުއިއްޒު އުނބަށް ޖެހީއެވެ.

އަޖައިބެއް ކަހަލަ ކަމެކެވެ. މުއިއްޒަށް ފޭރި ނުގަނެ އެއްކަމެއްވެސް ނުވެއެވެ. ރިޔާސީ ޓިކެޓް ފޭރިގަތީއެވެ. ދޮގާ ވަގާ މަކަރުން ވެރިކަން ފޭރިގަތީއެވެ. ޕާޓީ ބޮޑުކުރަން އާއްމު މެންބަރުންވެސް ފޭރިގަނެ ވަގަށް ނެގީއެވެ. މަޖިލިސް މެންބަރުން ތަކެއްވެސް ފޭރިގަތީއެވެ. ބަޖެޓުން ސިޔާސީ ޕާޓިތަކަށް ދޭ ފައިސާއިން 18 މިލިޔަން ފޭރިގަތީއެވެ. މިހާރު އެއުޅެނީ 20ވަނަ މަޖިލިސް ފޭރިގަންނާށެވެ. އާނއެކެވެ. ރައިސް ޔާމީނު ވިދާޅުވާ ޒާތުގެ މިނިކާ ބާޒެއް ވީމާ ނުފޭރޭނެ އެއްޗެއް ނުއޮންނާނެ ތާއެވެ.